ޑެންމާކް ބޮޑުވަޒީރުގެ ކައިވެނި ތިން ވަނަ ފަހަރަށް ފަސްވެއްޖެ

ކޮވިޑް-19އާ ހެދި މި އަހަރުގެ ވަރަށް ގިނަ ކައިވެނިތައް ވަނީ ތާވަލުން ކައްސާލައިގެން އެތައް ފަހަރެއްގެ މަތިން ކެންސަލްކުރަން ޖެހިފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ކައިވެނީގެ ހަފުލާތައް ވަނީ ކުރިން ބާއްވަން ނިންމިހާ ކުލަގަދަކޮށް ބޭއްވެން ނެތުމުން ވަރަށް އާދައިގެ ގޮތަކަށް ބާއްވައިފަ އެވެ. އަދި ބައެއް މީހުންގެ ކައިވެނީގެ ހަފުލާތައް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެެވެ.


ޑެންކާމްގެ އަންހެން ބޮޑުވަޒީރު މީޓް ފްރެޑްރިކްސެން ވެސް ހުންނެވީ ކައިވެނީގެ ހަފުލާ ބޭއްވޭނެ ދުވަހެއް ކަށަވަރު ނުވެފަ އެވެ. ކައިވެނީ ހަފުލާ އެންމެ ފުރަތަމަ، މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކެންސަލްކުރަން ޖެހުނީ އާންމު އިންތިހާބާ ގުޅިގެންނެވެ. ދެވަނަ ފަހަރަށް ކެންސަލްކުރަން ޖެހުނީ ކޮވިޑް-19 ގެ މަސައްކަތާއި އެކަމާ ގުޅިގެން އިއުލާންކުރަން ޖެހުނު ލޮކްޑައުންއާ ހެދި އެވެ. އޭރު ނިންމަވާފައި އޮތީ އެޕްރީލް ހިސާބުގައި ކައިވެނިކުރައްވާށެވެ. އެކަމަކު ކައިވެންޏަށް ވުރެ ރައްޔިތުންނާ ގުޅުން ހުރި ކަންކަން މުހިއްމުވާތީ ކައިވެނީގެ ހަފުލާ ދެ ފަހަރަށް ވެސް ކެންސަލްކުރެއްވީ އެވެ.

ތިން ވަނަ ފަހަރަށް އެ ހަފުލާ ކެންސަލްކުރަން ޖެހުނީ އަންނަ މަހުގެ ތެރޭގައި އީޔޫ ކައުންސިލްގެ ބައްދަލުވުމަށް އަންނަ މަހު ވަޑައިގަންނަވަން ޖެހޭތީ އެވެ. އެކަމަކު ކުރިން ޕްލޭން ކުރައްވާފަތި އޮތީ ލޯބިވެރިޔާ ބޯ ޓެންގްބާގާ އަންނަ މަހުގެ 18 ގައި ކައިވެނިކުރައްވާށެވެ.

ނަމަވެސް އީޔޫ ކައުންސިލް ބައްދަލުވުމަކީ ރައްޔިތުންނަށްޓަކައި ކޮންމެހެން ބައިވެރިވަޑައިގަންނަވަން ޖެހޭ ބައްދަލުވުމަކަށްވާތީ ކައިވެނީގެ ހަފުލާ ކެންސަލްކުރެއްވީ އެވެ. ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ ޖުލައި 17-18 އަށް ބެލްޖިއަމްގެ ބްރަސަލްގަ އެވެ.

މި ބައްދަލުވުކީ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރަން އީޔޫގެ ގައުމުތަކުން ފަންޑް ހޯދުމާ ގޮތުން ބާއްވާ ބައްދަލުވުމެކެވެ. އެހެންވެ މިކަންވެގެން ދާނީ ކޮވިޑާ އެކު ކުރިމަތިލި ލޮކްޑައުންތަކަށް ފަހު ފުރަތަމަ ފަހަރަށް އީޔޫގެ ވެރިން އެއްތާކަށް ޖަމާވާ ބައްދަލުވުމަށެވެ.

އޭގައި ކޮންމެހެން ވެސް ބައިވެރިވަޑައިގަންނަވަން ޖެހޭތީ ކައިވެނި ކެންސަލްކުރެއްވި ވާހަކަ ލޯބިވެރިޔާއާ އެކު ނަންގަވާފައިވާ ފޮޓޯއަކާ އެކު ފޭސްބުކްގައި ހިއްސާކުރައްވަމުން ބޮޑުވަޒީރު ވިދާޅުވީ "މިއީ ގައުމުގެ މަސްލަހަތަށް" ނިންމެވި ގޮތް ކަމަށެވެ. އަދި ކައިވެނިކުރެއްވޭނެ ދުވަހަކަށް ވަރަށް ބޮޑަށް އިންތިޒާކުރެއްވޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އަހަރެން މި ހުންނަމީ ބޯއާ ކައިވެނިކުރެވޭނެ އިރެއްގެ އިންތިޒާރުގައި. އަދި ބޯ ވެސް ހުރީ ހަމަ އެފަދަ ހާލަތެއްގައި. އެކަމަކު އަހަރެމެންނަށް ދިމާވެފައި މިއޮތީ ފަސޭހަ ހާލަތެއް ނޫން." މީޓް ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ކައިވެނީގެ ހަފުލާ ބާއްވާނެ ތާރީހެއް އަލުން އިއުލާންކުރައްވާނެ ކަމަށެވެ.

ދެހާސް ފަނައިރައިގައި މަގާމާ ހަވާލުވެޑައިގެންނެވި 42 އަހަރުގެ ބޮޑުވަޒީރު ކުރިން ވެސް ކައިވެންޏެއްކުރައްވާފައިވެ އެވެ. އެކަމަނާ އާއި އެރިކް ހާރް 2003 ގައި ކުރެއްވި ކައިވެނީ ރޫޅުނީ 2014 ގަ އެވެ. އަދި އެ ކައިވެންޏަށް ދެ ދަރިން ވެސް ލިބިވަޑައިގެންފައިވެ އެވެ. އެއީ ދަރިކަލުން މެގްނީ ހާރް، 14، އާއި ދަރިކަނބަލުން އިޑާ ފެލައިން ހާރް، 18، އެވެ.