ވޯޓާސް ލިސްޓަށް 1،256 ޝަކުވާ ހުށަހެޅި: އީސީ

އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓަށް 1،256 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.


މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވެ އެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހަފުތާއަކަށް ވުރެ ގިނަ ދުވަހުގެ މުއްދަތެއް ދިނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް "މިހާރު" އަށް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ބަންދުވި އިރު، މައިގަނޑު ގޮތެއްގައި ޝަކުވާގެ ގޮތުގައި ހުރީ އެޑްރެސް ބަދަލުވުމާއި ދާއިރާ ބަދަލުވުމާ ގުޅޭ ޝަކުވާތައް ކަމަށެވެ.

"އެކަންކަން ރަނގަޅު ކުރަން އަޅުގަނޑުމެން ވާނީ ޑީއެންއާރަށް ފޮނުވާފައި،" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ ވޯޓާސް ލިސްޓު ރަނގަޅު ކުރުމަށް ފަހު، އަންނަ ހުކުރު ދުވަހު ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދޭނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަކުވާއެއް އައިސްފި ނަމަ، އެކަންކަން ރަނގަޅު ކުރުމަށް ފަހު ފައިނަލް ލިސްޓް ނެރޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް 6 ގަ އެވެ. އެ ދުވަހު 87 ދާއިރާއަކުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ވޯޓުލާނެ އެވެ.

މަޖިލިސް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައި އޮތް އިރު، އެކަމަށް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 ގެ ނިޔަލަށް އޮންނާނެ އެވެ.