ފިޔާ، އަލުވި، ބިސް: އެސްޓީއޯ އިން އަގުހެޔޮކޮށް، ބާޒާރުގައި އަގުބޮޑުކޮށް!

ބިހާއި އަލުވި އަދި ފިޔާގެ އަގު އަދިވެސް އުޅެނީ ނިސްބަތުން މަތީގަ އެވެ.


ރޯދަ މަސް ފެށެން ކައިރިވިއިރު، ބާޒާރުގައި ބިސް ކޭހެއްގެ އަގު 400ރ. އަށް އުފުލުނެވެ. ފިޔާ އަދި އަލުވި ބަސްތާއެއް އޭރު ބާޒާރުން ލިބެން ހުރީ 300ރ. އަށެވެ. ގިނަ ފިހާރަތަކުން މިހާރު ބިސް ކޭހެއް 350-400ރ. އަށް ވިއްކަމުން ދާއިރު، ފިޔާ އާއި އަލުވީގެ އަގު ވެސް އުޅެނީ ހަމަ ކުރިން ވެސް ހުރި ވަރުގަ އެވެ.

ކޮންމެ ރޯދަ މަހަކާ ދިމާކޮށް ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އިން މި ތިން ވައްތަރު ރާއްޖެ އެތެރެކޮށް ހާއްސަ އަގުތަކެއްގައި ވިއްކަ އެވެ. އެސްޓީއޯ އިން ބިސް ކޭހެއް 275ރ. އަށް ވިއްކާއިރު، ފިޔާ އަދި އަލުވި ބަސްތާއެއް ވިއްކަނީ 250ރ. އަށެވެ.

އެސްޓީއޯ އިން އެ ތަކެތި އެތެރެކޮށް ވިއްކި ނަމަވެސް ބާޒާރުގައި ބިހާއި އަލުވި އަދި ފިޔާގެ އަގު ކޮންމެ އަހަރަކު ވެސް އުފުލެ އެވެ. އެހެން ދިމާވަނީ، ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި، އެ ފަރާތްތަކުން ވަކިން އެ ބާވަތްތައް އެތެެރެކޮށް، ވިއްކާތީ އެވެ. އާ ޝިޕްމަންޓެއް ގެންނަން ގިނަ ދުވަސް ވާ ވަރަކަށް އެ ތަކެތީގެ އަގު މައްޗަށް ދާނެ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.

"ރޯދައިގެ ކުރިން ގެންނަ ޝިޕްމަންޓް އަބަދުވެސް ވަރަށް ބާރަށް އަރައިގެން ދޭ. އަނެއްކާ އަލުން ގެންނަން ލަސްވަނީ،" ހޯލްސޭލްކޮށް މުދާ ވިއްކާ ފިހާރައެއްގެ ސޭޓަކު ބުންޏެވެ.

ލޯކަލް މާރުކޭޓް ސަރަހައްދުގައި ހުރި ފިހާރައެއް ކައިރީގައި މުދާ ބަހައްޓާފައި. ބައެއް ވިޔަފާރިވެރިން ވެސް ފިޔާ، އަލުވި، ބިސް ރާއްޖެ އެތެރެކުރޭ -- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

އަމިއްލަ އަށް ގެންނަ ބިހާއި ފިޔާ އަދި އަލުވި ހުސްވުމުން ބައެއް ވިޔަފާރިވެރިން އެ ތަކެތި ނަގަނީ އެސްޓީއޯއިންނެވެ. ނަމަވެސް އުފުލަން ޖެހޭ ބުރަ އާއި ތަކުލީފާ ހެދި އެ ތަކެތި ވެސް ވިއްކަން ޖެހެނީ، އެ މީހުން ބުނާ ގޮތުން، އަގު ބޮޑުކޮށެވެ. އެހެންކަމުން ބައެއް ވިޔަފާރިވެރިން އެގޮތަށް އެކަމެއް ނުވެސް ކުރެ އެވެ.

"ކިހިނެއް އެ ތަނުގައި ކިއޫގައި އެތައް އިރެއް ވަންދެން ހުރެގެން އެކަން ކުރާނީ؟" ސޯސަން ފިހާރައިގެ އޮފިޝަލަކު ވިދާޅުވި އެވެ.

ބާޒާރުގައި އަގުތައް އުފުލެމުންދާ ވަރަކަށް ރަށުތެރޭގެ ބައެއް ފިހާރަތަކުން ވެސް އެ ބާވަތްތައް ވިއްކާ އަގު ދަނީ ބޮޑުކުރަމުންނެވެ. މާފަންނުގައި ހުރި ފިހާރައަކުން ވިޔަފާރިކުރި މީހަކު ކިޔައިދިން ގޮތުގައި އޭނާ ބިސް ޓްރޭއެއް ގަތީ 85ރ. އަށެވެ. އެކަމަކު އެ ގޮތަށް ބިސް ގަންނަން ޖެހެނީ، އޭނާ ބުނި ގޮތުގައި، އަގުހެޔޮކޮށް ވިއްކާ ބިސް ކޭހެއް ގަނެގެން، އޭގެ ބޮޑު ބައި އުކާލަން ޖެހޭތީ އެވެ. އަލުއްވާއި ފިޔާ ވެސް އަގުހެޔޮކޮށް ބަސްތާ ގަނެފި ނަމަ ދިމާވަނީ ހަމަ އެހެން ކަމަށް ވެސް އޭނާ ބުންޏެވެ.

"އެހެންވީމަ އަގު ބޮޑުކޮށް ގަތުމެކޭ ކިއޫގައި ހުރެގެން އަގުހެޔޮކޮށް ގަތުމެކޭ އެއް ވަރެއް ވަނީ،" އެ މީހާ ބުންޏެވެ.

ރޯދަ މަސް ކުރިއަށް ދާ ވަރަކަށް ބާޒާރުން ބިހާއި އަލުވި އަދި ފިޔާ ލިބޭ އަގަށް އަތުވެދާނެ ބަދަލަކާ ގުޅޭ ގޮތުން ވިޔަފާރިވެރިން ވާހަކަ ދައްކާކަށް ބޭނުމެއް ނުވެ އެވެ. އެ ތަކެތި ހުސް ނުވެ އަދި ހަމަ އެއް އަގެއްގައި މުޅި ރޯދަ މަހު ވެސް ލިބޭނެ ކަމުގެ ޔަގީންކަން އެސްޓީއޯ އިން ދެ އެވެ.