ވައުދުތަކާ ދުރަށް ދެވޭކަށް ނެތް، އެޖެންޑާ 19 އަށް ވޯޓު ދެއްވާ: ރައީސް

ރިޔާސީ އިންތިހާބުގެ ތެރޭގައި ވެވަޑައިގެންނެވި ވައުދުތަކާ ދުރަށް ވަޑައިނުގެންނެވޭނެ ކަމަށާއި "އެޖެންޑާ 19" އަށް ވޯޓު ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އެދިވަޑައިގެންފި އެވެ.


އެމްޑީޕީން ޅ. ހިންނަވަރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް އެ އިޝާރާތް ކުރެއްވި އެޖެންޑާ 19 އަކީ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް އެ ޕާޓީން އެކުލަވާލި ސިޔާސަތެވެ. ރައީސް ކުރިން ވިދާޅުވި ގޮތުގައި އެޖެންޑާ 19 ގައި ވައުދުތައް ވަރަށް ތަފްސީލް ގޮތެއްގައި ހިމަނާފައިވެ އެވެ.

ގިނަ އަދަދެއްގެ ބަޔަކާ އެކު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި ވެވަޑައިގެންނެވި ވައުދުތަކަކީ އެމަނިކުފާނަށް ތާއީދު ކުރެއްވި ސިޔާސީ ޕާޓީތަކާއި ބޭފުޅުން ގަބޫލު ކުރެއްވި ވައުދުތަކެއް ކަމަށާއި އެ ވައުދުތައް ރައްޔިތުންނަށް ފުއްދައި ދެއްވަން ޖެހޭ ކަމަށެވެ.

ހިންނަވަރުގައި ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވަނީ. --- ފޮޓޯ: އެމްޑީޕީ

"އަނިޔާވެރިކަން ރާއްޖެ އިން ނައްތާލުން. ކޮރަޕްޝަންގެ ވަބާ ފޮހެލުން. ރައްޔިތުންނަށް ބޭނުންވެފައިވާ އަސާސީ ހިދުމަތްތައް ތަފާތު ކުރުމެއް ނެތި ވަކި ރަށެއް، ވަކި އަތޮޅެއް، ކުޑައެއް، ބޮޑެއް ނެތި ހުރިހާ އެންމެންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން. ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގުމަށް ބަދަލު ގެނައުން. މިހެން ގޮސް އެތައް ކަމެއް އެއީ އަޅުގަނޑު ވެފައި ހުރި ވައުދުތަކެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ހުރިހާ ވައުދުތަކަކާ "އެއް އަޑަކުން" އަދި "އެއް ބަހަކުން" އޭރު ތާއީދުކޮށް ހުރިހާ ބޭފުޅުން އެމަނިކުފާނާ އެކު ނުކުމެ ތިއްބެވި އެވެ. އެހެންވެ، ވައުދުތައް ފުއްދެވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން "މަޖުބޫރު" ވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް ވަޑައިގެން ފުރަތަމަ 100 ދުވަހުގެ އެޖެންޑާއެއް އެކުލަވާލި އިރު، އެއް އަހަރު ދުވަހުގެ އެޖެންޑާއަކާއި ފަސް އަހަރުގެ މާސްޓަ ޕްލޭނެއް އެބައޮތް ކަމަށެވެ. ވައުދުތައް ފުއްދެވުމަށް އެންމެ "ހިނދުކޮޅަށް" ވެސް މަޑު ނުޖެހި ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ޅ. ހިންނަވަރުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޅ. އަތޮޅުގެ އެކި ދާއިރާތަކަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުން. --- ފޮޓޯ: އެމްޑީޕީ

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް މަޖިލިހުގެ ދައުރު މުހިންމެވެ. މަޖިލިހުގައި ތިއްބަވަން ޖެހޭނީ ވައުދުތައް ގަބޫލުކުރާ މެމްބަރުން ކަމަށާއި އެހެން ނޫނީ ވައުދުތައް ފުއްދުމަކީ ސަރުކާރަށް ދަތި، އުނދަގޫ ކަމަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިކަން އޮތީ އަޅުގަނޑުމެން މީގެ ކުރިން ތަޖުރިބާކޮށްފައި. އެހެންކަމުން އަޅުގަނޑު މި ރަށުގެ ހުރިހާ ރައްޔިތުންނަށާއި އަތޮޅުގެ ކުރެންދޫ، ނައިފަރު، އޮޅުވެލިފުށީގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ގޮވާލަނީ އެޖެންޑާ 19 އަށް ވޯޓު ދެއްވާށޭ،" ރައީސް ވިދާޅުވި އެވެ.

ޅ. އަތޮޅުގެ ރަށްތައް ތަރައްގީ ކުރުމަށް މި އަހަރުގެ ބަޖެޓުގައި ގިނަ ކަންކަން ހިމެނިފައިވާ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އުފަން ރަށް ކަމަށްވާ ހިންނަވަރު ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލު ކުރުމާއި ކަރަންޓުގެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ހިންނަވަރުގައި ބޭއްވި ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަނީ. --- ފޮޓޯ: އެމްޑީޕީ

ރައީސް ޅ. އަތޮޅަށް ވެވަޑައިގެންނެވި ބައެއް ވައުދުތައް:

- ހިންނަވަރުގައި 800 މެގަވޮޓްގެ ޖަނަރޭޓަރެއް ވަރަށް އަވަހަށް ބެހެއްޓޭނެ.

- ހިންނަވަރު ސިއްހީ މަރުކަޒު ބޮޑު ކުރުމަށް ހެދި ޕްލޭން ބަދަލު ކުރާނަން.

- ނައިފަރުގައި 100 ހައުސިން ޔުނިޓް އަޅައި، ކައުންސިލް އިމާރާތެއް އަޅާނަން.

- ކުރެންދޫގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރާނަން.

- އޮޅުވެލިފުށީގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރާނަން.

ރައްޔިތުންނަށް ވެވަޑައިގެންނެވި ބައެއް ވައުދުތައް ފުއްދަވައި ދެއްވިކަން ފާހަގަ ކުރައްވަމުން ރައީސް ވަނީ ކުރިއަށް އޮތް ތަނުގައި ވަކި ރަށެއް ތަފާތުނުކޮށް، ތަރައްގީ ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި އެކަމުގައި "ފަސް ޖެހުމެއް ނޯންނާނެ" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ޖީހާން މަހްމޫދަށާއި ނައިފަރު ދާއިރާގެ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ކާރިމާއި ކުރެންދޫ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓު އަބްދުލްޣަނީ އަބްދުލް ހަކީމަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އިބްރާހިމް ހަމްޒާ ޚަލީލް

3

ގަލޮޅު އުތުރު ދާއިރާ