މެލޭޝިއާގެ ބޭންކެއްގައި ރައީސްގެ އެކައުންޓެއް ނޯންނާނެ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބޭންކް އެކައުންޓަކަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި 4.2 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 70 މިލިއަން ރުފިޔާ) ޖަމާކޮށްފައިވާ ކަމަށް ކުރާ ތުހުމަތު ރައީސް އޮފީހުން މިއަދު ދޮގުކޮށްފި އެވެ.


ކޮމިއުނިކޭޝަންސް ސެކްރެޓަރީ، ހަސަން އިސްމާއިލް "މިހާރު" އަށް ވިދާޅުވީ މެލޭޝިއާގެ އެއްވެސް ބޭންކެއްގައި ރައީސްގެ އެކައުންޓެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން މެލޭޝިއާ ބޭންކެއްގެ އެކައުންޓަކަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް ފަތުރާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މަޝްރޫއެއް ހިންގަން އައި ބޭރުގެ ކުންފުންޏަކުން ރައީސްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވަނީ މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.

އެ މައްސަލަ ހުށަހެޅި މީހާއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސްގެ އެކައުންޓަށް ފައިސާ ޖަމާކުރި ލިއުންތަކެއް އޭނާ އަށް ވަނީ ލިބިފަ އެވެ. އޭސީސީ އަށް މައްސަލަ ހުށަހެޅީ އެ ލިއުންތަކުގެ ސައްހަކަން ކަށަވަރު ކުރަން ކަމަށް ވެސް އެ މީހާއާ ހަވާލާދީ ލިއެފައިވެ އެވެ.

އޭސީސީ އަށް މައްސަލަ ހުށަހެޅި ކަމުގެ ލިއުން އޭނާ ވަނީ ސޯޝަލް މީޑިއާގައި ވެސް އާއްމުކޮށްފަ އެވެ. އެއީ، މައްސަލައެއް ހުށަހަޅައިފި ނަމަ އާއްމު އުސޫލުން އޭސީސީން އެ މީހަކަށް ދޭ ލިއުމެވެ. އޭގައި އޮތީ، މައްސަލަ ބެލުމާ މެދު ކޮމިޝަނުން ނިންމާ ގޮތެއް އަންގާނެ ކަމަށެވެ.

ރައީސްގެ އެކައުންޓަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވި ކަމަށް މީގެކުރިން އިދިކޮޅު ޕީޕީއެމުން ވެސް ތުހުމަތު ކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު ތުހުމަތު ކުރެއްވި ގޮތުގައި އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ އިން ރިޝްވަތުގެ ގޮތުގައި 32 މިލިއަން ރައީސަށް ލިބިވަޑައިގަތެވެ. އާރިފާއި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ އެ ތުހުމަތާ ގުޅިގެން އޭސީސީން މައްސަލަ ތަހުގީގު ކުރި އެވެ.

މި ތަހުގީގަށް ފަހު އޭސީސީން ނެރުނު ރިޕޯޓުގައި ވަނީ ދެ ބޭފުޅުން ވެސް ތަހުގީގުގައި ވިދާޅުވީ އެއީ، "ސިޔާސީ ގޮތުން ދެއްކެވި ވާހަކަތަކެއް" ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުން މަންފާ ލިބުނު ލިސްޓު އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވީ ސިޔާސީ ގޮތުން ކަމަށް އެއް ބޭފުޅަކު ވިދާޅުވި ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ.

މިދިޔަ ސަރުކާރަށް އަމާޒުވި ކޮރަޕްޝަން ތުހުމަތުތަކާ އެކު ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުކުރަން މި ސަރުކާރުން ވަނީ "ޒީރޯ ޓޮލަރެންސް" ސިޔާސަތު ކަނޑައަޅައި ތަންފީޒު ކުރަން ފަށައިފަ އެވެ. މި ސަރުކާރުގެ އެއްވެސް އިދާރާއަކުން ނުވަތަ ކުންފުންޏަކުން ނަމަވެސް ކޮރަޕްޝަންގެ އަމަލެއް ހިންގައިފި ނަމަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ ސަރުކާރުގައި ހިންގި ކޮރަޕްޝަންތައް ބަލަން ވަނީ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދަވައިފަ އެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާ ގުޅޭ މައްސަލަތައް ބަލައި މިހާރު ވަނީ ރައީސަށް ރިޕޯޓެއް ވެސް ފޮނުވައިފަ އެވެ.