ރައީސަށް ދެ ވަނަ ދައުރެއްގެ ކަށަވަރު މަގަކީ ބަރުލަމާނީ: ނަޝީދު

އެމްޑީޕީ އަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ކޮށްދެވެން އޮތީ ބަރުލަމާނީ ނިޒާމަކުން ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއްގެ ކަށަވަރު މަގަކީ ވެސް އެއީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


އެމްޑީޕީން މިއަދު ނެރުނު އެ ޕާޓީގެ "ޚަބަރު ސިޓީ"ގައި ނަޝީދު އަބަދުވެސް ވަކާލާތު ކުރައްވާ ބަރުލަމާނީ ނިޒާމާ މެދު ވިސްނުން ގެންގުޅުއްވާ ގޮތް ތިލަކޮށް ސާފުކޮށްދެއްވި އެވެ. ރާއްޖޭގެ ވެރިކަން ކުރަން އޮތް އެންމެ ރަނގަޅު ނިޒާމަކީ އެއީ ކަމަށް ވިދާޅުވެ، އެ ހާލަތުގައި ވެސް ރައީސަކަށް ހުންނަވަން ބޭނުންފުޅުވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ލިޔުއްވާފައިވެ އެވެ.

އެ ނިޒާމުގައި ނަޝީދު ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ނަމަ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް އެކަން ދަންނަވާނެ އެވެ. އެކަމަކު، އެ މަނިކުފާނުގެ ސިޔާސީ ހުރިހާ މަސައްކަތެއްގެ މިސްރާބު ހުރީ ބޮޑުވަޒީރަކު ކަން ކުރެއްވުމާ ދިމާލަށް ކަމަށް އަމާޒުކުރާ ފާޑުކިއުންތައް ދޮގެއް ނުކުރައްވަ އެވެ. ނަމަވެސް ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގެ ކުރިން، "ކުރަން ހުރި ކަންކަން މަދެއް ނޫން" ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އިންނަވައި ނަޝީދު މި ފަހުން ނިންމަވާ ބައެއް ކަންކަމާ މެދު ފާޑުކިއުން އަމާޒުވެފައި ވަނީ ބަރުލަމާނީ ނިޒާމަކާ ގުޅުވަ އެވެ. އެ މަނިކުފާނުގެ ހުރިހާ މަސައްކަތެއްގެ އަމާޒަކީ އެއީ ކަމަށް ވިދާޅުވެ ސިޔާސީ ބައެއް ލީޑަރުން ވެސް އެކަމާ ދެކޮޅަށް އަޑުއުފުއްލަވަ އެވެ.

ވެރިކަން ކުރާ ކޯލިޝަންގެ ބައެއް ލީޑަރުން ވެސް ރާއްޖެ އަށް ބަރުލަމާނީ ނިޒާމެއް ގެނައުމާ ދެކޮޅެވެ. ރިޔާސީ ނިޒާމަކީ ރާއްޖޭގައި ވެރިކަން ކުރަން އެންމެ ރަނގަޅު ނިޒާމު ކަމަށް ގޮތް ނިންމީ ރައްޔިތުން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ބަރުލަމާނީ ނިޒާމަކަށް ނޫނެކޭ ވިދާޅުވެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވުރެ މުހިއްމު މަސައްކަތްތަކެއް އެ މަނިކުފާނު ރައްޔިތުންނަށް ކޮށްދެއްވަން ހުރި ކަމަށެވެ. ހުރިހާ ވަގުތެއް ހުސްކުރައްވަން ބޭނުންފުޅު ވަނީ، އެ ކަންކަން ފުރިހަމަކޮށްދެއްވަން ކަަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އެމްޑީޕީން ކޮންމެ މަހަކު ދެ ފަހަރު ނެރޭ ސިޓީގައި ނަޝީދު ވެސް ލިޔުއްވި ގޮތުގައި އެ މަނިކުފާނު ބަރުލަމާނީއަކަށް ތާއީދުކުރެއްވި ނަމަވެސް އެއީ އަދި ފަހުގެ ވާހަކައެކެވެ.

"ސީދާ ސީދަލަށް ދަންނަވާނަމެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި އަޅުގަނޑު ފާހަގަކުރާ ނުކުތާތަކަކީ ސަރުކާރު ނިކަމެތިކުރުމަށް ފާހަގަކުރާ ކަންކަމެވެ. ހާދަހާވާ ބޮޑު އޮޅުމެކެވެ. އާދެ، ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް އަޅުގަނޑު އެދެމެވެ. ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމެވެ،" ނަޝީދު ލިޔުއްވާފައިވެ އެވެ.

"އެމްޑީޕީ އަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ކޮށްދެވެން އޮތް ނިޒާމަކީ ވެސް ބަރުލަމާނީ ނިޒާމެކެވެ. ރައީސް ސޯލިހްގެ ދެ ވަނަ ދައުރު ލިބުމުގެ އެންމެ ކަށަވަރު މަގަކީ ވެސް ބަރުލަމާނީ ނިޒާމެވެ. އެހެން ނަމަވެސް މިއީ އަދި ފަހުގެ ވާހަކައެކެވެ."

ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރު ތެރޭގައި ހުރި ކޮރަޕްޝަންގެ މައްސަލަތަކުގެ ވާހަކައަކީ ނިޒާމު ބަދަލުކުރުމާ ގުޅޭ ވާހަކައެއް ނޫނެވެ. އެއީ، ރާއްޖޭގެ ރައްޔިތުންނަށް ހެޔޮވެރިކަމަކަށް އެމްޑީޕީން އަބަދުވެސް ވަކާލާތުކުރާ ވައްކަމާއި އަނިޔާއާ ދެކޮޅު ސިފަތައް ކުރިއެރުވުމުގެ ވާހަކަތަކެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ ވަޒީރަކާ ދެކޮޅަށް ނުރުހުންފާޅުކުރައްވަނީ ބަރުލަމާނީ ނިޒާމެއް ގެންނަވަން ނޫން ކަމަށާއި ކުރައްވަން އުނދަގޫ އެކަމާ ގުޅިފައި ވަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމާ އެވެ.