އަދާލަތުން 13 ދާއިރާ އަކަށް ވާދަކުރަން ނިންމައިފި

އެޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަދާލަތު ޕާޓީން 13 ދާއިރާ އަށް ވާދަކުރަން ނިންމައި ކުރިމަތިލާން ހުޅުވާލައިފި އެވެ.


ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތުން މިއަދު ބުނިގޮތުގައި އެ ޕާޓީގެ ޓިކެޓު ބޭނުންވާ މީހުން މި މަހުގެ 20 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.

އިންތިޚާބުގައި ވާދަކުރާނެ ދާއިރާތަކެއް މި ކަނޑައެޅީ، ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް މަޖިލީސް އިންތިޚާބުގައި އެކުގައި ވާދަކުރަން ޕާޓީތަކުން މަޝްވަރާކޮށް ހައްލެއް ނުލިބުމުންނެވެ. ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން މަޖިލީހުގެ 87 ދާއިރާ އަށް ވާދަކުރަން ނިންމާފައިވާއިރު ޖޭޕީން ވަނީ އެ ޕާޓީގެ ޓިކެޓް ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލައިފަ އެވެ.

އަދާލަތުން ވާދަކުރާ 13 ދާއިރާ

- ކެލާ ދާއިރާ

- ވައިކަރަދޫ ދާއިރާ

- ހަނިމާދޫ ދާއިރާ

- މަކުނުދޫ ދާއިރާ

- އިނގުރައިދޫ ދާއިރާ

- ކާށިދޫ ދާއިރާ

- މަހިބަދޫ ދާއިރާ

- މުލަކު ދާއިރާ

- ނިލަންދޫ ދާއިރާ

- ގަމު ދާއިރާ

- ފުވައްމުލަކު ދެކުނު ދާއިރާ

- ފޭދޫ ދާއިރާ

- މާފަންނު ދެކުނު ދާއިރާ

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގައި އަދާލަތު ޕާޓީ ތަމްސީލް ކުރެއްވީ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް އެކަންޏެވެ.

މަޖިލިސް އިންތިޚާބުގައި ކޯލިޝަންގެ ޕާޓީތަކަށް ދާއިރާތައް ބަހާނެ ގޮތާ މެދު ހަތަރު ލީޑަރުންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މަޝްވަރާތަކެއް ބާއްވަވައިފަ އެވެ. ހިޔާލުތަފާތުވުންތަކަށް ހައްލެއް ނުލިބި، މިހާތަނަށް ވެސް އެކަމުގައި ވަކި ގޮތެއް ނުނިމެ އެވެ.