އެމެރިކާ އިން ރާއްޖެ އަށް 310 މިލިއަން ރުފިޔާ ދެނީ

ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އެމެރިކާ ސަރުކާރުން 20 މިލިއަން ޑޮލަރު (310 މިލިއަން ރުފިޔާ) ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކޮށްފި އެވެ.


އެމެރިކާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ މި އެހީ ރާއްޖެ އަށް ދެނީ ސަރުކާރުގެ އެޖެންސީއެއް ކަމަށްވާ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އިން ކަމަށެވެ. އެއްބަސްވުމުގައި ރާއްޖެ އިން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ.

ޔޫއެސްއެއިޑްގެ ފަރާތުން ސޮއިކުރެއްވީ އެ އެޖެންސީން ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ޑިރެކްޓަރު ރީޑް އިޝިމަން ކަމަށް އެމްބަސީން ބުންޏެވެ.

އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު އެލެއިނާ ޓެޕްލީޒް ވިދާޅުވީ މި އެހީގެ ސަބަބުން އެމެރިކާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. މިއީ، ދިވެހިންގެ މުސްތަގުބަލް އުޖާލާ ކުރުމަށްޓަކައި އެމެރިކާ އިން ދިން އެހީއެއް ކަމަށް ސަފީރު ވިދާޅުވި އެވެ.

އެމެރިކާ އިން ރާއްޖެ އަށް ޓެކްނިކަލް އެހީދޭން ކަނޑައަޅާފައިވާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ޕަބްލިކް ފައިނޭންޝަލް މެނޭޖްމެންޓް، ރޫލް އޮފް ލޯ، ހިއުމަން ރައިޓްސް އާއި ގުޑް ގަވާނެންސް ހިމެނެ އެެވެ.

މީގެއިތުރުން، އެމެރިކާ އިން ދިވެހިންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމަށް އެއްބަސްވެފައިވާ ކަމަށް ވެސް އެމެރިކާގެ އެމްބަސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޔޫއެސްއެއިޑަކީ ރާއްޖެ އަށް މީގެ ކުރިން އެކިއެކި ދާއިރާތަކުން އެހީތެރިވެފައިވާ އެޖެންސީއެކެވެ. އެގޮތުން 2004 ވަނަ އަހަރު ރާއްޖެ އަށް ކުރިމަތިވި ސުނާމީގެ ކާރިސާއާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި އެޖެންސީން ވަނީ 12 މިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ.

އެމެރިކާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަރަށް ބޮޑަށް ހީނަރުވެގެން ދިޔަ އެވެ. ހާއްސަކޮށް، އެމެރިކާ ވެގެން ދިޔައީ ޔާމީންގެ ސިޔާސަތުތަކާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލި އެއް ގައުމަށެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ފަހުން، ރާއްޖެ އާއި އެމެރިކާ އާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ވަނީ ވަރުގަދަވެފަ އެވެ.

އަޙްމަދު އުޝާމް

2

ވިލިމާލެ ދާއިރާ