ޑީއޯ ސައްޕެ ސިޔާސީ ޕާޓީއެއް އުފައްދަވަނީ

ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ ފައުންޑަ މެމްބަރު އަދި 'ދިވެހި އޮބްޒާވާ' ހިންގެވި އަހުމަދު ޝަފީގު މޫސާ (ޑީއޯ ސައްޕެ) ސިޔާސީ ޕާޓީއެއް އުފެއްދުމަށް މިއަދު ހުއްދަ ނަންގައިފި އެވެ.


ސައްޕެ ވިދާޅުވީ އޭނާ ހުއްދަ ނެންގެވީ 'ދަރުމަވަންތަ' ނަމުގައި ޕާޓީއެއް އުފައްދަން ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ޕާޓީ އުފެއްދުމުގެ މަސައްކަތް ނިންމަވާނެ ކަމަށެވެ.

ސައްޕެ ވިދާޅުވި ގޮތުގައި، އެމްޑީޕީން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމެވީ ސިޔާސީ މާހައުލުގައި ރަނގަޅު ޕާޓީއެއް، ލީޑަރެއް އަދި މީހަކު ހަރަކާތްތެރި ނުވާތީ ފުރިހަމަ ސިޔާސީ ޕާޓީއެއް ވުޖޫދަށް ގެނައުމަށެވެ.

"އަޅުގަނޑު ދެކެނީ އަޅުގަނޑަކީ ރައްޔިތުންގެ ބެލެނިވެރިއެއްގެ ގޮތުގައި. ކުރިން ވެސް އަޅުގަނޑު މަސައްކަތް ކޮށްފައި ހުންނާނީ ރައްޔިތުންގެ މަންފާ އަށް. އެހެންވެ އެގޮތުން އާ ޕާޓީއެއް އުފައްދަން ނިންމީ،" ސައްޕެ ވިދާޅުވި އެވެ.

ސައްޕެ ވިދާޅުވާ ގޮތުން، އަލުން ވެރިކަން ލިބުނު ހިސާބުން ފެށިގެން އެމްޑީޕީގެ އުސޫލުތަކާއި ވިސްނުން ވަނީ ބަދަލުވެފަ އެވެ.

"ހަރުމުދާގަނޑެއް ފަދައިން [އެމްޑީޕީ] މަގާމުތައް ވެސް ބެހީ. ހަމަ ތަނަކުން މީހަކު ގެނެސް ބުނެފާނެ ޑެޕިއުޓީ ލީޑަރޭ ވެސް. އެއްވެސް ކަހަލަ ހަމައެއް ނޯވޭ. އެކެއްގެ ފަހަތުގައި މުޅި ޕާޓީ އޮންނަނީ،" މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ މެމްބަރުންގެ ތާއީދު ހޯއްދަވާފައިވާ ސައްޕެ ވިދާޅުވި އެވެ.

ސައްޕެ ވިދާޅުވީ 'ދަރުމަވަންތަ' ސިޔާސީ ޕާޓީން އަމާޒު ހިފާނީ 2023 ގައި ވެރިކަމަށް އައުމަށް ކަމަށެވެ. އަދި މުއްސަނދިންގެ ނުފޫޒާއި ކޮރަޕްޝަނުން ސަލާމަތްވެ ޕާޓީއެއް ހިންގާނެ ގޮތުގެ ރީތި މިސާލު އެ ޕާޓިން ދައްކާނެ ކަމަށް ވެސް ސައްޕެ ވިދާޅުވި އެވެ.

"ހުރިހާ ކަމެއް ވެސް ގޯސްކޮށް މިއޮތީ. މަގުމަތިން ފެށިގެން ސިޔާސީ ދާއިރާ އަށް ހަމައަށް ހަމައިން ނުނެއްޓޭ ކަމެއް ނެތް. އެހެންވީމާ ހަގީގަތުގައި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭންޖެހޭ އެބަ،" އޭނާ ވިދާޅުވި އެވެ.

އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ސައްޕެ ނިންމެވީ، އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާމިނގިލީ ދާއިރާ އަށް ވާދަ ކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރުމަށް މަސައްކަތް ކުރެއްވުމަށް ފަހު އެވެ.

ސައްޕެ ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ފެއްޓެވި ނަމަވެސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މާމިގިލި ދާއިރާ އަށް އޭނާ އަމިއްލަ ގޮތުން ވާދަކުރައްވާނެ އެވެ. މި ފަހަރުގެ އިންތިޚާބުގައި ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެ ދާއިރާ އަށް ނުކުންނަވާނެ އެވެ.

"އަޅުގަނޑުގެ ނަމެއް ނެތް އެމްޑީޕީގެ މެންބަރުންގެ ލިސްޓަކު. ފަހުން ފިންގާ ޕްރިންޓް ޖަހައިގެން ފޯމު ލާން ޖެހުނު ހިސާބުން އަޅުގަނޑުގެ ނަމެއް ނެތް. އެކަމަކު ފިންގާ ޕްރިންޓު ޖަހައިގެން ފޯމެއް ވެސް ހުށަހެޅިން. އެކަމަކު ޕްރޮސެސް ނުވެ އޮތީ،" ސައްޕެ ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގައި ހުންނަވައިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ބަދަލު ކުރުމަށް ސައްޕެ ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ. އެ ދުވަސްވަރު މީޑިއާގެ މިނިވަންކަން ނެތުމުން، އެމްޑީޕީގެ ޚަބަރުތަކާއި ރާއްޖޭގެ ސިޔާސީ މާހައުލު ބޭރުގެ މީޑިއާތަކުގެ ސަމާލުކަމަށް ގެނައުމަށް ވެސް ސައްޕެ ވަނީ ބޮޑު މަސައްކަތްތަކެއް ކުރައްވައިފަ އެވެ.