ރާނޫ މޮންޑާލް: މި ނޫން ވާހަކައެއް ނެތް

ރޭލު ސްޓޭޝަނެއްގައި ކިޔައިލި ލަވައަކުން، ކުއްލިއަކަށް މަޝްހޫރު ތަރިއަކަށްވި ރާނޫ މޮންޑާލްގެ ވާހަކަ އިންޑިއާގެ މީޑިއާތަކުން މިހާރު ނުދައްކާ ދުވަހެއް ނާދެ އެވެ. އޭނާގެ ހުނަރުވެރިކަމުގެ ވާހަކަ އެވެ. އެތައް ފުރުސަތުތަކެއް ލިބެމުން އަންނަ ވާހަކަ އެވެ. ދިރިއުޅުން ބަދަލުވި ވާހަކަ އެވެ.


އެކަމަކު މީގެ ތެރޭގައި ތެދު ނޫން ބައެއް ވާހަކަތައް ވެސް އެބަ ހުއްޓެވެ. ރާނޫ ވަނީ ބައެއް މީޑިއާތަކާ އެ ވާހަކަތައް ހިއްސާ ވެސްކޮށްފަ އެވެ، އަދި އޭނާގެ ހަޔާތުގެ ބައެއް ވާހަކަތައް ޖާދޫއެއް ފަދަ އަޑުގެވެރިޔާ ވަނީ ކިޔައި ދީފަ އެވެ.

ދާދި ފަހުން މީޑިއާތަކުން ބުނިގޮތުގައި ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން ވަނީ ރާނޫ، 60، އަށް މުމްބާއީން 55 ލައްކަ ރުޕިސްގެ ގައެއް ގަނެދީފަ އެވެ. އަދި ޑިސެމްބަރުގައި ރިލީޒްކުރާ ސަލްމާންގެ "ދަބަންގް 3" އަށް ލަވައެއް ވެސް ރިކޯޑްކޮށްފަ އެވެ.

ނަމަވެސް ސަލްމާން ގެއެއް ގަނެދިން ވާހަކަ ރާނޫ ވަނީ ދޮގުކޮށްފަ އެވެ. އޭނާ ބުނިގޮތުގައި މިހާތަނަށް އަދި ސަލްމާނާ ބައްދަލެއް ވެސް ނުވެ އެވެ.

"އަހަންނަށް ސަލްމާން ގެއެއް ގަނެދިން ވާހަކަ އަކީ ރަނގަޅު ވާހަކައެއް ނޫން،" ކަލްކަތާގެ ރޭލު ސްޓޭޝަނެއްގައި ލަތާ މަންގޭޝްކަރުގެ "އެކް ޕިޔާރު ކަ ނަގްމާ ހޭ" ކިޔަނިކޮށް، މީހަކު ވީޑިއޯކޮށް، ސޯޝަލް މީޑިއާގައި އާންމުކުރުން ދިރިއުޅުން ބަދަލުވި ރާނޫ ބުންޏެވެ. "ދުވަހަކު ވެސް އަދި އޭނާއަކާ ބައްދަލެއް ވެސް ނުވޭ. އެކަމަކު ސަލްމާންގެ ތެރެ ނާމް ފިލްމަކީ އަހަންނަށް ވަރަށް ކަމުދާ ފިލްމެއް."

ރާނޫ ލަވަކިޔާ ވީޑިއޯ އާންމުކުރި ޒުވާނާއާ އެކު.

އޭނާ ބުނިގޮތުގައި ލިބިފައިވާ ލަވަކިޔުމުގެ ހުނަރުން ދިރިއުޅުން މިހާރު ބަދަލުވެއްޖެ އެވެ. އަދި އެކަމާ ޝައްކެއް ނެތް ކަމަށް ބުންޏެވެ.

"މިހާތަނަށް ހަ ލަވަ އަހަރެން ރެކޯޑްކޮށްފިން. އޭގެ ތެރެއިން ދެ ލަވައަކީ ހިމޭޝް ރޭޝަމިއާގެ ދެ ލަވަ،" ބޮލީވުޑް ލައިފަށް ދިން އިންޓަވިއުއެއްގައި ރާނޫ ބުންޏެވެ. "އަހަރެން މިހުރީ ފުރުސަތު ލިބޭ ވަރަކުން ލަވަ ރެކޯޑްކޮށް ދޭން ތައްޔާރަށް."

ހިމޭޝްއާ އެކު ލަވަ ރިކޯޑިން ހެދި އިރު ނަގާފައިވާ ވީޑިއޯތަކެއް ވެސް އޭނާ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އިވެ އެވެ. އެއީ ހިމޭޝްގެ ކުރިއަށް އޮތް ފިލްމު "ހެޕީ ހާޑީ އެންޑް ހީރު" ގެ ދެ ލަވައެކެވެ.

ރާނޫ ބުނިގޮތުގައި ހަޔާތުގެ ގިނަ ދުވަސްތަކެއް ކަލްކަތާގެ ރޭލު ސްޓޭޝަނށް ބަދަލުވީ، ފިރިމަރުވެ، އެ ކައިވެންޏަށް ލިބުނު ހަމައެކަނި އަންހެން ދަރިފުޅު ރާނޫ ދޫކޮށްލުމުން އަޅާލާނެ މީހަކު ނެތުމުން ސަލާންޖަހާށެވެ. އެގޮތުން އޭނާ ކައިބޮއި މިހާތަނަށް ހެދީ ރޭލު ސްޓޭޝަނުގައި އިނދެގެން ލަވަކިޔައިގެން މީހުންގެ ހިތްތައް އުފާކޮށްދޭތީ ދިއްކޮށްލާ ލާރިކޮޅަކުންނެވެ.

ލަވަކިޔުމަކީ ރާނޫ އަބަދުވެސް ކުރާ ކަމެކެވެ، އެއީ އެކަމަށް ހާއްސަ ލޯތްބެއް ޖެހިފައިވާތީ އެވެ. އޭނާ ލަވަކިޔަން ދަސްކުރީ ލަތާ މަންގޭޝްކަރު ކަހަލަ ލަވަކިޔުންތެރިންގެ ލަވަތައް ރޭޑިއޯއިންނާއި ކެސެޓުން ޖަހައިގެން ކަމަށް ބުންޏެވެ.

ރާނޫ ކިޔައިދިން ގޮތުގައި އޭނާ އުފަންވީ އެހާ ފަގީރު އާއިލާއަކަށް ނޫނެވެ. އެކަމަކު އޭނާގެ އުމުރުން އެންމެ ހަ މަހުގައި މައިންބަފައިން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. އަދި ބޮޑުވީ މާމަ ކައިރީގައި ހުރެގެން ކަމަށް ބުންޏެވެ.

"އޭރު ވަރަށް ދަތިކޮށް އުޅެ ބޮޑުވީ. ދެން ފަހުން ބޮޑުވެ މީހަކާ އިން ހިސާބުން މުމްބާއީ އަށް ދިރިއުޅުން ބަދަލުވި،" އޭނާ ބުންޏެވެ.

ރާނޫ ދަރިފުޅާ އެކު.

ރާނޫ ބުނީ އޭނާގެ ފިރިމީހާ އަކީ މަރުވުމާ ހަމައަށް، ކުރީގެ ފިލްމީ ތަރި ފީރޯޒް ޚާންގެ ގޭގައި ކައްކާއެކެވެ.

"އެ އާއިލާ އަހަރެމެންނަށް ވަރަށް ރަނގަޅު. ހަމަ އާއިލާގެ ބައެއްގެ ގޮތުގައި ދެކުނީ ވެސް. ފިރިމީހާ އެ ގޭގައި މަސައްކަތް ކުރި ދުވަސްވަރަކީ ފަރުދީން [ކުރީގެ ފިލްމީ ތަރި އަދި ފީރޯޒްގެ ދަރިފުޅު ފަރުދީން ޚާން] ކޮލެޖްގައި އުޅުނު ދުވަސްވަރު،" ރާނޫ ބުންޏެވެ.

އޭނާ ބުނިގޮތުގައި މުމްބާއީގައި ފިރިމީހާއާ އެކު ހަމަޖެހިގެން އުޅުނު ނަމަވެސް، ފިރިމީހާ މަރުވުމުން އަލުން ޖެހުނީ ކަލްކަތާ އަށް ބަދަލުވާށެވެ. އެ ހިސާބުން ރާނޫގެ މުޅި ދިރިއުޅުން ބިނާވެފައި އޮތި އެކަނިވެރިކަމާ އެކު ކަލްކަތާނެ ރަނާގަޓް ރޭލު ސްޓޭޝަނުގަ އެވެ.

ރާނޫ "ސުޕަސްޓާ ސިންގާ" ޝޯގައި.

އެކަމަކު އޭނާ ދިރިއުޅުން މުޅިން އެހެން ގޮތަކަށް ބަދަލުކޮށްލީ ވެސް ހަމަ އެ ރޭލު ސްޓޭޝަނުންނެވެ. ރާނޫ ބުނިގޮތުގައި އޭނާ މީހަކަށް ހަދައިދިން މީހާ އަށް ވެސް އޮތީ ހިފަހެއްޓުމެއް ނެތް ޝުކުރެ އެވެ. އެ މީހާ ވެސް މިހާރު ވަނި އަލުން ރާނޫއާ ބައްދަލުކޮށްފަ އެވެ. އެއީ 26 އަހަރުގެ އަތިންދުރާ ޗަކްރަބަތީ އެވެ. ރޭލު ސްޓޭޝަނުގައި ރާނޫ ލަވަކިޔަނިކޮށް އެ މަންޒަރު ސޯޝަލް މީޑިއާ އަށް ދޫކޮށްލީ އޭނަ އެވެ.

ރާނޫ ބުނިގޮތުގައި މިހާރު އެންމެ އުފާވާ އެއް ކަމަކީ އޭނާ ދޫކޮށް ދިޔަ ދަރިފުޅު އެނބުރި އައިސްފައިވުމެވެ.

ރާނޫގެ މޭކްއޯވާއެއް.

"އަހަރެން މިހާރު މި ހުރީ ވަރަށް އުފަލުން. ކަންބޮޑުވާންޖެހޭ ވަރުގެ އެއްވެސް ކަމެއް ނެތް. ތަގުދީރު، މީހެއްގެ ދިރިއުޅުން ކޮންމެ ގޮތަކަށް ވެސް ބަދަލުކޮށްފާނެ. ކުރިން އަޅާލާނެ މީހަކު ނެތި ބިކަވެފައި އިނީ ވެސް އަހަރެންގެ ތަގުދީރު އެކަން އެގޮތަށް ވާން އޮތީމަ" ރާނޫ ބުންޏެވެ. "އަދި އަހަރެންގެ ދިރިއުޅުމަށް ބޮޑު އުފާވެރިކަމެއް އަލުން އައީ ވެސް ތަގުދީރުގެ ނިޔާގެ ދަށުން. އަހަރެން މިކަންކަމަށް އަބަދު ވެސް ޝުކުރުކުރާނަން."

ރާނޫގެ ލަވަކިޔުމުގެ ކެރިއަރު ކުރިއަށް އޮތީ އެވެ. އޭނާގެ ކެރިއަރު މެނޭޖްކުރާނެ މެނޭޖަރަކު ވެސް މިހާރު އެބަ ހުއްޓެވެ. ފިލްމުތަކަށް ލަވަކިޔަން ކިޔަން ލިބުމުގެ އިތުރަށް ޝޯތައް ދޭން ވެސް ރާނޫ އަށް އަންނަނީ ފުރުސަތުތައް އޮހެމުންނެވެ.