ވިކްޓިމްގެ ބަޔާނަށް ބަދަލެއް ނުގެންނަން: ޕޮލިސް

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި މިދިޔަ ޖޫން މަހުގެ ތެރޭގައި ޖިންސީ ގޯނާކުރި މައްސަލައިގައި ހިމެނޭ ވިކްޓިމް ތަހުގީގަށް ދިން ބަޔާން ބަދަލުކުރި ކަމަށް އޭނާގެ ލޯޔަރުން ރޭ ކުރި ތުހުމަތު ފުލުހުން މިއަދު ދޮގުކޮށްފި އެވެ.


ޖިންސީ ގޯނާ ކުރިމަތިވި ކެންޔާގެ 27 އަަހަރުގެ މީހާ ފުލުހުންނަށް ދިން ބަޔާނަށް އުނި އިތުރު ފުލުހުން ގެނައި ކަމުގެ ތުހުމަތާ އެކު ވަކީލް ޝަފީއާ ރިޒާ އާއި ނޫރުބާން ފަހުމީ ވަނީ ވީޑިއޯއެއް ސޯޝަލްމީޑީއާގައި އާއްމުކޮށްފަ އެވެ. އަދި ބަޔާން ބަދަލުކުރި މައްސަލަ ބަލައިދޭން ފުލުހުންނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ވަކީލުންގެ ތުހުމަތުތަކުން ދިފާއުވާން ފުލުހުން ނެރުނު ބަޔާނުގައި ބުނީ ވަކީލުން އާއްމުކޮށްފައި ވަނީ ކަނޑައެޅިގެން ދޮގު މައުލޫމާތު ކަމަށެވެ. އެ ވީޑިއޯއަކީ، ވިކްޓިމް އާއި ސްކައިޕް މެދުވެރިކޮށް ކޮށްފައިވާ އިންޓަވިއު ރެކޯޑިންއަކަށް ފަހު ވިކްޓިމްއާ ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަޔާނެއް ޑްރާފްޓް ކުރުމުގެ މަރުހަލާގައި ތަހުގީގު ކުރި ފަރާތްތަކުގެ މެދުގައި ދެކެވިފައިވާ ވާހަކަތަކެއް ކަމަށް ފުލުހުން ބުންޏެވެ. އެއީ ވިކްޓިމް ނުވަތަ އޭނާގެ ވަކީލުންނާ ސީދާ ކޮށްފައިވާ މުއާމަލާތެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ތަހުގީގުގައި ކުރާ އިންޓަވިއުއަށް ފަހު ލިޔާ ބަޔާން، އިންޓަވިއު ކުރާ ފަރާތާއި ގާނޫނީ ވަކީލުން ބަލައި ޗެކްކުރުމަށް ފަހު ގެންނަން ބޭނުންވާ ބަދަލެއް އޮންނަ ނަމަ އެކަން ކޮށް، ސޮއިކޮށް އިނގިލީގެ ނިޝާން ޖެހުމަކީ ތަހުގީގުތަކުގައި އަމަލުކުރާ އުސޫލް ކަން ވެސް ފާހަގަކޮށްފައިވެ އެވެ. ވަކިން ޚާއްސަކޮށް އޮންލައިން އިންޓަވިއުކުރާއިރު އަމަލުކުރާ އުސޫލުގައި އިންޓަވިއުކުރާ ފަރާތުގެ ބަޔާން ޓައިޕްކޮށް އެ ފަރާތުން ބޭނުންވާ އިސްލާހުތައް ގެންނަން ސޮފްޓް ކޮޕީ އީމެއިލްކުރުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

"މީސްމީޑިއާގައި ދައުރުކޮށްފައިވާ ވީޑިއޯ ކްލިޕަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ވިކްޓިމްގެ ފަރާތުން ވަކާލާތުކުރުމަށް ގާނޫނީ ވަކީލަކު އައްޔަންވުމަށް ފަހު ކުރިން ތަހުގީގަށް ވިކްޓިމް ދީފަިއވާ ބަޔާނުގައި ސޮއިކޮށް ނިމިފައި ވަނިކޮށް އިތުރު މައުލޫމާތު ހިމެނުމަށް ބޭނުންވާތީ ވިކްޓިމް އާއި އަލުން އިންޓަވިއު ކުރުމަށް އެދި ވިކްޓިމްގެ ގާނޫނީ ވަކީލުން މި ސާވިސް އަށް ލިއުމުން ހުށަހެޅުމުން ގާނޫނީ ވަކީލުންގެ ހާޒިރުގައި ކުރެވިފައިވާ އިންޓަވިއުއެއްގެ ފަހުގައި ދެ ވަނަ ފަހަރަށް އިންޓަވިއު ފެށުމާ ދޭތެރޭ ތަހުގީގުކުރި ފަރާތްތަކުން ބަޔާނުން އިސްލާހުކުރުމަށް ހުށަހެޅުނު ކަންކަމާ މެދު މަޝްވަރާކުރަން ދެކެވުނު ވާހަކަތަކަކެކެވެ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ވީޑިއޯ އާއްމުކޮށް ވަކީލުން ހިންގި އަމަލަކީ، ވިކްޓިމް އިތުރަށް ވިކްޓިމައިޒް ވާނެ ކަމެއް ކަމަށެވެ. ތަހުގީގާ ދޭތެރޭ މައްސަލައެއް ނުވަތަ ޝަކުވާއެއް އޮތް ނަމަ އެފަދަ ކަންކަން ބެލުމަށް ހަމަޖެހިފަިއވާ ނިޒާމްގެ ބޭނުންކުރުމެއް ނެތި އިންޓަވިއު ރެކޯޑިންގެ ބައިތައް އާއްމުކުރުން ފަދަ ކަންކަމާ މެދު ކަންބޮޑުވާ ކަމަށް ފުލުހުން ބުންޏެވެ.

އެންއައިސީ އަށް މި މައްސަލަ ހުށަހަޅާފައިވުމާ އެކު އެ ކޮމިޝަނަށް އެއްބާރުލުން ދޭނެ ކަމަށް ފުލުހުން ބުންޏެވެ. އަދި މައްސަލަ ނިމޭ ގޮތެއްގެ މައްޗަށް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ޝަފީއާ އާއި ނޫރުބާން "މިހާރު" އަށް ވިދާޅުވެފައި ވަނީ، ތަހުގީގުގައި ވިކްޓިމް ދޭ ބަޔާނަކީ އަލިފުން، ޔާ އަށް އޮންނަން ޖެހޭ އެއްޗަކަށް ވިޔަސް ފުލުހުންނަށް އޮޅިގެން ވަކީލުންނަށް ސްކައިޕް މެދުވެރިކޮށް ފޮނުވުނު ވީޑިއޯގައި، ވިކްޓިމްގެ ބަޔާން "ބަދަލުކުރާ ތަން ފެނުމުން" ކަންބޮޑުވެވަޑައިގެންނެވި ކަމަށެވެ. އަދި މައްސަލަ ފުލުހުން ތަހުގީގުކުރަނީ އެންމެ އިންސާފުވެރިކޮށްތޯ ވަކީލުން ވަނީ ސުވާލު އުފައްދައިފަ އެވެ.