އުމުރުން 9 އަހަރުގެ "ގޯ" ކުޅުންތެރިއެއް

އެބްސްޓްރެކްޓް ސްޓްރެޓެޖީ ބޯޑް ގޭމް "ގޯ" ކުޅޭ ޕްރޮފެޝަނަލް ކުޅުންތެރިންގެ ތެރެއިން އެންމެ ހަގު ކުއްޖާގެ މަގާމު ޖަޕާނުގެ ކުއްޖަކަށް ލިބިއްޖެ އެވެ.


ވަރަށް ވިސްނުން ތޫނު ކަމަށް ބެލެވޭ މީހުންގެ މެދުގައި އަދި އިރުމަތީ އޭޝިއާގެ ގައުމުތަކުގައި މަގުބޫލު މި ގޭމް ކުޅޭ އެންމެ ވަރުގަދަ މީހުންގެ ލިސްޓުން ސުމިރޭ ނަކަމޫރާ އަށް ޖާގަ ލިބުނު އިރު އޭނާގެ އުމުރަކީ 9 އަހަރެވެ.

އަންނަ އެޕްރީލް މަހުގެ 1 ގައި ބާއްވާ ޕްރޮފެޝަނަލް ލީގްގައި ސުމިރޭ އަށް ރަސްމީކޮށް ރޭންކިންގެ ފަސްޓް ޑޭން އަރުވާ އިރު، އޭނާ އަށް އެ މަހުގެ ތެރޭގައި 10 އަހަރު ވެސް ފުރޭނެ އެވެ.

މިހާރު ގްރޭޑް 4 ގައި ކިޔަވަމުން އަންނަ ސުމިރޭ "ގޯ" ކުޅެމުން އަންނަނީ އެންމެ 3 އަހަރުން ފެށިގެންނެވެ. އަދި 7 އަހަރުން ފެށިގެން އޭނާ އަންނަނީ ގައުމީ ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ވެސް ވާދަކޮށް ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ.

ދެ މީހުންނާ އެކު ކުޅޭ "ގޯ" ގެ އެންމެ ޅަ ކުޅުންތެރިޔާގެ ރިކޯޑް ކުރިން އޮތީ ޖަޕާނުގެ ރީނާ ފުޖިސާވާ އަތުގަ އެވެ. އުމުރުން 11 އަހަރުގައި އެ މަގާމު އޭނާ އަށް ލިބުނީ 2010 ގަ އެވެ.

ސުމިރޭ ބުނި ގޮތުގައި މުބާރާތްތަކުގައި ވާދަކޮށްގެން މޮޅުވުމުން އަބަދު ވެސް ވަރަށް އުފާވެ އެވެ.

"އަހަރެންގެ މިހާރުގެ އަމާޒަކީ ޖޫނިއާ ހައި ސްކޫލްގައި އުޅެމުން ގޯ ގޭމްގެ ޗެމްޕިއަނަކަށް ވާން،" ހޮނިހިރު ދުވަހު ޓޯކިއޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ބުންޏެވެ.

ޖަޕާން ގޯ އެސޯސިއޭޝަނުން މިހާރު ވަނީ ޗައިނާ އާއި ކޮރެއާގެ ކުޅުންތެރިން ވާދަ ކުރާ މުބާރާތެއްގައި ޖަޕާނުން ބައިވެރިވާ ޒުވާން ކުޅުންތެރިން ތަމްރީނު ކުރަން ވެސް ސުމިރޭ ހޮވައިފަ އެވެ. އޭނާގެ ބައްޕަ ޝިނިޔާ ނަކަމޫރާއަކީ 1998 ގައި "ގޯ" ގެ ޓައިޓްލް ހޯދައި، މި ކުޅިވަރުގެ އެންމެ މަތީ ލެވެލް ކަމަށްވާ 9 ވަނަ ޑޭން ހާސިލުކޮށްފައިވާ ކުޅުންތެރިއެކެވެ.

"ގޯ" އަކީ ރާޒުވާއާ އެއް ކަހަލަ ގޮތަކަށް ކުޅޭ ގޭމެކެވެ. އެގޮތުން މި ގޭމް ކުޅެނީ 19/19 ގްރިޑް ހިމެނޭ ބޯޑެއްގައި ހުދާއި ކަޅު ކުލައިގެ ކުދި ހިލަކޮޅުތައް ބޭނުންކޮށްގެންނެވެ.