ކުލަ ގަދަ ހަރަކާތްތަކާ އެކު ޒުވާނުންގެ ދުވަސް ފާހަގަ ކުރަން ފަށައިފި

ކުލަ ގަދަ ހަރަކާތްތަކާ އެކު މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރަން ފަށައިފި އެވެ.


ޔޫތު މިނިސްޓްރީ ބުނީ މިއަދު ފާހަގަ ކުރާ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ހަރަކާތްތައް މާލެ، ވިލިމާލެ އަދި ނ. ވެލިދޫގައި ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން ކުލަ ގަދަ ހަރަކާތްތަކާ އެކު ޒުވާނުންގެ ދުވަސް ފުރަތަމަ ފާހަގަ ކުރަނީ ވެލިދޫގަ އެވެ.

ވެލިދޫގައި ކުރިއަށް ގެންދާ ހަރަކާތްތަކުގައި އދ. ގެ ޖެނެރަލް ސެކްރެޓަރީގެ އެންވޯއީ ޖަޔަތުމާ ވިކްރަމްނަޔަކަ އާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވެސް ބައިވެރިވެވަޑައިގެންނަވަ އެވެ.

ޒުވާނުންގެ ދުވަސް މިއަދު ވެލިދޫގައި ފާހަގަ ކުރަނީ.

ވެލިދު އަށް ފުރާވަޑައިގަތުމުގެ ކުރިން މަހްލޫފް ކުރެއްވި ޓުވީޓެއްގައި އެންވޯއީ ޓެގް ކުރައްވައި ވިދާޅުވީ ޒުވާނުންނަށް މިހާރަށް ވުރެ ގިނަ ފުރުސަތުތަކެއް ހޯދައިދީ، ނިންމުންތަކުގައި ޒުވާނުންގެ ހިއްސާ އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޔޫއެންގެ ޔޫތު އެންވޯއީ ކުރެއްވި ޓުވީޓު.

ޔޫތު މިނިސްޓްރީގެ ޕޮލިސީ ޑިރެކްޓަރު އަހުމަދު އިރާޝް ވިދާޅުވީ މަހްލޫފާއި އެންވޯއީ ވެލިދު އަށް ވަޑައިގެންނެވުމުން އެ ރަށުން ހޫނު މަރުހަބާ އެއް ދެންނެވި ކަމަށެވެ. އޭގެ ފަހުގައި، ދިވެހި ސަގާފީ އެކިއެކި ކަންކަން ދެ ބޭފުޅުން ބައްލަވައިލެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރަށުގެ ރައްޔިތުން ތައްޔާރު ކުރި އީދު ކެއުމަށް ދެ ބޭފުޅުން އިންސާފުކޮށް ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަވީރު އޮތީ މާލީގެ އެކިއެކި ކުޅިވަރުތައް. މިރޭ ރޫޓު މާޗެއް އޮންނާނެ. ޒުވާނުންގެ ރަސްމީ ޖަލްސާ ވެލިދޫގައި މިރޭ އޮންނަ އިރު، ހަވާ އެރުވުން ވެސް އޮންނާނެ،" އިރާޝް ވިދާޅުވި އެވެ.

މަހްލޫފް ކުރެއްވި ޓުވީޓު.

މި ހަރަކާތްތައް ރޭވުމުގެ ބޭނުމަކީ އިރާޝް ވިދާޅުވި ގޮތުގައި ޒުވާނުންނަކީ މުހިންމު ބައެއްގެ ގޮތުގައި ބަލައި، ޒުވާނުންނަށް ހުރި ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. އަދި މި ސަރުކާރުން ޒުވާނުންނަކީ އެކިކަންކަމުގައި ބަސް ބުނާ ބައެއްގެ ގޮތުގައި ހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒުވާނުންގެ ދުވަސް ފާހަގަ ކުރަން ބޭއްވި ހަރަކާތްތަކުގައި ބަޔަކު ނަށަނީ.

ކުރިއަށް އޮތް ތަނުގައި ޒުވާނުން އެދޭ ބަދަލުތައް ފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މާދަމާ ވެލިދޫގައި އެކި ކަންކަމުގައި މަޝްވަރާ ކުރުމަށް "ހޮޅުއަށި" ނަމުގައި ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ވިލިމާލޭގައި އީދު ކުޅިވަރުތަކާ އެކު ބާބަކިއު އާއި އެހެން ބައެއް ހަރަކާތްތައް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަހަށް އދ. މަޖިލީހުން ކަނޑައަޅާފައިވާ ޝިއާރުގެ އަމާޒަކީ، އެކަކުވެސް ބާކީނުކޮށް އެންމެން ޝާމިލްވާ، ހަމަހަމަ ފުރުސަތު ލިބިދޭ، ފެންވަރު ރަނގަޅު ތައުލީމެއް ކަށަވަރު ކޮށްދިނުމެވެ. އަދި ހަޔާތުގެ ހުރިހާ އުމުރު ފުރާއެއްގައި ތައުލީމް ހާސިލްކުރުމުގެ ފުރުސަތު، އެންމެންނަށް ފަހިކޮށްދިނުމެވެ.