ފަތިސް · 04:43

ނަޖުމާ "މިހާރު"އާ ވާހަކަ ދައްކަނީ.-- ވީޑިއޯ: ހުސެން ޝަޔާހް/ މިހާރު، ވީޑިއޯ އެޑިޓިން: އަބްދުﷲ އައުރާފް

"ދައްތަ ގާޑިޔާ"ގެ ދައްތަގެ ވާހަކަ

ނަޖުމާއޭ ބުންޏަސް އެއީ ކާކުކަން އެއްވެސް މީހަކަށް ނޭނގިދާނެ އެވެ. އެކަމަކު އޭނާ ހިންގާ ގާޑިޔާ މާލޭގައި ނުދަންނަ މީހަކު މަދުވާނެ އެވެ. ގާޑިޔާ ދޮށަށް ދާ ޒުވާނުން އޭނާ ދަންނަނީ ދައްތަގެ ނަމުންނެވެ. މިއީ މަޝްހޫރު ދައްތަ ގާޑިޔަލުގެ ދައްތަގެ ވާހަކަ އެވެ.


އުމުރުން 48 އަހަރުގެ ނަޖުމާ ގާޑިޔާ ހިންގާތާ މިހާރު 12 އަހަރު ވެއްޖެ އެވެ. އަބަދުވެސް އަމިއްލަ މަސައްކަތުން ދިރިއުޅުން ކޮޅަށް ޖަހަން ބޭނުންވާ ނަޖުމާ، އެ މަސައްކަތް ފެށީ އަމިއްލައަށް މަސައްކަތެއް ކުރުމުގެ ބޭނުމުގަ އެވެ. ހަތް ދަރިންނާ އެކު އެކަނި ދިރިއުޅެމުން އަންނަތާ 17 އަހަރު ވެފައިވީ އިރު، މީހެއްގެ އެހީތެރިކަމާ ނުލައި އުޅެން ނޫންވީމަ އެވެ.

އެހެންވެ، އާމްދަނީ ލިބޭ ރަނގަޅު މަސައްކަތެއް ކުރުމުގެ ބޭނުމުގައި ގާޑިޔަލެއް ހުޅުވީ އެވެ

އެކަމަކު ބޮޑުތަކުރުފާނު މަގުގައި ގިނަ ގާޑިޔާތަކެއް ހުންނައިރު، ދައްތަ ގާޑިޔާ އެހާ ހާއްސަވީ ކީއްވެ ހެއްޔެވެ؟

ނަޖުމާ އޭނާގެ ގާޑިޔަލުގައި: މީގެ 12 އަހަރު ކުރިންސުރެ ހިނގަމުން އަންނަ އެ ގާޑިޔާ މަޝްހޫރު ވެފައި އޮންނަނީ ދައްތަ ގާޑިޔަލުގެ ނަމުން.-- ފޮޓޯ: ހުސެން ޝަޔާހް/ މިހާރު

"ގާޑިޔާ ހުޅުވާފައި އަޅުގަނޑު އެތަނުގެ ނަމެއްގެ ގޮތުގައި ދައްތަ ގާޑިޔާ ޖެހީ. ދައްތަ ބޭނުންކުރީ މީހުންނާ ވީހާ ވެސް ގާތް ގުޅުމެއް ބޭއްވުމުގެ ގޮތުން،" ނަޖުމާ ބުންޏެވެ.

މީހެއްގެ ކައިރީގައި މަސައްކަތް ކުރުމުގެ ބަދަލުގައި، އަމިއްލައަށް ވިޔަފާރިއެއްކޮށް އާމްދަނީ ހޯދަން އޭނާ ފެށި އެ މަސައްކަތް ވަރަށް ކާމިޔާބެވެ.

ނަޖުމާ ބުނިގޮތުގައި ގާޑިޔަލުގައި ވިއްކާ އެއްޗެހި އޭނާ ހޯދަނީ އަމިއްލައަށް ބާޒާރަށް ގޮސްގެންނެވެ. ރިހާކުރު އެއްޗެހި ގަންނަނީ އަމިއްލައަށް އޭގެ ރަހަ ބެލުމަށް ފަހު އެވެ. މީހުންނަށް އެ ގާޑިޔާ މާކަމުދިޔައީ އެ ސަބަބާ ހުރެ ކަމަށް އޭނާ ބުންޏެވެ.

އީދު ފަދަ ހާއްސަ ދުވަސް ދުވަހު 15،000 ރުފިޔާވަރު އެ ގާޑިޔަލަށް ލިބެ އެވެ. އެއީ ގިނަ ގޮނޑިތަކާއި މޭޒުތައް ޖަހާފައި ހުންނައިރު އެވެ. އެކަމަކު މިހާރު ގޮނޑިތަކާއި މޭޒުތައް މަދުކުުރުމުން އެވަރަށް އާމްދަނީއެއް ނުލިބެ އެވެ. އާއްމު ދުވަސް ދުވަހު ރެއެއްގެ މައްޗަށް ލިބެނީ 4،000-5،000ރ. އާ ދެމެދުގެ އަދަދެކެވެ.

ދައްތަ މާރުކޭޓުގެ ގޮޅީގައި: އޭނާގެ ގާޑިއާ އާއްމުންގެ ތެރޭގައި މަޝްހޫރު-- ފޮޓޯ: ހުސެން ޝަޔާހު/ މިހާރު

"މިހާރު ވެސް ވަރަށް ގިނަ ކުދިން ތިބޭނެ ގޮނޑިއެއް މޭޒެއް ނުލިބިފައި، ދައްތަ ވިއްކާ މަސްކާއްޓާއި މަޖާ ކާލާ ހިތުން،" ނަޖުމާ ބުންޏެވެ.

ދަންވަންދެން ގާޑިޔަލުގައި މަސައްކަތްކުރުމުގެ އިތުރުން އޭނާ ހަވީރު ގަޑީގައި މާރުކޭޓު ގޮޅިއެއްގައި ވެސް އިނދެ އެވެ.

މަގުމަތީގައި ނުވަތަ މާރުކޭޓުގައި މަސައްކަތް ކުރާތީ މީހުންގެ މަލާމާތް ރައްދުވާ ކަމަށް ނަޖުމާ ބުންޏެވެ. ބައެއް މީހުން ދެކެނީ އެއީ ދަށުދަރަޖައިގެ ކަމެއްގެ ގޮތުގަ އެވެ.

ނަޖުމާ ބުނިގޮތުގައި އާމްދަނީ ހޯދަން ހަލާލު ކޮންމެ މަސައްކަތެއް ވެސް ކުރެވޭނެ އެވެ. އޭގައި ވަކި ޖިންސެއް، ވަކި މަސައްކަތެއް، އިސްތިސްނާއެއް ނުވެ އެވެ.