ރިޔާޒް އެދިވަޑައިގަތް އެއްވެސް މަޝްރޫއެއް ބަޖެޓުގައި ހިމަނާފައެއް ނެތްް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ކިނބިދޫ ދާއިރާގެ ތަރައްގީއަށް އެދިވަޑައިގަތް އެއްވެސް މަޝްރޫއެއް ހިމަނާފައި ނުވާ ކަމަށް އެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.


ރިޔާޒް ވަނީ ކިނބިދޫ ދާއިރާގެ ފަސް ރަށެއްގައި ބޮޑެތި މަޝްރޫއުތަކެއް ބަޖެޓުގައި ހިމަނައިދިނުމަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރަށް ސިޓީއެއް ފޮނުއްވައިފަ އެވެ. އޭނާ އެކަމަށް އެދިވަޑައިގެންފައި ވަނީ މަޖިލިހަށް އިއްޔެ ބަޖެޓް ހުށަހެޅުމުގެ މާ ކުރިންނެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ރިޔާޒް ވިދާޅުވީ ދާއިރާގައި ދިރިއުޅޭ މީހުން ކޮންމެހެން ބޭނުންވާ މުހިންމު އެއްވެސް މަޝްރޫއެއް ބަޖެޓުގައި ހިމަނާފައި ނެތް ކަމަށެވެ. އޭގެ ބަދަލުގައި ހުރީ އާދައިގެ ކުދިކުދި ކަންތައްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ހުށަހެޅީ ކައުންސިލްތަކުން ބޭނުންވި މަޝްރޫއުތައް. އަންނަ އަހަރު ފަސް ރަށުގައި ކޮންމެވެސް ބޮޑު އެއް މަޝްރޫއެއް ހިންގުމަށް އެދުނީ،" ރިޔާޒް ވިދާޅުވި އެވެ.

ބަޖެޓުގައި ހިމަނައި ދިނުމަށް ރިޔާޒް އެދިވަޑައިގެންނެވި މަޝްރޫއުތައް:

- އޮމަދޫ: ބަނދަރު ހެދުން

- ހިރިލަންދޫ: ބިންހިއްކުން

- ކިނބިދޫ: ނަރުދަމާ ނިޒާމު ގާއިމުކޮށްދިނުން

- ކަނޑޫދޫ: ނަރުދަމާ ނިޒާމު ގާއިމުކޮށްދިނުން

- ވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓް

ރިޔާޒް ވިދާޅުވި ގޮތުގައި ރަށްރަށުގައި ދިރިއުޅޭ މީހުންގެ ހައްގުގައި ގިނަ މަޝްރޫއުތަކެއް ހިންގުމަށް އެދުމުން އެކަމަށް ސަރުކާރުން އިޖާބަ ނުދިނީ ސިޔާސީ ފިކުރު ތަފާތުވެގެންނެވެ. ނަމަވެސް ބަޖެޓުގެ މަސައްކަތް ކޮމެޓީ މަރުހަލާގައި ކުރިއަށް ގެންދާއިރު މަޝްރޫއުތައް ހިމެނުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ފިކުރު ތަފާތުވެގެން އެ ގޮތަށް ކަންތައް އެ ކުރީ. އެކަމަކު މަސައްކަތް ހުއްޓައެއް ނުލާނަން،" ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ދެކޮޅު ޖުމްހޫރީ ޕާޓީގެ ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒަކީ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ މެމްބަރެކެވެ. ނަމަވެސް އިގްތިސާދީ ކޮމެޓީ އާއި މާލިއްޔަތު ކޮމެޓީ ގުޅިގެން އެކުލަވައިލި ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ އަޣުލަބިއްޔަތު އޮތީ ސަރުކާރު ހިންގާ ކޯލިޝަނަށެވެ.