މަޣްރިބް · 18:17

ޕްރޮފެސަރު އުގެއިލްގެ ހަދިޔާ: 35 އަހަރަށް ފަހު މާ ބޮޑަށް ވިސްނަން ޖެހޭ

މިއީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރެވިދާނެ ގޮތާ ބެހޭ ގޮތުން މި އަހަރުގެ ޖެނުއަރީ މަހު ޕްރޮފެސަރު ހަސަން އުގެއިލް، އޭނާގެ އަމިއްލަ ދިރާސާ އާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް ލިއުއްވި ފޮތް "ސިއްހީ ހަދިޔާ"ގެ ބައެއް ބައިތަކެވެ. މި ފޮތް ނެރުނީ ސޮނީ ހާޑުވެއާގެ ހެޔޮ އެދުންތަކާ އެކު އެވެ. ކޮންމެ އަންގާރަ އަދި ބުރާސްފަތީގައި މި ބައިތައް ޖަހަމުން ދާނެ އެވެ.

މި ދުނިޔޭގައިވާ ކޮންމެ އެއްޗަކީ ވެސް ނެތި ފަނާވެދާނެ އެއްޗެކެވެ. މިއީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނުގައި ވެސް އެކަން ސަރީހަ އިބާރާތުން ބަޔާންކޮށްފައިވާ ކަމަކަށް ވާއިރު އެއީ އަޅުގަނޑުމެން އެންމެން ހިތުގެ އަޑިން ގަބޫލު ވެސް ކުރާ ހަގީގަތެކެވެ. މި ދުނިޔޭގައިވާ ކޮންމެ އެއްޗެއް ވެސް ނެތި ފަނާވެދާނެ އެވެ. އެގޮތުން ޖީލަކަށް ފަހު ޖީލެކެވެ. މި ހަގީގަތުގެ ތެރޭގައި އުމުރުން 100 އަހަރު ނުވަތަ އެއަށް ވުރެ ދޮށީ އުމުރަކަށް ދުނިޔޭގައި އުޅެފައިވާ މީހުންގެ ނިސްބަތް ވަރަށް ދަށެވެ.


ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އިންސާނަކު ތުއްތު ކުއްޖެއްގެ ގޮތުގައި ދުނިޔެއަށް އުފަންވާ ދުވަހުން ފެށިގެން އޭނާ މުސްކުޅިވާން ފަށާކަމެވެ. ނަމަވެސް އޭނާގެ އުމުރު މަތިވާ ވަރަކަށް އޭނާގެ ހަށިގަނޑު މުސްކުޅިވާ ބާރުމިން އަވަސްވެ އެވެ. މިސާލަކަށް، ސައިންސްވެރިންގެ ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި އުމުރުން 65 އަހަރުގެ މީހަކު މުސްކުޅިވާ މިންވަރު އުމުރުން 12 އަހަރުގެ ކުއްޖަކު ހެދިބޮޑުވާ މިންވަރާ އަޅާބަލާއިރު އެތައް ގުނައެއް މައްޗެވެ. މާނައަކީ ވަކި އުމުރަކަށް ދިއުމުން މީހާ މުސްކުޅިވުމުގެ އަލާމާތްތައް ހަށިގަނޑުގެ އެތެރެއިންނާއި ބޭރު ފުށުން ފެންނަ ފެނުން އިތުރުވުމެވެ.

އާންމު ގޮތެއްގައި ރާއްޖޭގައި މުސްކުޅިވެގެން މީހުން މަރުވާ އުމުރަކީ 65 އާއި 77 އާ ދެމެދެވެ. ސައިންސްވެރިން ހާމަކުރާ ގޮތުގައި ތަފާތު ނުރައްކާތެރި ބަލިތަކުން މީހާ ސަލާމަތްވެ ހުރުމަށް ފާރަވެރިވެ އެކަމަށް ސަމާލުކަން ދޭ ނަމަ މުސްކުޅިވެގެން މީހާ މަރުވާނެ އާންމު އުމުރަކީ 90 އަހަރުން މަތި ކަމަށް ބެލިދާނެ އެވެ. އަދި މި 90 އަހަރުގެ ވަރަށް ބޮޑު ބައެއް އެފަދަ މީހަކަށް ބަލި އެނދާ ދުރުގައި ދުޅަހެޔޮ ސިއްހަތެއްގައި ވެސް ވޭތުކުރެވިދާނެ އެވެ. މީގެ މާނައަކީ ގިނަ ދުވަހު ދުނިޔޭގައި އުޅެފައިވާ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަދި މިކަމާ ގުޅޭ ސައިންސްގެ ފަހުގެ ހޯދުންތަކަށް ބުރަވެ އިންސާނަކު ދުޅަހެޔޮ ސިއްހަތެއްގައި ހުރެވިދާނެ އުމުރު ކޮންމެވެސް ވަރަކަށް މަތިކުރެވިދާނެ ވާހަކަ އެވެ.

35 ވަރަކަށް އަހަރު ވުމުން ސިއްހީ ގޮތުން ތަފާތު މައްސަލަތައް ދިމާވާން ފަށަ އެވެ. އަދި އެހާ ހިސާބުން، ސިއްހަތާ މެދު ފަރުވާތެރި ނުވާ ނަމަ ތަފާތު ބޮޑެތި ބަލިތަކާ ގިނަ ފަހަރަށް ކުރިމަތިލާން ފަށަ އެވެ.

އެހެންކަމުން، އާންމު ގޮތެއްގައި 65 އާއި 77 އަހަރާ ދެމެދު މަރުވާ މީހުންގެ އުމުރުން 12 ވަރަކަށް އަހަރު ސަލާމަތް ކުރެވެން އޮންނަ ކަމަށް ސައިންސްވެރިންގެ ދިރާސާތަކުން ހާމަވެ އެވެ. މި ދެންނެވި 12 ވަރަކަށް އަހަރު ސަލާމަތް ކުރެވެން އޮތީ ގިނަ މީހުންނަށް މެދު އުމުރުގައި ދިމާވާ ފަދަ ނުރައްކާތެރި ބަލިތައް ކަމަށްވާ ހިތުގެ ބައްޔާއި، ކިޑްނީގެ ބައްޔާއި، ހަކުރު ބަލީގެ އިތުރުން ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވާން ދުރާލާ ވިސްނައިގެންނެވެ.

ރާއްޖޭގެ އާބާދީގެ ތެރެއިން ވެސް މެދު އުމުރުގައި މިދެންނެވި ފަދަ ނުރައްކާތެރި ބަލިތައް ދިމާވާ މީހުން މަދެއް ނޫނެވެ. އަދި އެއް ދުވަހުން އަނެއް ދުވަހަށް މި އަދަދު ދަނީ ނިސްބަތުން ގިނަ ވެސް ވަމުންނެވެ. ގިނަ ފަހަރަށް މިފަދަ ބަލިތައް ދިމާވެ ބަލި ބޮޑުވާއިރު ވެސް ބައްޔާ ބެހޭ ރަނގަޅު މައުލޫމާތު ނޭނގުމުގެ ސަބަބުން އެފަދަ ބަލިތަކުން ދުރުވެ ތިބުމަށް މާ ބޮޑު ސަމާލުކަމެއް އަޅުގަނޑުމެންނަކަށް ނުދެވެ އެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް މުހިއްމީ ގަވައިދުން ދުވަން ދިއުން ނުވަތަ ޖިމަކަށް ދިއުން ހެއްޔެވެ؟ ނުވަތަ ތަރުކާރީ އާއި މޭވާ ފަދަ ރަނގަޅު ކާނާ ކެއުން ހެއްޔެވެ؟ ނުވަތަ މީހާގެ އަގީދާ އާއި ދިރިއުޅުމުގެ އެހެނިހެން ވައްޓަފާޅި ބާވަ އެވެ؟

ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލަން ޖެހޭ

ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށްޓަކައި، ހާއްސަކޮށް ވަކި އުމުރަކަށް ދިއުމުން ތިމާގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލަން ޖެހެ އެވެ. މިހެން ދަންނަވަން ޖެހޭ ސަބަބެއް ވެސް އެބަ އޮތެވެ. އެއީ ޖުމްލަ ގޮތެއްގައި، ސިއްހީ ދުޅަހެޔޮ ކަމާ މެދު މާ ބޮޑު ސަމާލުކަމެއް ނުދިނަސް، ދުޅަހެޔޮ އިންސާނަކަށް ތަބީއީ ގޮތުން ގާތްގަނޑަކަށް އުމުރުން 35 އަހަރު ވަންދެން ރަނގަޅު ސިއްހަތެއްގައި އުޅެވޭތީ އެވެ.

އުމުރުގެ ކޮންމެ ހިސާބެއްގައި ވެސް ކަސްރަތުކުރުމާއި ކެއުން ރަނގަޅަށް ބެހެއްޓުން ވަރަށް މުހިންމު

ނަމަވެސް 35 ވަރަކަށް އަހަރު ވުމުން ސިއްހީ ގޮތުން ތަފާތު މައްސަލަތައް ދިމާވާން ފަށަ އެވެ. އަދި އެހާ ހިސާބުން، ސިއްހަތާ މެދު ފަރުވާތެރި ނުވާ ނަމަ ތަފާތު ބޮޑެތި ބަލިތަކާ ގިނަ ފަހަރަށް ކުރިމަތިލާން ފަށަ އެވެ. ނަމަވެސް މީގެ މާނައަކީ ދުޅަހެޔޮ ސިއްހަތަކާ މެދު ވިސްނުމަށް އަދި ދުޅަހެޔޮ ސިއްހަތެއް ހޯދުމަށް އުމުރުން 35 އަހަރު ވަންދެން މަޑުކުރަން ޖެހޭ ވާހަކައެއް ވެސް ނޫނެވެ. ރަނގަޅު ސިއްހަތެއްގައި އަދި އުފަލުގައި ގިނަ ދުވަސް ވޭތުކުރުމަށް އަދި ޑޮކްޓަރުންނާއި ބޭސްފަރުވާއާ ދުރުގައި ގިނަ ދުވަހު ހުރުމަށް ތިމާގެ ސިއްހީ ދުޅަހެޔޮކަމާ މެދު އަބަދުވެސް ވިސްނާ އެކަމަށް ދުރާލާ މަގު ކޮށަން ޖެހެ އެވެ.

ތިބާ އަކީ އަމިއްލަ ސިއްހީ ދުޅަހެޔޮކަމާ މެދު ތަފާތު ގޮތްގޮތަށް ވިސްނާނެ މީހެއްކަން އަޅުގަނޑަށް ގަބޫލުކުރެވެ އެވެ. މިސާލަކަށް މީގެ ކުރިން އަމިއްލަ ސިއްހީ ދުޅަހެޔޮކަމަށް މާ ބޮޑު މަސައްކަތްތަކެއް އަމަލީ ސިފައެއްގައި ކޮށްފައި ނެތަސް އެކަމާ މެދު މިހާރު ވިސްނާނެކަން ކަށަވަރެވެ. މިސާލަކަށް، އަބަދު ސައިކަލުގައި އޮފީހަށް ދާ ނަމަ ސައިކަލު ދޫކޮށް ހިނގާފައި ނުވަތަ ބައިސްކަލެއްގައި އޮފީހަށް ދިއުން ހިޔާރު ކުރެވިދާނެ އެވެ. ނުވަތަ ކެއުމުގައި ބޭނުންކުރާ ތައްޔާރީ ކާނާ އާއި ތެލުލި ހެދިކާ އާއި ތަފާތު ބާވަތުގެ ހަކުރު ހިމެނޭ ބުއިންތައް ދޫކޮށްލައި ކެއުމުގެ މިންގަނޑުތަކާއި ކެވޭ ތަކެއްޗަށް ފާރަވެރިވާން ފެށިދާނެ އެވެ.