އަމާޒަކީ އުފެއްދުންތެރި ޒުވާން ޖީލެއް ބިނާ ކުރުން: ރައީސް

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ޒަމާނީ ތައުލީމް އުނގަންނައިދީގެން، ހެޔޮލަފާ ދުޅަހެޔޮ އުފެއްދުންތެރި ޒުވާން ޖީލެއް ބިނާ ކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ދުނިޔޭގެ މިހާރުގެ ހާލަތަށް ބަލާ އިރު، ދިވެހި ޒުވާނުންނަކީ ވަރަށް ނަސީބުވެރި ބައެއް ކަމަށެވެ. އަދި އެ މީހުންނަކީ ލޯތްބާއި އެކުވެރިކަމާއި އަމާންކަމާ އެކު ދިރިއުޅުމުގެ މަތިވެރި ނިއުމަތް ލިބިފައިވާ ބައެއް ކަމަށް ވިދާޅުވި އެވެ.

"އެންމެ ޅަ ފަތުން ފެށިގެން، ހަށިހެޔޮ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވެފައިވާ ބައެކެވެ. އެންމެ ތުއްތު އުމުރުން ފެށިގެން، ޒުވާން އުމުރު ނިމެންދެން ވެސް، އަދި އޭގެ ފަހަށް ވެސް، ރާއްޖެ އާއި ރާއްޖޭން ބޭރުން ވެސް، ތައުލީމް ހާސިލްކުރުމުގެ ފަހި ފުރުސަތުތައް ލިބިފައިވާ ބައެކެވެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިއަދުގެ ޒުވާނުންނަކީ، ގައުމަށް ހެވާއި ލާބައަށް މަސައްކަތްކުރާ ބަޔަކަށް ހެދޭނީ، ޒުވާނުން ބިނާކުރުމަށް އިސްކަން ދީގެންނެވެ. ގައުމަށް ބޭނުންވަނީ، ޒަމާނީ ތައުލީމުން ސިކުނޑިތަކަށް ދިރުން ލިބި، އުފެއްދުންތެރި އާ އީޖާދުތަކަށް ފިކުރު ހިންގާ ޒުވާނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރިވެތި އަހްލާގާއި، އިޖްތިމާއީ ރީތި އަދަބުތަކުގެ މަތީގައި ތަރުބިއްޔަތުވެފައިވާ، ޒިންމާދާރު ޒުވާނުންނެވެ. އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ސާބިތުވެ ތިބި، ގައުމަށް ވަފާތެރި ތެދުވެރި ޒުވާނުންނެވެ،" ހެޔޮލަފާ ބަޔަކަށް ޒުވާނުން ހަދަން ބޭނުންވާ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، ޒަމާނީ ތައުލީމް އުނގަންނައިދީގެން، ހެޔޮލަފާ ދުޅަހެޔޮ އުފެއްދުންތެރި ޒުވާން ޖީލެއް ބިނާ ކުރުން ކަމަށެވެ. އަދި ޒަމާނީ ތައުލީމާއި ތަމްރީން ލިބިގެން، އަމިއްލަ އަތުން ދިރިއުޅުން ބިނާކުރާ، ޒިންމާދާރު ބަޔަކަށް ޒުވާނުން ހަދަން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސަރުކާރުގެ ހުރިހާ ސިޔާސަތުތަކެއް ތަންފީޒުކުރަމުން ދާނީ، އެ ލަނޑުދަނޑި ޙާސިލް ކުރެވޭނެ މަގުންނެވެ. ބޭނުމަކީ، އުގަމާއިގެން ކުރިއަށް ދިޔުމުގެ ރޫހާއި، ވަތަނީ ލޯބި ހުރި، އަދުލު އިންސާފަށް ވަކާލާތުކުރާ ޖީލެއްގެ އަތްމައްޗަށް، ގައުމުގެ ކުރިމަގު ފުރޮޅިގެން ދިޔުމެވެ،" ރައީސް ވިދާޅުވި އެވެ.

ދައުލަތުން ފަހިކޮށްދީފައިވާ ފުރުސަތުތަކުގެ ބޭނުން ހިފައިގެން، ޒުވާނުންގެ ކުރިމަގު އުޖާލާކުރުމުގެ އަޒުމް ކަނޑައަޅައި، އެކަމަށް ގަދައަޅައި މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ތިޔަ ޒުވާނުންގެ އަމިއްލަ ދިރިއުޅުމަށް ލިބޭ ކޮންމެ ކުރިއެރުމަކީ، ގައުމަށް ލިބޭ ތަރައްގީ އެވެ. ތިޔަ ޒުވާނުން ޒިންމާދާރުވުމަކީ، ގައުމު އިސްލާހްކުރުމުގެ ތަޅުދަނޑި،" ރައީސްގެ ހިތާބުގައިވެ އެވެ.