ދިރާގުން ދޭން ހަމަޖެހިފައިވާ މޮޑެލްގެ ލޯންޗެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
11 ޑިސެމްބަރ 2024 - 13:58
މާލޭގެ ހަލަބޮލިކަމާއި ދުވަހުގެ ބިޒީ ޝެޑިއުލުން ސިކުނޑި ތާޒާކޮށްލާނެ ރަނގަޅު ފުރުސަތަކަށް ބަލަބަލާ ހުއްޓައި ލިބުނީ ދިރާގުގެ ކޯލެކެވެ. ދެއްކީ އެންމެން "މަށަށް މަށަށް" އެދި ތިބި ލޯންޗުގެ ވާހަކަ އެވެ. އެކަމަކު، ލޯންޗް އަހަރެންނަށް ލިބުނީ އެއް ނޫނެވެ. އެއީ، ޕްރޮމޯޝަންގެ ބައިވެރިވެ، އިންތިޒާރުގައި ތިބި މީހުންނަށް ލޯންޗް ދައްކާލުމުގެ ދައުވަތެކެވެ.
ނޫސްވެރިން ގެންދަން ހަމަޖެހިފައި އޮތީ ކައިރި ފިނޮޅަކަށެވެ. އަވަހަށް ދަތުރު ހަދާލައިގެން ގޮސް މަޑުކުރީ ދުވާ ޓްރެކް ކުރިމަތީގައި އޮންނަ ޖެޓީގަ އެވެ. ކުރިމަތިން ފެނުނީ އާއްމުކޮށް ފެންނަ ސްޕީޑް ބޯޓުތަކާ ތަފާތުކޮށް އޮތް "މަޖެލަން 32" އެވެ. ޕްރޮމޯޝަންގައި ދިރާގުން ދޭނީ ހަމަ މި ބްރޭންޑްގެ އާ ބޯޓެކެވެ.
ދިރާގުން ދޭ ސްޕީޑް ބޯޓުގައި ހިތްގައިމު ބުރެއް: މި ލޯންޗް ހޯދުމުގެ ފުރުސަތު މި މަހު 15 ގައި ހަމަވާނެ
— Mihaaru (@Mihaarunews) December 10, 2024
ތަފްސީލް: https://t.co/j4nujY92dC pic.twitter.com/Pg4J5jU7Hz
ކުރިން ފެނުނީ ދިރާގުން ދޭ އުޅޭ ސްޕީޑް ބޯޓުގެ ފޮޓޯއެކެވެ. އެހެންވެ ހީކުރީ މި ބޯޓަކީ ވެސް ހަމަ އާއްމު ބޯޓުތަކެކޭ އެއްގޮތަށް ކުޑަ ލޯންޗެއް ކަމަށެވެ. އެކަމަކު ހީކުރިވަރަށް ވުރެ ހިތްގައިމެވެ. ޑިޒައިންކޮށްފައި ވަނީ އެންމެ ޒަމާނީ ހުރިހާ ހިދުމަތެއް ފުރިހަމަކުރެވޭ ގޮތަށް އަދި އަރާމުގައި ދަތުރުކޮށްލެވޭ ގޮތަށެވެ.
ނަސީބުވެރިޔާ އަށް ލިބުމުގެ ކުރިން ދަތުރު ފެށީމެވެ.
ލޯންޗަށް އެރިއިރު ސަން ޑެކު ފެނި ޖައްސާލަން ބޭނުންވި ނަމަވެސް އެހެން ނޫސްވެެރިންނާ އެކު މަޑުކޮށްލީ ލޯންޗުގެ ފަހަތު ސީޓުގަ އެވެ. ލެދާ ސީޓުގައި އިށީނދެ ހަމަޖެހިލިތަނާ ލޯންޗު ނައްޓާލުމުން، ހާމަޔަށް އޮތް ތަނެއްގައި އިނުމު އަނެއްކާ ލޮނު ބުރާނެ ކަމަށް ހީވެ ނުތަނަވަސްވެފައި އިންދައި ކައްޕިގެ އިރުޝާދެއް ލިބުނެވެ.
ޔަގީންކަމާ އެކު ބުނީ މި ލޯންޗުގައި ލޮނުގެ އުނދަގޫ ނުޖެހޭނެ ކަމަށެވެ.
މި ލޯންޗަކީ ޔަމަހާ 175ގެ ދެ އިންޖީނު އަޅާފައިވާ ލޯންޗެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެއީ ތެދެކެވެ؛ ބާރު ސްޕީޑުގައި ވައި ކަފާފައި ދިޔަ އިރު ލޮނުގެ އެއްވެސް އަސަރެއް ނުކުރެ އެވެ.
ހިތްގައިމު ދުވަހެއްގެ މެންދުރަށްވުމުން, އިރުގެ ހޫނާއި ބާރުގެ ވަޔާ އެކު އެ ދަތުރުވީ އަރާމު ސިކުނޑިއަށް ލުއިވި ދަތުރަކަށެވެ. ދަތުރުގެ ހިތްގައިމު ކަމަށް ގެއްލި, ލޯންޗުގެ އަރިމަތީގައި ލެނގިލައިގެން އިންއިރު މި ލޯންޗު ސިފަކުރެވުނީ ވަރަށް ލަގްޒަރީކޮށެވެ. ލޯންޗު ފަރުމާކޮށްފައިވާ ގޮތާއި, އޭގައި ހިމަނާފައި ހުރި ފީޗާތަކުން އާއްމު ކުދިކުދި ލޯންޗުތަކާ ހިލާފަށް, މާ ފުރިހަމަ ތަޖުރިބާއެއް ލިބޭނެ އެވެ.
އޭގައި ހިމަނާފައިވާ ކެބިން އަކީ އޭގެ އެއް ހެއްކެވެ. ކެބިން އެކޭ ބުންޏަސް އެއީ ކުޑަވަރެއްގެ ކޮޓަރިއެކެވެ. އެތަން ހުރީ އަރާމުކޮށްލެވޭ ގޮތަށެވެ. މި ތަނުގައި ވެސް ބޭނުންކޮށްފައި ހުރީ ލޯންޗުގެ ހުރިހާ ކުޝަންއެއްގައި ބޭނުންކޮށްފައިވާ ކަހަލަ, މަޑު މުށި ކުލައިގެ ލެދާ އެވެ.
ލޯންޗުގެ ތަފާތުކަމާއި ރީތިކަން ފެނި, މިއާ ގުޅޭ ގޮތުން ހިތުގައި އުފެދިފައި ހުރި ސުވާލުތަކުގެ ޖަވާބު ދިނީ ކައްޕި ހުސެއިން ނާހިދު އެވެ. އޭނާ ދުއްވާ ލޯންޗަކީ ދިރާގުން ދޭ "މަޖެލަން 32" މަރުކާގެ އެންމެ ފުރަތަމަ އެއް ލޯންޗެވެ.
ނާހިދު ކިޔައިދިން ގޮތުގައި މިއީ، މަސް ދަތުރުތަކަށް އެއް ވަނައިގެ ލޯންޗެކެވެ.
ލޯންޗުގެ ކުރި އާއި ފަހަތުގައި ދޮށި އަޅައިގެން ތިބެވޭނެ ޖާގަ އޮތެވެ. އަދި މަހާއި އައިސްގެ ދެ ސްޓޯރޭޖް ބެހެއްޓޭނެ ކަމަށް ކައްޕި ބުންޏެވެ. ލޯންޗުގެ ރީތި ކަމާއި ފެންނަފެނުމަށް ހުންނަ ހިތްގައިމު ކަމުގެ ސަބަބުން ސަން ޑެކުގައި ޖައްސާލައިގެން އޮވެ, ޑޮލްފިން ބަލަން ދާން އެކި މީހުންގެ ރިކުއެސްޓުތައް އަންނަ ކަމަށް ވެސް ކައްޕި ބުންޏެވެ.
މި ލޯންޗުގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ދުއްވޭނެ ވަރުގެ ޔަމަހާ 175 ދެ އިންޖީނު ވަނީ އަޅައިފަ އެވެ. ގާތްގަނޑަކަށް 500އެއްހާ ލީޓަރުގެ ތެޔޮ އެޅޭނެ ލޯންޗަކަށްވުމުން ތަން ކޮޅެއް ދުރު ދަތުރުތަކަށް ވެސް މީގައި ދެވޭނެ ކަމަށް ކައްޕި ބުންޏެވެ.
އާއިލާ އެކު ދަތުރުތަކަށް އަދި ރައްޓެހިންނާއި އެކު މަސް ދަތުރުގެ އިތުރުން މާލެ އިން ބޭރުވެ ހިތްހަމަޖައްސާލަން ވެސް މި ބޯޑުގެ ޑިޒައިން ވަރަށް ކަމުދެ އެވެ.
ދަތުރު ނިންމާލައި އެނބުރި މާލެ އައި އިރު އަހަންނަށް ވެސް މި ލޯންޗު ލިބޭނެ ނަމައޭ ހިތައް އެރީ ސިކުނޑިއަށް ލުއިވި ވަރުންނެވެ. ލޯންޗުގެ ރީތިކަން ފެނި, ހިތްގައިމުކަން ތަޖުރިބާކުރެވުމުންނެވެ.
ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާގެ މި ލޯންޗު ހޯދަން ދެން ބާކީ މި އޮތީ ފަސް ދުވަހެވެ. ދިރާގުން އެދެނީ ނަސީބުވެރިއަކަށް ވުމުގެ ފުރުސަތު ނަގާ ނުލުމަށެވެ. ޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ލިބިދާނެ އެވެ.
ލޯންޗުގެ ކެބިން އޭރިއާ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ބޯޓު ލިބޭނީ ދިރާގުގެ 400ރ. އިން މަތީގެ ޕޯސްޓްޕެއިޑް ޕެކޭޖު ގެންގުޅޭ ކަސްޓަމަރުންނާއި ފައިބާ 40އެމް ޕެކޭޖުން މަތީގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނަށާއި 400ރ. އިން މަތިން ރީޗާޖުކުރާ ޕްރީޕެއިޑް ކަސްޓަމަރުންނާއި އަލަށް އެ ނެޓްވޯކާ ގުޅި މި އަގުތަކުން މަތީގެ ޕެކޭޖުތައް ނަގައިގެން ޕްރޮމޯޝަނަށް އެންރޯލް ކުރާ ކަސްޓަމަރުންގެ ތެރެއިން އެކަކަށެވެ.
ދިރާގުގެ 37 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގާ ޕްރޮމޯޝަނަށް އެންރޯލް ކުރެވޭނީ "ވިން އަ ސްޕީޑް ބޯޓު" ލިންކުންނެވެ.
އަހަރީ ދުވަސް ފާހަގަކުރަން ދިރާގުން މިދިޔަ އަހަރު ދިނީ ޓެސްލާ ކާރެކެވެ. ބޮޑު ތަރުހީބެއް ލިބުނު ޓެސްލާ ޕްރޮމޯޝަނަށް ފަހު މިފަހަރުގެ ސްޕީޑް ބޯޓު ހޯދުމުގެ ފޯރިގަދަ އެވެ. އެތައް ބައެއްގެ އިންތިޒާރު މި ލޯންޗާ އޮތީ ގުޅިފަ އެވެ. އޭގެ ކުރިން، މި ލޯންޗްގެ ސްޕީޑް ތަޖުރިބާކޮށްލަން ލިބި، ނަސީބުވެރިޔާގެ އުފަލުގައި ވެސް ބައިވެރިވެވިއްޖެ އެވެ.
ލޯންޗް ދަތުރު ވަރަށް ހިތްގައިމެވެ. ނަސީބުވެރިޔާ އަށް ވަރަށް ބޮޑަށް މަރުހަބާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy