ފަތިސް · 04:44

އަގުތައް މައްޗަށް، މަސްހުންޏާއި ސަޓަންޏާ ނުލާ ރޯދަ!

ފަތްޕިލާވެލީގެ ބާވަތްތައް ބާޒާރުން މުޅިންހެން ހުސްވެ، ކެއުމުގައި އާއްމުކޮށް ބޭނުން ކުރާ ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެ އެވެ.


ރޯދަ ވީއްލާ ގަޑީގައި ކެއުމަށް މަސްހުންޏާއި ސަޓަނި ތައްޔާރު ކުރަން ބޭނުން ކުރާ ކޮޕީ ފަތް ލޯކަލް މާރުކޭޓުގައި އެއްވެސް ވަރަކަށް ނެތެވެ. ދެތިން ގޮޅިއެއްގައި ކޮންމެވެސް ވަރަކަށް ކުއްޅަފިލާ ފަތް ވިއްކަން ހުރި ނަމަވެސް އެ އެއްޗެހި ހުރީ ވަރަށް ބޮޑަށް ވަޅޯވެފަ އެވެ. ބަހައްޓާފައި ވެސް ހުރީ ވަރަށް ވިއްސިވިހާލި ވެފައިވާ ގޮތަކަށެވެ. ކުރިން ފަސް ރުފިޔާ އަށް ވިއްކި ކުއްޅަފިލާ ފަތް ބޮނޑިއެއްގެ އަގު މިހާރު ހުރީ 15-20ރ. އަށް އުފުލިފަ އެވެ.

"ރަށްރަށުން ނުލިބެނީ އެއްވެސް ވަރަކަށް. ނޭނގެ ލިބޭނެ ދުވަހެއް ވެސް. ހަފުތާއެއް، ދެ ހަފުތާއެއް ވެސް ނަގާފާނެ،" އެކި ބާވަތްތަކުގެ ތަކެތި ވިއްކަން ހުރި މީހަކު ބުންޏެވެ.

ފަތްޕިލާވެލީގެ އިތުރުން ވެސް ދިވެހި އުފެއްދުންތަކުގެ އަގު އުޅެނީ ވަރަށް މަތީގަ އެވެ. އެކި ކެއުންތަކުގެ ރަހަ ހެޔޮ ވަރު ކުރަން ބޭނުން ކުރާ މިރުސް ކިލޯއެއް 280-300ރ. އަށް ލިބެން ހުރިއިރު، ކުރިން ސާޅީހަކަށް ރުފިޔާ އަށް ގަންނަން ލިބޭ ލުނބޯ ކިލޯއެއް މިހާރު ހުރީ 150ރ. އަށެވެ. މިއީ އާއްމު އަގުތަކާ އަޅާބަލާއިރު ގާތްގަނޑަކަށް ތިން ގުނަ ބޮޑު އަދަދެކެވެ.

ދޮންކެޔޮ ވަކެއް އެންމެ ކުޑަކޮށް ވެސް ވިއްކަނީ ފަސް ރުފިޔާ. އަށެވެ. އެއީ ވެސް އެންމެ ކުދި ވައްވަކެވެ. ދޮންކެޔޮ އަރިއެއް ގަންނަން ބޭނުންވާ މީހަކު 20-30ރ.އާ ދެމެދުގެ ވަރެއް ހޭދަ ކުރަންޖެހެ އެވެ. ކުރިން ނަމަ، 10ރ. އަށް ހަތަރު ވަރަކަށް ވަށް ލިބެ އެވެ. ހަމަ އެއާ އެކު، ފަނި ގިރަން ބޭނުން ކުރާ ކުރުނބާގެ އަގު ވެސް މިހާރު އުޅެނީ 25-35ރ.އާ ދެމެދުގަ އެވެ.

މިރުސް: ކިލޯއެއް 280-300ރ ލުނބޯ: ކިލޯއެއް 150ރ ދޮންކެޔޮ: ވަކެއް 5ރ ކުރުނބާ: 25-35ރ ކާށި: 5-10ރ ގަބުޅި: 20ރ.

ގިނަ ކެއުންތަކެއް ފުރިހަމަ ކޮށްދޭ ކާށީގެ އަގު ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފައި ވިޔަސް ހުރީ ތަންކޮޅެއް މައްޗަށް ޖެހިލާފަ އެވެ. ފަސް ވަރަކަށް ރުފިޔާ އަށް ކުޑަ ކާއްޓެއް ލިބެން ހުރިއިރު، ބޮޑު ކާއްޓެއްގެ އަގު އުޅެނީ އެވްރެޖުކޮށް 10ރ. ގަ އެވެ. ބައެއް ފޮނި އެއްޗެހި ހަދަން ބޭނުން ކުރާ ގަބުޅިއެއް ގަންނަން ލިބެނީ 20ރ. އިން މަތީގެ އަގެއްގަ އެވެ.

އަގުތައް މައްޗަށް ދަނީ ގަންނަން ބޭނުންވާ ވަރަށް ނުލިބޭތީ އެވެ. އެކަމުގެ ސަބަބަކަށް އެކި ވިޔަފާރިވެރިން ދައްކަނީ އެކި ކަންކަމެވެ. އެއް ބަޔަކު ބުނާ ގޮތުގައި މިއީ ވިއްސާރަ މޫސުން ކަމުން ދަތުރުފަތުރު ކުރުމުގައި ތާށި ކަމެއް އުޅެނީ އެވެ. މާލެ އަންނަން ދިގު މުއްދަތެއް ނަގާއިރު، ކަނޑުގަދަ ކަމުން މާލޭ ބަނދަރުގައި ތާށިވެފައި މާ ގިނަ ދުވަހު އޮންނަން ޖެހެނީ އެވެ.

"ވިއްސާރައާ ހެދި ބައެއް ދަނޑުތައް ވެސް ހަލާކުވި. އެހެންވެ ދުވަސްކޮޅެއް ނަގާނެ ބޭނުންވާ ވަރަށް އެއްޗެހި ގެންނަން،" ތ. ކަނޑޫދޫގައި ދަނޑު ހައްދާ މީހަކު މިއަދު ބުންޏެވެ.

ބާޒާރުގައި އެއްޗެހި މަދުވެ، އަގުތައް އުފުލުން މި ރޯދަ މަހު ހުއްޓުމަކަށް އަންނާނެ ކަމުގެ އުއްމީދު އެއްވެސް ވިޔަފާރިވެރިއަކު ދޭކަށް ބޭނުމެއް ނުވެ އެވެ. އެންމެން ވެސް ބުނަނީ މިހާރަށް ވުރެ ބާޒާރުމަތި ތަނަވަސްް ވިޔަސް، އަގުތަކަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށެވެ. މިއީ އަގު ބޮޑު ރޯދަ ވީއްލުންތަކަށް އިންސާފު ކުރަން ޖެހޭ ރޯދަ މަހެކެވެ. ހަރަދު ވެސް ބޮޑު ވާނެ މަހެކެެވެ.