އެޗްޑީސީން ބޯހިޔާވަހިކަމުގެ ނަމުގައި އެއް ބިލިއަން ޑޮލަރު ނެގި: ފައްޔާޒް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބޯހިޔާވަހިކަމުގެ ނަމުގައި އެއް ބިލިއަން ޑޮލަރާ ގާތް ކުރާ ވަރުގެ އަދަދެއްގެ ލޯނު ނެގި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ހުޅުމާލޭގައި ރޭ ވިދާޅުވެއްޖެ އެވެ.


އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ މަޖިލިހުގެ އިންތިޚާބުގައި ހުޅުމާލެ ދާއިރާ އަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒްގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ފައްޔާޒް ވިދާޅުވީ އެޗްޑީސީގެ ދަރަންޏަކީ މީހަކަށް އިހްސާސް ނުކުރެވޭ ވަރުގެ ދަރަންޏެއް ކަމަށެވެ.

"ބޯހިޔާވަހިކަމުގެ ނަމުގައި ކޮށްފައި ހުރި ކަންތައްތަކަށް އެއް ބިލިއަން ޑޮލަރާ ގާތްކުރާ އަދަދަށް އެޗްޑީސީ އޮތީ ދަރާފައި. ދަރާފައި އޮތް ވާހަކަ މި ދަންނަވަނީ އެވަރުގެ ދަރަނި ނަގާފައި އޮތް ވާހަކަ،" މަޖިލިހުގައި ކުރިން ގަމު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ އެޗްޑީސީގައި ކުރިން ހިނގާފައި ހުރި ކަންކަން ބަލާފައި އެކަންކަން ހައްލު ކުރެވޭނެ ގޮތްތައް ހޯދުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ވެސް ކުރަމުން އަންނަ ކަމަށެވެ.

ސަރުކާރު ކޯލިޝަންގައި މިހާރު ތިއްބެވި ބައެއް ބޭފުޅުން ކުރިން ތުހުމަތު ކުރެއްވި ގޮތުގައި މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި އެޗްޑީސީ މަސައްކަތް ކުރީ ސަރުކާރު ދެ ވަނަ ދައުރަކަށް އިންތިޚާބުކޮށްދޭށެވެ.

އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް ބިލްބޯޑާއި ތަކެތި ހުޅުމާލޭގައި ހަރުކުރީ އެޗްޑީސީގެ ހަރަދުގައި ކަމަށް ތުހުމަތު ކުރެ އެވެ. އަދި ކެމްޕެއިން ތެރޭގައި އެތައް ހަރަދެއް ކުރި ކަމުގެ ތުހުމަތު، އޭރު އެޗްޑީސީގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އިސްތަށިފުޅުގައި އެޅިފައިވެ އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމުގެ ނަމުގައި ކުދި ކުދި އިމާރާތްތައް ހަދައިގެން އެޗްޑީސީން ކުރިން ދެއްކީ ހުވަފެނެވެ. އަދި ރައީސް އުފެއްދެވި "ފަހި ދިރިއުޅުން ކޯޕަރޭޝަން" އަކީ ރައްޔިތުންނަށް އުނދަގޫ ކަމެއް ނެތި މިލްކު ކުރެވޭ ފްލެޓުތަކަކަށް ހަދާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން އާންމުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ފެށި ހިޔާ މަޝްރޫއަށް އިޝާރާތް ކުރައްވައި ފައްޔާޒް ވިދާޅުވި ގޮތުގައި އެކަން ސިފަ ވަނީ ވައްކަމެއްގެ ގޮތުގަ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ކުރިން "މިހާރު" އަށް ވިދާޅުވި ގޮތުގައި ކުންފުނިން އެކި ގޮތްގޮތުން ޒިންމާ ނަގަން ޖެހޭ ލޯނުގެ އަދަދު 11 ބިލިއަން ރުފިޔާ އަށް އަރަ އެވެ. ސުހައިލް ވިދާޅުވީ އެޗްޑީސީގެ ނަމުގައި ލޯނު ނަގާފައި ވަނީ ކުންފުނީގެ "ކެޕޭސިޓީއަށް ވުރެ ގިނައިން" ކަމަށެވެ.

ކުރީގެ ސަރުކާރުން އެޗްޑީސީގެ ބޮލުގައި އަޅުވާފައި ވަނީ ހަމައެކަނި ގެދޮރު މަޝްރޫއުތަކަށް، ނުވަތަ ހުޅުމާލޭގެ ތަނެއް ހިއްކަން ނެގި ލޯނުތަކެއް ނޫނެވެ. އެޗްޑީސީން ސީދާ ހަރަދުކުރަން ނުޖެހޭ އެކަމަކު ސަރުކާރުގެ ވަކި ސިޔާސަތުތަކެއް ފުރިހަމަކުރަން، ކުންފުންޏަށް އުފުލަން މަޖުބޫރުކުރި މާލީ ޒިންމާތަކެއް ވެސް، ޔާމީންގެ ސަރުކާރުން އޮތީ އަޅުވައިފަ އެވެ. އޭގެ ތެރެއިން އެއް މަޝްރޫއުއަކީ ހުޅުލޭ ލިންކް ރޯޑް ހެދުމެވެ.

އަޙްމަދު އުޝާމް

2

ވިލިމާލެ ދާއިރާ