އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ސިޓީއަށް ހަމަލާދީ ބިމާ ހަމަކޮށްލާފައިވާ އިމާރާތެއްގެ ކައިރިއަށް ބަޔަކު އެއްވެފައި: އިޒްރޭލުން ގެންދަނީ ޣައްޒާ ސިޓީ ހިފުމަށް ހަމަލާތައް ވަރުގަދަކުރަމުން. -- ފޮޓޯ: އޭއެފްޕީ
16 ސެޕްޓެމްބަރ 2025 - 12:01
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ސިޓީ ހިފަން ދޭ ހަމަލާތައް އާދަޔާ ހިލާފަށް ވަރުގަދަކޮށްފި ކަމަށް އެ ސިޓީގެ އާންމުން ބުނަމުން ދަނިކޮށް، ޣައްޒާ ސިޓީ "އަނދަމުން" ދާ ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް ބުނެފި އެވެ.
ކާޒް ބުނީ ސިފައިން މިހާރު ހަމަލާދެމުން ދަނީ ހަރުކަށިކަމާ އެކުގައި ކަމަށާއި އެއީ "ހަމާސްގެ ޓެރަރިސްޓު މަރުކަޒުތައް" ނައްތާލައި އަސީރުން މިނިވަންކުރެވޭނެ ހާލަތު އުފެއްދުމަށް ކަމަށެވެ.
"... ދުލެއް ނުދޭނަން. މިޝަން ކާމިޔާބުކޮށްފައި ނޫނީ ހުއްޓައެއްނުލާނަން،" ކާޒް ބުންޏެވެ.
ޣައްޒާ ސިޓީގެ އާންމުން ބުނާ ގޮތުގައި އިޒްރޭލު ސިފައިންގެ ހަމަލާތައް ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ. އަދި ޣައްޒާ ސިޓީއަށް އެއްގަމު މަގުން އިޒްރޭލު ސިފައިން ވަންނަމުންދާ ކަމަށް ވެސް ބުންޏެވެ.
ހަމަލާތައް ވަރުގަދަކުރީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކޮށް، ޣައްޒާ ސިޓީ ހިފުމަށް ތާއީދުކޮށްފައި ވަނިކޮށެވެ. އަދި އެ މަސައްކަތަށް އެމެރިކާގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށް ވެސް ރުބިއޯ ވަނީ ވިދާޅުވެފަ އެވެ.
އިޒްރޭލުން ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވީ، ޣައްޒާގެ ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ބެހޭ އެއްބަސްވުމަކަށް އައުމަށް ލިބިފައި އޮތީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމަށެވެ.
"...އަޅުގަނޑުމެން މިހާރު މިކަމަށް މަސްތަކެއް އޮތް ކަމަކަށް ނުދެކެން. އޭގެ ބަދަލުގައި، އަޅުގަނޑުމެންނަށް ބާކީ އޮތީ މަދު ދުވަސްކޮޅެއް ނުވަތަ މަދު ހަފްތާތަކެއް،" އޭނާ ވިދާޅުވި އެވެ.
އިޒްރޭލުން ބުނަމުންދަނީ ޣައްޒާ ސިޓީ ހިފުމުން އަސީރުން މިނިވަންކުރެވޭނެ ކަމަށާއި އެ ހިސާބުން ހަނގުރާމަ ނިމޭނެ ކަމަށެވެ. އެކަމަކު އެކި ގައުމުތަކުންނާއި އިޒްރޭލުގެ އާންމުން ވެސް ބުނަމުންދަނީ ޣައްޒާ ސިޓީ ހިފަން ކުރާ މަސައްކަތުން އަސީރުންގެ ފުރާނައަށް ނުރައްކާވުން ނޫން ކަމެއް ނުވާނެ ކަމަށެވެ.
ޣައްޒާ ސިޓީއަށް ހަމަލާ ދެމުން، އެތަނުން އާންމުން ނުކުންނަން އިންޒާރު ދެމުން ދާއިރު 250،000 އަށް ގިނަ މީހުން ނުކުމެ ޣައްޒާގެ ދެކުނަށް ގޮސްފައިވާ ކަމަށް އިޒްރޭލުން ބުނެ އެވެ. އެކަމަކު ފަލަސްތީނުގެ އިދާރާތަކުން ބުނަނީ މިލިއަނެއްހާ މީހުން އުޅޭ ޣައްޒާ ސިޓީން ނުކުތީ މިއަށްވުރެ މާ މަދު މީހުން ކަމަށެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާދެމުން ގެންދާތާ ދެ އަހަރު ވާން ގާތްވެފައި ވާއިރު ފަލަސްތީނުން ޝަހީދުވި އަދަދު ވަނީ 65،000 އަށް އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަލޯ ބެއްޔާ
16 September 2025
މިއުޅޭ ނަތަންޔާހޫއަށް ބިރުދައްކާ ޖެއްސުންކޮށްލާނެ ޖިންނި ޝައިތޯނެއްވެސް ނެތީތަ؟