މި ސަރުކާރުގެ ފުރަތަމަ އެއާޕޯޓް ހުޅުވަން ރައީސް ހޯރަފުށީގައި

މި ސަރުކާރުން ތަރައްގީކުރި ފުރަތަމަ އެއާޕޯޓް ހުޅުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހއ. ހޯރަފުއްޓަށް ވަޑައިގެންފި އެވެ.


މިއީ، ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެން ފެށި ފަހުން ވޭތުވެދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި އެމަނިކުފާނު ރަށަކަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެއާޕޯޓް ހުޅުވުން އޮތީ މެންދުރު ފަހެވެ.

ރައީސް ވަނީ، އެމަނިކުފާނު ދަތުރުކުރެއްވި ފްލައިޓް ހޯރަފުށީ އެއާޕޯޓުގައި ޖައްސާ މަންޒަރުގެ ވީޑިއޯއެއް ޓުވީޓް ކުރައްވައިފަ އެވެ.

ހޯރަފުށީ އެއާޕޯޓުގައި ފްލައިޓް ޖައްސާ މަންޒަރު ރައީސް ޓުވީޓް ކުރައްވާފައި.

ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގަން މި ސަރުކާރުން ކަނޑައަޅާފައިވާ ޕްލޭންގައި ހިމަނައިގެން ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ނިންމާލީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގަ އެވެ.

މި އެއާޕޯޓާ އެކު އެ ސަރަހައްދުގެ ޓޫރިޒަމް ކުރިއަރައި ވަޒީފާގެ ފުރުސަތުތަކާ އެކު ތަރައްގީގެ މަޝްރޫއުތަކަށް ދޮރު ހުޅުވިގެންދާނެ ކަމަށް ހޯރަފުށީ ކައުންސިލުން ބުންޏެވެ. އެއާޕޯޓުގައި މިދިޔަ ހޯމަދުވަހު ޓެސްޓް ފްލައިޓް ޖައްސާފައިވާއިރު ރަސްމީކޮށް ހުޅުވުމާ އެކު ޝެޑިއުލް ދަތުރުތައް ފަށާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ހޯރަފުށީ އެއާޕޯޓު: ރައީސް، ރަސްމީކޮށް މިއަދު މި އެއާޕޯޓު ހުޅުއްވައި ދެއްވާނެ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.

ހޯރަފުށީ ފަޅުން ބިން ހިއްކައިގެން އެމްޓީސީސީން ހެދި އެއާޕޯޓަށް 198 މިލިއަން ރުފިޔާ، ސަރުކާރުން ހޭދަކުރި އެވެ.