ސަރުކާރަށް ނުވާ ނަމަ، ޗައިނާގެ ލޯނުތައް ފަސޭހަކަމާއެކު ފަސްކޮށްދީފާނަން: އިދިކޮޅު

ޗައިނާއިން ނަގާފައިވާ ލޯނުތައް އެ ގައުމުގެ ސަރުކާރާ ވާހަކަ ދައްކައިގެން ޕީޕީއެމަށް ފަސޭހަކަމާ އެކު ފަސްކުރެވިދާނެ ކަމަށާއި މި ސަރުކާރަށް އެކަން ނުވާ ނަމަ އެ މަޝްވަރާތައް ކުރިއަށް ގެންދިއުން ޕީޕީއެމާއި ޕީއެންސީއާ ހަވާލުކުރަން އެ ދެ ޕާޓީން މިއަދު އެދިއްޖެ އެވެ.


ޗައިނާގެ ލޯނުތައް ދެއްކުން ފަސްނުކޮށްދިން ކަމަށް އެ ގައުމަށް ފާޑުވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ދެއްކެވި ވާހަކަފުޅަށް ރައްދުދީ، އިދިކޮޅުން ނެރުނު ބަޔާނުގައި ބުނީ ލޯނުތައް ފަސްނުވެގެން އުޅެނީ މި ސަރުކާރުން ދެ އަނގައިން ވާހަކަ ދައްކާތީ ކަމަށެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މެދުވެރިކުރައްވައި ޗައިނާ އަށް ސަނާ ކިއުއްވާއިރު، ނަޝީދު އެ ގައުމަށް ފާޑުވިދާޅުވަމުން ގެންދަވާކަން މައްސަލައެއްގެ ގޮތުގައި ޕީޕީއެމުން ނަގާފައިވެ އެވެ.

އިދިކޮޅުން ބުނި ގޮތުގައި "ނަޝީދު ލައްވައި ޗައިނާ އަށް ބެވުމުގެ ސިޔާސަތު ހުއްޓާލަން" ޖެހެ އެވެ.

ޕީޕީއެމާއި ޕީއެންސީން ބުނި ގޮތުގައި އެއްވެސް ލޯނެއް ނުދެއްކޭ ނަމަ އެ ލޯނުތައް ފަސްކޮށްދޭނެކަން އެ ގައުމުން އޮތީ ހާމަކޮށްފަ އެވެ. އެއީ ހުރިހާ ގައުމަކާ ދޭތެރޭގައި ވެސް އެ ގައުމުން ގެންގުޅޭނެ ސިޔާސަތުކަން ކަމަށް ބަޔާނުގައިވެ އެވެ.

ޗައިނާގެ ބައެއް ލޯނުތައް ދެއްކުން އޮތީ މި ސަރުކާރަށް ވެސް ފަސްކޮށްދީފަ އެވެ. އެއީ، ޖީ-20ގެ "ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް" (ޑީއެސްއެސްއައި)ގެ ދަށުންނެވެ. މިއީ ކޮވިޑް-19ގެ ސަބަބުން، ފަގީރު ގައުމުތަކުން ދައްކަން ޖެހޭ ލޯނުތައް ދެއްކުމުގެ މުއްދަތު އިތުރުކޮށްދިނުމުގެ ގޮތުން ވޯލްޑް ބޭންކުން ނަގާފައިވާ އިނީޝިއޭޓިވް އެކެވެ.

ޗައިނާގެ އިތުރުން ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުން ނަގާފައިވާ ލޯނުތައް ވެސް މީގެ ތެރޭގައި ހިމެނެ އެވެ. އެހެންވެ، އެ ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ އަންނަ އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ދައްކާކަށް ނުޖެހޭނެ އެވެ.

އިދިކޮޅުގެ ބަޔާނުގައި ބުނީ ޗައިނާގެ ލޯނުގެ ވާހަކަ ދައްކަނީ، ކޮވިޑު ފެށުނު ފަހުން ސަރުކާރުން ހަދަމުންދާ އިގްތިސާދީ ބޮޑެތި ގޯސްތަކުގެ ބަހަނާއެއްގެ ގޮތުގައި ކަމަށެވެ. އެއީ އިތުރު ދަރަނި ދިވެހިންގެ ބޮލުގައި އަޅުވައިގެން ސިޔާސީ ފައިދާއަށާއި ފަސާދައަށް ބަޖެޓުގެ ބޮޑު ބައެއް ކަނޑައަޅަން ގަސްތުކޮށް ބަހަނާއެއްގެ ގޮތުގައި ދައްކާ ވާހަކައެއް ކަމަށާއި އެކަމުން އެނގެނީ އެމްޑީޕީގައި ހިންގުމުގެ ހުނަރާއި އިހްލާސްތެރިކަމާއި ގާބިލްކަމާއި ތަޖުރިބާ ނެތުން ކަމަށް ބަޔާނުގައިވެ އެވެ.

"ސަރުކާރުގެ އިހުމާލުން ވިޔަސް ދިވެހި ރައްޔިތުންނަށް ނިކަމެތިކަން ލިބިދާނެ ކޮންމެ ހިނދެއްގައި ޕީޕީއެމުން ދަނީ ރައްޔިތުންގެ ހައްގުގައި އެކި ފަރާތްތަކާ މަޝްވަރާކޮށް ގާއިމްވެފައިވާ އިތުބާރުގެ ގުޅުންތަކުގެ ތެރެއިން މައްސަލަ ހައްލުކުރަމުންނެވެ. އެގޮތުން ޗައިނާގެ ލޯނުތަކުގެ ވާހަކަ ވެސް އެ ފަރާތުގައި ދަންނަވައިގެން ވެސް ފަސްކުރަން ޖެހޭ ނަމަ، އެކަން މި ޕާޓީން ފަސޭހަކަމާ އެކު ކުރެވޭނެ އެވެ،" ވެރިކަމުގައި ތިބިއިރު ޗައިނާއާ ގާތް ގުޅުމެއް ބޭއްވި ދެ ޕާޓީން ބުންޏެވެ.

އެ ބަޔާނުގައި ބުނިގޮތުގައި ޗައިނާއަކީ މީގެ ކުރިން ވެސް ދިވެހިންނަށް ބޮޑެތި އެހީތަކެއްވެދީ އެކަމުގެ ބަދަލެއްގެ ގޮތުގައި އަސްކަރީ އަދި އިސްތިގުލާލަށް ބުރޫއަރާނެ ފަދަ އެއްވެސް ހުށަހެޅުމަކާ ނުލައި ގުޅުން ބާއްވަމުން އަންނަ ގައުމެކެވެ.

"ލުއި ގޮތްތައް ވެސް ހަދާދީފައިވާ ގައުމެކެވެ. އެގޮތަށް މިވަގުތު ވެސް އަމަލުކުރާނެކަން ކަށަވަރެވެ،" ބަޔާނުގައިވެ އެވެ.

އިދިކޮޅުން ބުނީ ޕީޕީއެމްގެ ސަރުކާރުގައި ތަރައްގީގެ އެތައް މަޝްރޫއެއް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިޔައިރު ނެގި ހުރިހާ ލޯނުތައް ވެސް ކުޑަވެސް ދަތިކަމެއް ނެތި ޚަލާސްކުރާނެ ހަކަތަ ގާއިމްކޮށްފައިވާ ކަމަށެވެ. އޭރު އިގްތިސާދު ވެސް އޮތީ ދުޅަހެޔޮކަންމަތީގައި ކަމަށް ޕީޕީއެމާއި ޕީއެންސީން ބުންޏެވެ.

އެ ދެ ޕާޓީން ބުނިގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ސޮވަރިން ފަންޑުގައި، ނޮވެމްބަރު 2018އާ ހަމައަށް 900 މިލިއަން ޑޮލަރު ހުންނާނެ އެވެ. މިއީ ދައުލަތަށް އިތުރަށް ލިބޭ އެއްވެސް އާމްދަނީއެއްގައި ނުޖެހި ޗައިނާ އަށް ދައްކަން ޖެހޭ ހުރިހާ ލޯނެއް ޚަލާސްކުރެވޭހާ ފައިސާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

"މިއަދު ޕީޕީއެމްގެ ވެރިކަމެއް އޮތް ނަމަ، އެ ފަންޑުގައި އޭގެ ދެ ގުނައަށް ފައިސާ ރައްކާކުރެވިފައި ހުންނާނެ ކަން އަޅުގަނޑުމެން އޭރު ކޮށްފައިވާ އަންދާޒާތަކުންނާއި އޭރު ދައުލަތުގެ މާލިއްޔަތު އޮތް ގޮތަށް ބަލާފައި ޔަގީންކުރެވެ އެވެ،" އިދިކޮޅުގެ ބަޔާނުގައިވެ އެވެ.

ކުރީގެ ސަރުކާރުގައި ޗައިނާއާ ގާތް ގުޅުމެއް އޮތް ކަން ފާހަގަކޮށް، ދިވެހިންނަށް ޚާއްސަ އިސްކަމެއް އެ ގައުމުން އަބަދުވެސް ދޭ ކަމަށް އިދިކޮޅުން ބުނެފައިވެ އެވެ. ޗައިނާގެ ލޯނުތަކާ ގުޅުވައި ފާޑުކިޔަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެތީ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ކުރިއަށް އޮތް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެ ކަން ވިސްނިގެން އެކަމުގެ ރުޅީގައި އަނެއްކާވެސް ޗައިނާއަށް އެއްޗެތި ގޮވައިގެން މިއަދު ފަރުނުޖެއްސޭނެކަން ނަޝީދަށް ހަނދާންކޮށްދެމެވެ،" ބަޔާނުގައިވެ އެވެ.