ޕައިލެޓަކަށް ނުވެވުމުން ކާރު ބަދަލުކޮށްލީ "ހެލިކޮޕްޓަރަކަށް"

ކުރަން ބޭނުންވި ކަމެއް ހާސިލު ނުވިޔަސް، ކޮންމެވެސް އެހެން ގޮތަކުން އެކަމެއްގެ އުފާ ހޯދިދާނެކަން މި މީހާ މި ވަނީ ސާބިތުކޮށް ދީފަ އެވެ. އޭނާ ބޭނުންވީ ޕައިލެޓަކަށްވާށެވެ. އެކަމަކު އާއިލާގެ އެވަރުގެ ތަނަވަސްކަމެއް ނެތުމުން ޕައިލެޓްކަން ކިޔަވާނެ ފުރުސަތެއް ނުލިބުނެވެ.


އުދުހިލާގެ ފުރުސަތު ނުލިބުނަސް، "ހެލިކޮޕްޓަރު ކާރު" އިން މިތިލޭޝް ކުމާރު ހޯދާ އުފާ ކުޑައެއް ނޫނެވެ. ގްރޭޑް 12 އާ ހަމައަށް ކިޔަވާފައިވާ މިތިލޭޝް އޭނާ ގަތް ކުޑަވަރެއްގެ ސެކަންޑް ހޭންޑް ޓާޓާ ނެނޯ ކާރު ބަދަލުކޮށްލީ ހަތަރު ފުރޮޅުގައި "ދުވާ" ހެލިކޮޕްޓަރަށެވެ. މީގެ ކުރިމަތިން ބަލައިލާ އިރު ވެސް ހީވާނީ ހަމަ ހެލިކޮޕްޓަރެއްހެންނެވެ.

ކާރުގެ ޑިކީއާ ދިމާލުން އޮތީ ވެސް ހެލިކޮޕްޓަރުގެ ސިފަ ޖައްސައިފަ އެވެ. ކާރުމަތީގައި ބުރަފައްޗެއް ވެސް ހަރުކޮށްފައިވެ އެވެ. އެހެންވެ މި ދުވާ ކާރު ދުއްވައިގެންނާއި އެއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނުލެއް ބޮޑުކަމުން ޕައިލެޓަކަށްވުމުން ކުރެވޭ އިހުސާސް ކުރެވޭ ކަމަށް ބިހާރުގައި ދިރިއުޅޭ މިތިލޭޝް ބުންޏެވެ.

އޭނާ ބުނި ގޮތުގައި މި އުޅަނަދުގެ މަސައްކަތަށް 700،000 ރުޕީސް ހަރަދުވި އިރު، މަސައްކަތް އެއްކޮށް ނިންމަން ގާތްގަނޑަކަށް 7 މަސް ދުވަސް ނެގި އެވެ.

މިތިލޭޝްގެ "ހެލިކޮޕްޓަރު ކާރު"

"މިއީ ބުރަ އަދި ބޮޑު މަސައްކަތެއް. މިކަހަލަ ކަމެއް ކުރަން ޝައުގުވެރިވި އެންމެ ބޮޑު ސަބަބަކީ ވަރަށް ކުޑައިރުއްސުރެ ވެސް އަހަންނަކީ އެކި ކަހަލަ އިލެކްޓްރިކް ސާމާނު ރޫޅައިގެން އެ އެއްޗެހިތައް ހަދާފައި ހުންނަ ގޮތް ބަލަން ބޭނުންވާ މީހަކަށްވާތީ އައި ހިޔާލެއްގެ ތެރެއިން." ހޮޅި ފިކްސް ކުރުމުގެ މަސައްކަތް ކުރާ މިތިލޭޝް ބުންޏެވެ.

އޭނާ ކިޔައި ދިން ގޮތުގައި އެންމެ ބޮޑު އުފަލަކީ ޕައިލެޓަކަށް ވާން ފުރުސަތެއް ނުލިބުނަސް ހެލިކޮޕްޓަރެއް ކަހަލަ އުޅަނދެއް މިހާރު ދުއްވައިލެވުމެވެ. އަދި އެތައް ބައެއްގެ ސަމާލުކަން ވެސް މިއަށް ހުއްޓިފައިވެ އެވެ. އެގޮތުން ވަރަށް ގިނަ މީހުން އެކިއެކި ކަންކަމަށް އެ އުޅަނދު ބުކްކުރެ އެވެ. އޭގެ ތެރޭގައި ކައިވެނީގެ ހަފުލާތައް ބޭއްވުން ހިމެނެ އެވެ.

"މީތި އޮޕަރޭޓް ކުރަން ވެސް ހުންނާނީ ހާއްސަ ބަޓަންތަކެއް. ކޮންމެ ކަމެއް ވެސް ބަޓަނަކަށް ފިތާލައިގެން ކުރެވޭ ގޮތަށް އިންނާނީ،" މިތިލޭޝް ބުންޏެވެ. "އެހެންވެ އަހަންނަށް ކާރެއް ދުއްވުމެއް ވުރެ ހެލިކޮޕްޓަރެއް ދުއްވޭ ކަހަލަ އިހުސާސް ކުރެވެނީ."