މައްސަލަ އަކީ ޗައިނާއެއް ނޫން، ލޯން ރީސްޓްރަކްޗާ ނުކުރުން: ނަޝީދު

ޗައިނާއާ އެއްވެސް ދެކޮޅުވެރިކަމެއް ނެތް ކަމަށާއި އަބަދުވެސް މައްސަލަ އަކީ ޗައިނާ އިން ރާއްޖެ އަށް ދޫކޮށްފައިވާ ލޯނުތައް ރީސްޓްރަކްޗާ ނުކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅައި މަޖިލީހުގައި ބަޖެޓާ ބެހޭ ގޮތުން ކުރި ބަހުސްތަކަށް ފަހު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ބަޖެޓުގެ ބޮޑު ބައެއް ކަނޑައަޅާފައި ވަނީ ލޯނާއި ދަރަނި އަދާކުރަން ކަމަށެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނަ ފައިސާ ހަރަދުވަނީ ކުރީ ސަރުކާރުން ޗައިނާގެ އެކި ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދައްކަން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދަރާ އޮތީ ޗައިނާ އަށް ކަމާއި، އެ ދަރަނި ޗައިނާއަށް އަޅުގަނޑުމެން މިއަންނަ އަހަރު ދައްކަންޖެހޭ ކަމާއި، މި ހުރީ ހަގީގަތްތައް. އެއީ ހަތުރަކަށް ވިޔަސް މި ހަގީގަތްތައް ހާމަކުރަމުން ގެންދަން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޗައިނާ އިން ރާއްޖެ އަށް ދޫކޮށްފައިވާ ލޯނުތައް ލުއިކޮށްދީފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އެއްވެސް ދަރަންޏެއް އަޅުގަނޑަށް އެނގިފަވާ ގޮތުގައި ރީސްޓްރަކްޗާ ވެފައެއް ނެތް. ޖީ20 ގައުމުތަކުގެ މެދުގައި އެއްބަސްވެވުނު ޑެޓް ރިލީފް މަސައްކަތެއް ކުރުމަށް. އޭގެ ތެރޭގައި ޗައިނާ ވެސް ހިމެނޭ،" ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުން އިއްޔެ ވަނީ ޗައިނާ ސަރުކާރުން ދޫކޮށްފައިވާ ލޯނުތަކަށް، ޖީ20 ގައުމުތަކުން ޑެޓް ރިލީފްގެ ދަށުން ލުއިދީފައިވާ ކަމަށް ބުނެފަ އެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ވެސް އެ ބަދަލު ފެންނަ އެބަ އޮތެވެ.

ނަމަވެސް ރާއްޖެއިން ޗައިނާއަށް ދަރަނީގެ ގޮތުގައި ހުރި ގިނަ ފައިސާ އަކީ އެ ގައުމުގެ އެގްޒިމް ބެންކު ފަދަ ބެންކުތަކަށް ދައްކަންހުރި ފައިސާ އެވެ. އެއީ ސިދާ ޗައިނާ ސަރުކާރުގެ ލޯނެއް ނޫނެވެ.

ނަޝީދު ވިދާޅުވީ ޗައިނާ އިން އަދި ލުއިދީފައި ނެތަސް ސަރުކާރުން އެކަމާ ޗައިނާއާ މަޝްވަރާކުރާނެ ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ސަރުކާރަށާއި މިނިސްޓްރީތަކަށް ޗައިނާގެ ލޯނު ދަންތުރައެއްގެ ގޮތުގައި ސިފަ ނުވެ ގައުމުތަކާ ގުޅުން ބަދަހިކުރަން މަސައްކަތްކުރި ނަމަވެސް އެ މަނިކުފާނުގެ ވިސްނުން އެކަމާ އެއްގޮތްވާން ނުޖެހޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ އަބަދުވެސް ވާހަކަދައްކަވަނީ ހަގީގަތަށް ކަމަށާއި ޗައިނާގެ ލޯނުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ލޮޅުން އަރާނެކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.