ޑރ. ޖަމީލް، ޕީޕީއެމްއާ ގުޅިވަޑައިގެން އެޑްވައިޒަރަކަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިރޭ އިދިކޮޅު ޕީޕީއެމާ އަލުން ގުޅިވަޑައިގެން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރަކަށް ހަމަޖައްސައިފި އެވެ.


ޖަމީލް ޕީޕީއެމާ ދެވަނަ ފަހަރަށް ގުޅިވަޑައިގަތުމަށް ހާއްސަ އިވެންޓެއް މިރޭ ވަނީ ބާއްވައިފަ އެވެ. ޖަމީލް އެންމެ ފަހުން ހުންނެވި ޖުމްހޫރީ ޕާޓީން މިދިޔަ ފެބްރުއަރީ މަހު ވަނީ ވަކިވެވަޑައިގެންފަ އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަށް ވެސް މިދިޔަ ހޯމަ ދުވަހުގެ ރޭ ވަނީ އިދިކޮޅު ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރުކަން ދެއްވައިފަ އެވެ. އެ މަނިކުފާނަކީ 2013 ވަނަ އަހަރުން ފެށިގެން ޕީޕީއެމްގެ މެމްބަރެކެވެ.

ޕީޕީއެމާ އަލުން ގުޅިވަޑައިގަތުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ރާއްޖެ މިހާރު ދެކޭ "ތަރައްގީގެ މަޝްރޫއުތަކުގެ ބާނީ" ކަމަށް ވާއިރު، އެ މަނިކުފާނު ޖަލުގައި ހުންނެވުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

މަނީލޯންޑަރިންގެ ތުހުމަތުގައި ޔާމީން ފަސް އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، ޖަމީލް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ "ދަބަސްދަބަހަށް" އަޅައިގެން "އުފުލި" މީހުން ތިބީ ގޭގައި ކަމަށެވެ. އެހެންވެ، ޖަމީލް ވިދާޅުވީ، ޔާމީން ޖަލަށް ލައިގެން އުޅެނީ ސިޔާސީ ހަސަދަވެރިކަމެއްގެ ތެރެއިން ކަމަށެވެ.

"ރައީސް ޔާމީން މިއަދު ޖަލުގައި އެ ހުންނެވީ ބަދަލު ހިފުމުގެ ރޫހުގެ ތެރެއިންކަން. ރައީސް ޔާމީން މިއަދު ޖަލުގައި އެ ހުންނެވީ އެއްވެސް ހަމައެއް، އިންސާފަކުން ހިންގި ޝަރީއަތުގެ ތެރެއިން ނޫން ކަން،" ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނުގެ ނައިބު ރައީސްކަމަށް ހުންނެވިއިރު، ޔާމީންގެ ފިއްތުންތަކާ އެކު، އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ޖުލައި 23، 2015ގައި މަގާމުން ވަކިކުރި ނައިބު ރައީސް ވިދާޅުވި އެވެ.

ޑރ. ޖަމީލް، އަލުން ޕީޕީއެމާ މިރޭ ގުޅިވަޑައިގަތުމަށް ފަހު، ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް މިހާރު ހުންނެވި ޖަމީލް ވިދާޅުވި ގޮތުގައި، ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ މައްސަލަ ހައްލު ކުރަން ބޭނުން ނަމަ އޮތް ހައްލަކީ "އަޅުގަނޑުމެން އެންމެ ނުކުތު"މެވެ. ޚާއްސަކޮށް، ޔާމީން ޖަލުން ސަލާމަތް ކުރުމަށް އެންމެން ނުކުންނަންޖެހޭ ކަމަށް ޖަމީލް ވިދާޅުވި އެވެ.

މަނީލޯންޑަރިންގެ ތުހުމަތުގައި ޔާމީން ފަސް އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، ޖަމީލް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ "ދަބަސްދަބަހަށް" އަޅައިގެން "އުފުލި" މީހުން ތިބީ ގޭގައި ކަމަށް. އެހެންވެ، ޖަމީލް ވިދާޅުވީ، ޔާމީން ޖަލަށް ލައިގެން އުޅެނީ ސިޔާސީ ހަސަދަވެރިކަމެއްގެ ތެރެއިން ކަމަށް.

"ދެހާސް ތޭވީސް ވަނަ އަހަރު ރާއްޖޭގެ ރިޔާސަތާ ކޮންމެ ހާލަތެއްގައި ވެސް، މިއަދުގައި މި އޮތް މައްސަލަ ހައްލު ކުރަން ބޭނުން ކަމުގައި ވާ ނަމަ ރާއްޖޭގެ ސިޔާދަތު ހިފަހައްޓަން ބޭނުން ކަމުގައި ވާ ނަމަ ރާއްޖޭގެ ގައުމިއްޔަތު އަޅުގަނޑުމެން ރައްކާ ކުރަން ބޭނުން ކަމުގައި ވާ ނަމަ ރާއްޖޭގައި އިސްލާމްދީނުގެ ވަހުދަތު އަޅުގަނޑުމެން ގާއިމު ކުރަން ބޭނުން ކަމުގައި ވާ ނަމަ އަޅުގަނޑުމެންގެ ކުރިމައްޗަށް ވަރުގަދަ، ބިޔަ، ކެރޭ ލީޑަރަކު އަންނަން އެބަޖެހޭ،" ޖަމީލް ވިދާޅުވި އެވެ.

"އެ މީހަކީ، މީހަކު ފެންނަ ކޮންމެ ފަހަރަކު ކަރުނަ އޮއްސައި، އެ މީހަކީ، މީހަކު ކިޔާ އެއްޗެއް އަމިއްލަ އަށް ނޭނގޭ ވަރުގެ މީހަކަށް ވާ ކަމުގައި ވާ ނަމަ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި އަޅުގަނޑުމެން ފަލީހަތް ވާނެ. އެކަމުން އަޅުގަނޑުމެން ސަލާމަތް ވާން ބޭނުން ކަމުގައި ވާ ނަމަ އަޅުގަނޑު ދެކޭގޮތުގައި ކުރިމަތީގައި އޮތީ އެންމެ ހައްލެއް. އެއީ ރައީސް ޔާމީން 2023 ވަނަ އަހަރުގެ ކެންޑިޑޭޓަކަށް ނެރުން."

އަދި ހަގީގަތުގައި ފްލެޓުތަކުގެ ބާނީ އަކީ ވެސް މި ފިކުރުގެ ވެރިޔާ ރައީސް ޔާމީން --- ޖަމީލް

ޕީޕީއެމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުން ޖަމީލް ވިދާޅުވި ގޮތުގައި، އެއީ ރާއްޖޭގެ އިގުތިސާދު ބިނާކުރާ ފިކުރެވެ. ރާއްޖޭގެ ވިޔަފާރި އުފައްދާ ފިކުރެވެ. އެއީ ބޮޑެތި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރި ވެސް ފުޅާކުރާ ފިކުރެވެ.

"ޕީޕީއެމްގެ ވެރިކަމުގައި 50 އެތަކެއް ރިސޯޓެއް ހުޅުވިގެން ދިޔަ. ޕީޕީއެމްގެ ވެރިކަމުގައި [ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ] ރަންވޭ އެ އޮތީ ނިމިފައި. ޕީޕީއެމްގެ ވެރިކަމުގައި ޓާމިނަލް އެހެރީ ނިމިފައި، ބޮޑު މާސިންގާ ބިޔަ ހޮސްޕިޓަލެއް އެހެރީ ނިމިފައި. ބްރިޖު ވެސް އެ އޮތީ ނިމިފައި،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ދަންނަވަން މިއުޅޭ ވާހަކަ އަކީ ޕީޕީއެމަކީ ވިޔަފާރި އަށް ފުރުސަތު ދޭ، ވިޔަފާރިވެރިން އުފައްދާ، ދިވެހިރާއްޖޭގައި މި އޮތް އިގުތިސާދު ފުޅާކުރާ ވިސްނުން ހަމައެކަނި ދިވެހިރާއްޖޭގައި އޮތް ޕާޓީ އަކީ ޕީޕީއެމް."

ޖަމީލް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއްގައި ގާނޫނެއް ހަދައިފި ނަމަ އެ ކަން ކުރާނީ "ވިޔަފާރި އަށް ތުރާކުރަން" ކަމަށެވެ. އޭގެ ބަދަލުގައި ޕީޕީއެމް ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ރާއްޖޭގައި ވިޔަފާރިތައް ފުޅާކޮށް، ތަރައްގީ ގެނައި ކަމަށް ޖަމީލް ވިދާޅުވި އެވެ.

"އަދި ހަގީގަތުގައި ފްލެޓުތަކުގެ ބާނީ އަކީ ވެސް މި ފިކުރުގެ ވެރިޔާ ރައީސް ޔާމީން،" ޖަމީލް ވިދާޅުވި އެވެ.