ޝަކުވާ ގިނަ، އަވަސް ނަތީޖާއެއް ބޭނުންވާ ތިން ވައުދު!

އަވަހަށް ނަތީޖާ ނެރެދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގަތް ވައުދުތަކުގެ ލިސްޓުގެ ކުރީގައި، މަރުތަކަށް އިންސާފު ހޯދައި ދިނުމާއި ޚިޔާނާތުގެ ފައިސާ ހޯދައި ބައިވެރިންނަށް ފިޔަވަޅު އެޅުމުގެ އިތުރުން ހައްގުވެރިންނަށް ފްލެޓްތައް ކަށަވަރު ކޮށްދިނުން ހިމެނެ އެވެ. ކުރީގެ ސަރުކާރާ މެދު ރައްޔިތުން މާޔޫސްވި ސަބަބުތަކާ ގުޅުވައި ވެވެވަޑައިގަތް މި ވައުދުތަކުން މި ސަރުކާރާ މެދު ރައްޔިތުންގެ އޭރު އޮތީ ބޮޑު އުއްމީދެކެވެ.


އެކަމަކު ނޮވެމްބަރު، 17، 2018، ގައި ވެރިކަމުގެ ހުވާކުރެއްވިތާ މިއަދަށް ދެ އަހަރު ފުރި، ކާމިޔާބީތައް ސަރުކާރުން ފާހަގަކުރާއިރު، ފެންނަން އޮތް ހަގީގަތަކީ އެ ވައުދުތައް ފުއްދުމުގެ ސްޕީޑު ލަސްކަމެވެ. މަސައްކަތްތަކެއް ކުރަމުން އަޔަސް ރައްޔިތުން އެދޭ ނަތީޖާ ނުނެރެވި ދިގުލައިގެން ދިއުމުން ޝަކުވާތައް ވަނީ ގިނަވެފަ އެވެ.

މަރުތަކަށް އިންސާފު ހޯދައިދިނުން: އާއިލާތައް މާޔޫސްކަމުގައި!

ވެރިކަމުގެ ހުވާކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ އިސްކަން ދެއްވި އެއް ކަމަކީ ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައި ދެއްވަން ކޮމިޝަނެއް އުފެއްދެވުމެވެ. އެ ކޮމިޝަނުން އެންމެ އިސްކަންދޭން ޖެހޭ މައްސަލަތަކުގެ ގޮތުގައި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދުގެ ގަތުލުގެ އިތުރުން ވަޅި ހަރައި މަރާލި ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސްގެ މައްސަލަ ހިމެނުއްވި އެވެ. މި މައްސަލަތަކާ އެކު 28 މައްސަލައެއްގެ ތަހުގީގު ކޮމިޝަނުން ފެށި އެވެ.

އެކަމަކު ކޮމިޝަނަށް ދެ އަހަރުވި އިރު، މިއިން އެއްވެސް މައްސަލައެއްގައި އިންސާފާ ހަމައަށް ވާސިލެއް ނުވެވުނެވެ.

ޑރ. އަފްރާޝީމާއި ރިލްވާން އަދި ޔާމީންގެ މަރުގެ މައްސަލައިގައި ކޮމިޝަނުން ގިނަ މަސައްކަތްތަކެއްކޮށްފި އެވެ. އެ މަރުތަކުގެ ފަހަތުގައި ވަނީ ކޮން ކަމެއް ކަން ހޯދައި ރިޕޯޓެއް އެކުލަވާލައިފަ އެވެ. އެހެން ބައެއް މައްސަލަތައް ވެސް ތަހުގީގުކޮށް ރިޕޯޓް ހެދި އެވެ. އެކަމަކު މައްސަލައަކީ އެ އަމަލު ހިންގި މީހުންނާ މެދު މިހާތަނަށް ފިޔަވަޅެއް ނޭޅުމެވެ.

ޑރ. އަފްރާޝީމާއި ރިލްވާން އަދި ޔާމީން ރަޝީދުގެ މައްސަލައިގައި، އިސްކޮށް އުޅުނު ބައެއް މީހުންގެ މައްޗަށް ދައުވާކުރަން މަރު ކޮމިޝަނުން ފޮނުވި މައްސަަލަތައް ވެސް ތަހުގީގު ފުރިހަމަކުރަން އެދިވަޑައިގެން ޕީޖީ އޮފީހުން އޮތީ އަނބުރާ ފޮނުވާލައިފަ އެވެ.

އެ ތިން މަރުގެ ފަހަތުގައިވާ މީހުން އެނގި ފިޔަވަޅު އެޅުމުގައި، ލަސްވުމަކީ އާއިލާތަކުގެ ހިތްހަމަނުޖެހުން އޮތް ކަމެކެވެ.

މަރު ކޮމިޝަންގެ މަސައްކަތްތައް ފެށިއިރު ރައްޔިތުންނަށް ޔަގީންކަން ދީފައި އޮތީ، ބޭރުގެ ޖަމާއަތްތަކާއި ތަހުގީގީ އިދާރާތަކުގެ އެހީތެރިކަން ހޯދާނެ ކަމަށެވެ. އެކަމަކު އެ މަންޒަރެއް ނުފެނެ އެވެ. މިހާތަނަށް ބޭރުގެ އިންވެސްޓިގޭޓަރަކު އަމަލީ ގޮތުން އުޅުއްވާކަން ހާމަކުރީ ރިލްވާންގެ ތަހުގީގުގައި އެކަންޏެވެ. ސަރުކާރުން އެކަން ފަހިކޮށްދިނީ އާއިލާ އިން އެދިގެންނެވެ.

އަފްރާޝީމާއި ޔާމީނާއި އަނަސް އަދި ކޮމިޝަނަށް މައްސަލަ ހުށަހެޅި އެހެން އާއިލާތަކަށް ވެސް ހިތްހަމަޖެހުމެއް އަދި ނެތެވެ. ސަރުކާރުން ދޭ ޔަގީންކަމެއްގެ މައްޗަށް ހަމައެކަނި އޮތީ އުއްމީދެކެވެ. އެ ވައުދު ފުއްދަން ހަވާލުކުރި ކޮމިޝަނުން ނަތީޖާ ނެރެދީ، ރައްޔިތުންގެ އިތުބާރު އޮތީ އިޔާދަކުރަން ޖެހިފަ އެވެ.

ޚިޔާނާތް ބެލުން: ކޮޅެއްގައި ނުޖެހޭ

މި ވެރިކަމުގެ ބޮޑު އެއް ވައުދަކީ ކުރީގެ ސަރުކާރުގައި އެމްއެމްޕީއާރުސީ އާއި ސަރުކާރު ހިއްސާވާ އެކި ކުންފުނިތައް މެދުވެރިކޮށް ހިންގި ޚިޔާނާތުން ދައުލަތަށް އެތައް ބިލިއަން ރުފިޔާއެއް ހޯދައި އެ މައްސަލަތަކުގައި އިންސާފުވެރިކަމާ އެކު ފިޔަވަޅު އެޅުމެވެ. އެކަމަކު މި މައްސަލަ ވެސް ކޮޅެއްގައި ނުޖެހި ތަހުގީގު ލަސްވުމުގެ ފާޑުކިއުންތައް ގިނަ އެވެ.

ޚިޔާނާތުގެ ބައިވެރިންނަށް ފިޔަވަޅު އެޅުމާ އެކު ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދައިދިނުން އަދި ހަމަ އޮތީ އެވެ.

ގާނޫނީ ބޮޑެތި ބާރުތަކަކާ އެކު ކޮމިޝަނެއް އުފައްދައި މުއައްސަސާތައް ގުޅިގެން ހިޔާނާތުގެ ތަހުގީގުތައް ކުރަމުން އަޔަސް މި މައްސަލައިގައި މިހާތަނަށް ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ބޭފުޅަކީ ކުރީގެ ރައީސް ޔާމީނެވެ. ޚިޔާނާތުގައި އަމަލީ ގޮތުން އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ އެކު ދައުލަތުން އަދަބު ލުއިވާ އެއްބަސްވުމެއް ހަދައި ހުކުމް އިއްވިޔަސް ހުންނެވީ ގޭބަންދުގަ އެވެ. މި ކަމުގައި ސަރުކާރުގެ އަމަލުތަކާ މެދު ސުވާލު އުފައްދާނެ ޖާގަ އެބަ ލިބެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ޔަގީންކަމަކީ، ދައުލަތުގެ ޚަޒާނާ އިން ގެއްލުވާލި ފައިސާ ހޯދައި ބައިވެރިންނަށް އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު ފިޔަވަޅު އަޅުއްވާނެ ކަމެވެ. ދުނިޔޭގެ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ އެހީތެރިކަން ހޯދަން ޖެހޭ ކަމަށް ވިދާޅުވެ، ރައްޔިތުން އެމަނިކުފާނަށް އިތުބާރު ކުރަން ރައީސް އޮތީ ވެރިކަމުގެ ފުރަތަމަ ދުވަހު ވެސް އެދިވަޑައިގެންފަ އެވެ.

އެކަމަކު ހިޔާނާތުގެ ތަހުގީގު މަންޒަރާއި އެ ތަހުގީގު ކުރިއަށްދާ ގޮތާ މެދު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ ބައެއް މެމްބަރުންގެ ވެސް ކަންބޮޑުވުންތައް އެބަ ހުއްޓެވެ. މި މައްސަލަތަކުގައި މުއައްސަސާތައް މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ވެސް ކުރުވަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި މަންފާވި މީހުންގެ ލިސްޓެއް ތަހުގީގީ އިދާރާތަކުން އޮތީ އެކުލަވާލައިފަ އެވެ. ކުރީގެ ސަރުކާރާއި މިހާރުގެ ސަރުކާރުގެ އިސް ވެރިންނާއި މަޖިލިސް މެމްބަރުންނާ އެކު ނުފޫޒު ގަދަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. ސަރުކާރުން އާއްމުކުރަން ބޭނުން ނުވާ މި ލިސްޓުގައި ތިބި ގިނަ މީހުންގެ ތަހުގީގުތައް އަދި ނުނިމެ އެވެ. ނުފޫޒެއްގެ ދަށުނުވެ މައްސަލަތައް ބަލަމުން އަންނަ ކަމަށް މުއައްސަސާތަކުން ބުންޏަސް ފިޔަވަޅު އެޅުން ދަނީ ހައްތަހާ ލަސްވަމުންނެވެ.

ހައްގުވެރިންނަށް ފްލެޓް: އަދިވެސް އިންތިޒާރުގައި

ކުރީގެ ސަރުކާރުގައި އިއުލާންކުރި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓްތައް ބަހާލީ ނާއިންސާފުން ކަމުގެ ޝަކުވާ ބޮޑެވެ. ރައީސް ވައުދުވެވަޑައިގަތީ، އެ ޝަކުވާތައް އަލުން ބަލައި ހައްގުވެރިންނަށް ފްލެޓް ލިބޭނެ ކަން ކަށަވަރުކޮށްދެއްވުމަށެވެ. ހައުސިން މިނިސްޓްރީން އެކަން ކުރުމުގެ ބަދަލުގައި، ވަކި ކޮމިޓީއެއް އެކުލަވާލައި މަސައްކަތް ކުރަމުން އައި ނަމަވެސް މިހާތަނަށް ދިން ތާރީޚްތަކަށް ނިންމައެއް ނުލެވުނެވެ.

ކުރީގެ ސަރުކާރުގައި ފްލެޓަށް އެދުނު ގާތްގަނޑަކަށް 25،000 ފޯމު، އަލުން އިވެލުއޭޓްކޮށް މިހާތަނަށް އިއުލާންކޮށްފައި ވަނީ ފަސް ކެޓަގަރީއެއްގެ ލިސްޓެވެ. ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އެންމެ ފަހުން ވިދާޅުވެފައި ވަނީ، ސެޕްޓެމްބަރުގެ ނިޔަލަށް ހުރިހާ ކެޓަގަރީއެއްގެ ވެސް ލިސްޓު އިއުލާންކުރެވޭނެ ކަަމަށެވެ. އެކަމަކު އެ މުއްދަތަކަށް އެކަމެއް ނުވި އެވެ.

ފްލެޓް ކޮމިޓީން ބުނެފައިވާ ގޮތުގައި ކޮވިޑް-19އާ ހެދި ހާލަތު ބަލަން ގޭގެއަށް ނުދެވުން ފަދަ ގޮންޖެހުންތައް ކުރިމަތިވި އެވެ.

ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިހާރު އަމާޒު ހިފާފައި ވަނީ، އަންނަ މާޗް މަހުގެ ތެރޭގައި ފްލެޓްތަކަށް ވަދެވޭވަރު ކުރާށެވެ. އެހެންކަމުން ފްލެޓް ލިބޭނެ މީހުން އެހާތަނަށް ކަށަވަރުވާނެ ކަމަށް ގިނަ ބަޔަކު އިންތިޒާރު ކުރެ އެވެ.

ރައީސް އެދިވަޑައިގަތީ އިތުބާރު ކުރައްވަން

ވެރިކަމަށް ދެ އަހަރުވި އިރު، މުހިއްމު ބައެއް ވައުދުތަކުގައި، އެންމެ އެދެވޭ މިންވަރަށް ނަތީޖާ ނުނެރެވޭ ކަމަށް ރައީސް ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. އޭގައި، ގޮންޖެހުންތަކަކާ އެކު ހަތް މަހަށް ކޮވިޑުގެ ބިރުގެ ހިޔަނި ވެސް އެޅުނު ކަމަށް ވިދާޅުވި އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރައީސް ވިދާޅުވީ އެންމެ ބޭނުންވި ސްޕީޑުގައި އެންމެ ބޭނުންވާ ހިސާބަށް ނުގެންދެވި ބައެއް މަސައްކަތް ކުރިއިރު މަރުތައް ބެލުމާއި ހިޔާނާތްތަކުގެ އިތުރުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަން ހިމެނޭ ކަމަށެވެ. އެއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުން ހުރި މައްސަލަތަކެއް ކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މަރު ކޮމިޝަނުގެ މަސައްކަތްތައް މިހާތަނަށް ނުނިމި، އާއިލާތަކުގެ ކަންބޮޑުުވުންތަކަށް ނިމުމެއް ނައިސް ލަސްވުމަކީ ވެސް އެމަނިކުފާނަށް އުނދަގޫފުޅުވާ ކަމެކެވެ.

"އެ މަސައްކަތް އަޅުގަނޑު ބޭނުންވި ސްޕީޑަކު ނުގެންދެވޭ. އެ މަސައްކަތް ފަށައިގެން އެބަހުރި ދަތިތަކެއް. މަސައްކަތް ފަށައިގަތީމާ ފެނުނީ ހުރި ދަތިތައް. މިއިން ކޮންމެ ކަމެއްގެ އެންމެ އަޑިއަށް ވާސިލްވާން ވަރަށް ބައިވަރު މަސައްކަތްތައް އެބަހުރި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި އެ ދެ ވައުދާ ގުޅިގެން ވެސް ރަނގަޅު މަސައްކަތްތަކެއް ކުރެވިފައި އެބަހުއްޓެވެ. އޭގެ އިތުރުން، މިހާރު ނަތީޖާއާ ހަމައަށް ވާސިލްވާން މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި ރިލްވާންގެ މައްސަލައިގެ ތަހުގީގުގައި ބޭރުގެ އިންވެސްޓިގޭޓަރަކު ހަރަކާތްތެރިވުމަކީ ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.

މި ޔަގީންކަމަށް ވުރެން މިހާރު މުހިއްމު ވެފައި އޮތީ މި ވައުދުތަކުގައި ނަތީޖާ ނެރެދެއްވުމެވެ. ޝަކުވާތަކަށް ނިމުމެއް ގެނެސް ރައްޔިތުންގެ އިތުބާރު ދަމަހައްޓާށެވެ.