ޢަޞުރު · 15:15

ކަރާގެ އަގު ރަނަށް، ތިޔާގި ވާން 10 ވަރަކަށް ދުވަސް ނަގާނެ!

"ދިވެހި ކަރާ ކިލޯއެއް 75ރ. އަށް. ބޭރު ކަރާ ވިއްޔާ 45ރ.، 55ރ. އަށް ދެވިދާނެ."

ކަރަ އާއި ރޯދަ މަހާ އޮންނަނީ އަމަށަކު ގުޅުމެއް ނޫނެވެ. ރޯދަ ވީއްލަން ކަރާ ފަނި ނޫނީ ނުބޮވޭ މީހުން ވެސް އުޅެ އެވެ. އެކަމަކު، މި ރޯދަ މަސް ފެށިގެން ހަފުތާއެއް ވެސް ނުވަނީސް ކަރާގެ އަގު މި ވަނީ އިންތިހާ އަށް އުފުލިފަ އެވެ.


ބާޒާރުގައި ކަރާ ލިބެން ހުރި މިންވަރު ވެސް އާދަޔާހިލާފަށް މަދެވެ. ގިނަ ގޮޅިތަކުގައި އެއްވެސް ވަރަކަށް ނެތެވެ. ކަރާ ލިބެން ހުރި ތަންތަނުގައި ވެސް އަތުން ގުނާލެވޭހާ މަދެވެ. އެހެން އަހަރުތަކުގައި އެކި ވައްތަރުތަކުގެ ކަރާ ނަން ހުސްކޮށް ބާޒާރުން ލިބެން ހުއްޓަސް، މި ފަހަރު މުޅިންހެން ފެންނަނީ ގަދަ ފެހި ކުލައިގެ ކަރަ އެވެ.

"މި ފަހަރު ގެނެވޭ ވަރު މަދީ. އެހާ ވަރަށް ތައްޔާރު ނުވެވުނީ. މިދިޔަ ދުވަސްތަކުގަައި ވިއްސާރަވުން ވެސް އެއީ މައްސަލައެއް" ތ. ކަނޑޫދޫގައި ދަނޑު ހައްދާ މީހަކު ބުންޏެވެ.

ކަރާ އާއި އެ ރަށަކާ ވަކި ނުކުރެވޭނެ އއ. ތޮއްޑޫ ދަނޑުވެރިންނަށް ވެސް މި ފަހަރު އަދި މާ ގިނައިން ކަރާ ގެނެވޭ ގޮތެއް ނުވެ އެވެ. މިދިޔަ އަހަރު މާ ކުރިން ރޯދަ އަށް ތައްޔާރު ވުމުގެ ސަބަބުން ފުރަތަމަ 10 ނިމުނުއިރު ބާޒާރުން ކަރާ ހުސްވި އެވެ. އެހެންވެ، ތޮއްޑޫގެ ގިނަ ދަނޑުވެރިންގެ ވިސްނުން ހުރީ މިދިޔަ އަހަރު ދަނޑު ހައްދަން ފެށި އިރަށް ވުރެ 10 ދުވަސް ލަހުން މި ފަހަރު ފެށުމަށެވެ.

"މި ދެ ދުވަހު މި ގެނެވުނީ އަށް ޓަނު ކަރާ. 10ގެ ފަހުން ގިނައިން ގެނެވޭ ވަރު ވާނީ،" އަމިއްލަ ރަށުގައި ބިން ނެތުމުގެ ސަބަބުން ހއ. ކެލާގައި ދަނޑު ހައްދާ ތޮއްޑޫ މީހަކު ބުންޏެވެ.

އޭރުން ކަރާގެ އަގު އަތް ފޯރާ ފަށަށް އަންނާނެ ކަމަށް ހުރިހާ ވިޔަފާރިވެރިންހެން ބުނެ އެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން ބާޒާރުގައި ކަރާ ލިބެން ހުރި މިންވަރު ކަމަށްވާ 25-35ރ. އާ ދެމެދުގެ އަގަކަށް ވެއްޓޭނެ ކަމަށްވެ އެވެ. އޭގެ ކުރިން، ކޮންމެހެން ވެސް ކަރާ ފަނި ބޯން ބޭނުން ނަމަ، 45ރ. އިން ފެށޭ ބޭރު ކަރާ އިން ފުއްދާލުން ނޫން ގޮތެއް ނެތެވެ. ދިވެހި ކަރާގެ ރަހަ ލިބެން އޮތީ މިހާރަށް ވުރެ އެތައް ތަނެއް އަގު ދަށަށް ގޮސްގެންނެވެ.