އިޒްރޭލުގެ ހަމަލާއެއްގައި ޝަހީދުވެފައިވާ ކުއްޖެއްގެ ހަށިގަނޑު އުފުލާލައިގެން ގެންނަނީ: މިއަދު ވަނީ ޣައްޒާގައި މިދިޔަ ދެ އަހަރު ތެރޭ ޝަހީދުވި މީހުންގެ އަދަދު 65،000 އިން މަތިވެފައި. -- ފޮޓޯ: އޭއެފްޕީ
17 ސެޕްޓެމްބަރ 2025 - 19:48
އިޒްރޭލުން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފަލަސްތީނުގެ ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 65،000 އިން މައްޗަށް އަރައިފި އެވެ.
އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ހަމާސް އިން ދިން ކުއްލި ހަމަލާތަކެއްގައި ހާހަކަށްވުރެ ގިނަ މީހުން މަރާލައި 152 މީހަކު އަސީރުންގެ ގޮތުގައި ގެންދިއުމާ އެކު މިފަހަރުގެ ހަމަލާތައް ފެށީ ހަމާސް ނައްތާލުމުގެ ނަމުގަ އެވެ. އެކަމަކު ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އާންމުންނެވެ.
އަސީރުން މިނިވަންކޮށް ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ނަމުގައި އިޒްރޭލުން މިހާރު ގެންދަނީ ޣައްޒާ ސިޓީ ހިފަން ވަރަށް ބޮޑު އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެއާ އެކު މި ދުވަސްވަރު ވަނީ ޝަހީދުވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފަށައިފަ އެވެ.
މިއަދުގެ މިހާތަނަށް ޝަހީދުވި އަދަދާ އެކު މިހާތަނަށް ޝަހީދުވި އަދަދު ވަނި 65،062 އަށް އަރައިފަ އެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 165،000 އަށް ވުރެ މައްޗެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނި ގޮތުގައި މިއަދު ޝަހީދުވި މީހުންގެ ތެރޭގައި ތުއްތު ކުއްޖަކާއި އެ ކުއްޖާގެ މަންމަ ވެސް ހިމެނެ އެވެ. އެ ދެމައިން ޝަހީދުވީ ޝާތީ ރެފިއުޖީ ކޭމްޕުގައި ހުންނަ މީހުން ދިރިއުޅޭ އެޕާޓްމަންޓަކަށް ދިން ހަމަލާއެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ޣައްޒާ ސިޓީގެ އާންމުން މިހާރު ބުނާ ގޮތުގައި މި ދުވަސްވަރު ވަނީ ހަމަލާތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އަދި އެއްގަމު މަގުން އިޒްރޭލު ސިފައިން ޣައްޒާ ތެރެއަށް ވަންނަމުންދާ ކަމަށް ވެސް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy