ފަތިސް · 04:46

ޕްރޮފެސަރު އުގެއިލްގެ ހަދިޔާ: ވިހަ މާއްދާތަކުން ރައްކާތެރިވުން

މިއީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރެވިދާނެ ގޮތާ ބެހޭ ގޮތުން މި އަހަރުގެ ޖެނުއަރީ މަހު ޕްރޮފެސަރު ހަސަން އުގެއިލް، އޭނާގެ އަމިއްލަ ދިރާސާ އާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް ލިއުއްވި ފޮތް "ސިއްހީ ހަދިޔާ"ގެ ބައެއް ބައިތަކެވެ. މި ފޮތް ނެރުނީ ސޮނީ ހާޑުވެއާގެ ހެޔޮ އެދުންތަކާ އެކު އެވެ. ކޮންމެ އަންގާރަ އަދި ބުރާސްފަތީގައި މި ބައިތައް ޖަހަމުން ދާނެ އެވެ.

ދިރިއުޅޭ މާހައުލުން ހަށިގަނޑަށް ތަފާތު އެކި ވައްތަރުގެ ވިހަ މާއްދާތައް ވާސިލްވާކަން އެނގޭ ހެއްޔެވެ؟ އާއެކެވެ. މާހައުލުގައި އެކުލެވޭ ތަފާތު އެކި ބާވަތް ބާވަތުގެ ވިހަ މާއްދާތައް އަޅުގަނޑުމެންގެ ހަށިގަނޑަށް ވާސިލުވެ އެވެ. ނޭވާލާ ނިޒާމުން ނުވަތަ ކާބޯތަކެތީގެ ޒަރިއްޔާއިން ނަމަވެސް ހަށިގަނޑަށް ވާސިލްވާ ބައެއް މާއްދާތަކުން ކޮންމެވެސް ވަރަކަށް ހަށިގަނޑަށް ފައިދާ ހުރި ނަމަވެސް އަނެއް ބައި ބާވަތްތަކުން ނޭދެވޭ އަސަރު ވަރަށް ބޮޑަށް ފޯރަ އެވެ.


ދާދި ފަހުން އަޅުގަނޑު މާލެއަށް ކުރި ދަތުރެއްގައި ތަޖުރިބާ ކުރެވުނު ކަމެއްގެ ވާހަކަ ހިއްސާކޮށްލާނަމެވެ. އެ ދަތުރުގައި އަޅުގަނޑުގެ ގާތް ރައްޓެއްސަކު އޭނާގެ ގެއަށް ސަޔަކަށް ދައުވަތު ދިނެވެ. އުފަލާ އެކު ދައުވަތު ގަބޫލުކޮށް އެގެއަށް ދިޔައީމެވެ. ގޯތި ގެދޮރުގެ ދަތިކަމަކީ މާލޭގައި ދިރިއުޅޭ އެންމެނަށް ވެސް ކުރިމަތިވެފައިވާ މައްސަލައެކެވެ. އަޅުގަނޑުގެ މިތުރު ވެސް އުޅެނީ އާދައިގެ ދެ ކޮޓަރީގެ އެޕާޓްމަންޓެއްގައި އާއިލާގެ އިތުރު ތިން މީހުންނާ އެކު އެވެ. މިތުރާ އެކު ސައި ބުއިމުގައި ހޭދަކުރި ދެ ގަޑިއެއްހާއިރު ތެރޭގައި އެގެއިން ފާހަގަކުރެވުނު ކަމެއްގެ ވާހަކަ ދަންނަވާލާނަމެވެ.

އެގޭގެ ސިޓިން ރޫމުގައި "ވައި ސާފުކުރުމަށް" ނުވަތަ ވަސް މީރުކުރަން ކަރަންޓަށް ޖަހައިފައި ހުރި އެއާ ފްރެޝްނާއެއްގެ ވާހަކަ އެވެ. އެއިން އިރުއިރުކޮޅާ ކޮންމެވެސް ކަހަލަ ސްޕްރޭއެއް ސިޓިންރޫމަށް ފޮނުވަ އެވެ. މީގެ ސަބަބުން ސިޓިންރޫމް ތެރޭގައި އަބަދުވެސް މީރު ވަސް ދުވަ އެވެ. އަދި ވަރަށް ބޮޑަށް ބަންދުވެފައި ހުރި އެޕާޓްމަންޓް ތެރޭގައި ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ވެސް ގެނެސްދެ އެވެ.

ބޮޑީ ސްޕްރޭގައި ވެސް ހަށިގަނޑަށް ގެއްލުން ހުރި މާއްދާތައް ހުރޭ

ނަމަވެސް އެއީ މާރަނގަޅު ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ސަބަބަކީ އަޅުގަނޑުގެ މިތުރާއި އޭނާގެ އާއިލާގެ އެހެން މީހުން، ދުވަހުގެ ގިނަ ވަގުތު ހޭދަކުރަނީ އެ އެޕާޓްމަންޓުގައި ކަމުން އެތަނުގެ ވައިގައި އާދަޔާ ޚިލާފަށް ގިނައިން މަސްނޫއީ ކެމިކަލް މާއްދާތައް ގިނަވެ، ކިލަނބުވެފައި ވާނެ ކަމަށް ގަބޫލުކުރެވޭތީ އެވެ.

ގޭގައި ހިފައިގެންގުޅޭ ސާމާނާއި ފާހާނާ ސާފުކުރަން ބޭނުންކުރާ ބާވަތްތަކާއި ގޭތެރޭގެ ވަސް މީރުކުރަން ނުވަތަ ގައިގައި މީރު ވަސް ދުއްވަން ބޭނުންކުރާ ސްޕްރޭ (މިސާލަކަށް ބޮޑީ ސްޕްރޭ) ގައި ވެސް ތަފާތު އެތައް ވިހަ މާއްދާތައް އެކުލެވެ އެވެ.

އެއާ ފްރެޝްނާ ފަދަ ތަކެތީގައި ހިމެނޭ ނުރައްކާތެރި މަސްނޫއީ ކެމިކަލް މާއްދާތަކުގެ ތެރޭގައި ބެންޒީން އަދި ފޯމަލްޑިހައިޑް ކިޔާ ވިހަ މާއްދާތައް ވެސް ހިމެނެ އެވެ. ބައެއް ދިރާސާވެރިން ހާމަކުރާ ގޮތުގައި ބައެއް އެއާ ފްރެޝްނާ އިން ބޭރުކުރާ ސްޕްރޭ އަކީ ސިނގިރެޓު ދުމަށް ވުރެ ވެސް ނުރައްކާތެރި އެއްޗެކެވެ. އެފަދަ ތަކެތި ނޭވާލާ ނިޒާމުގެ ތެރެއިން ވަންނަނީ ސީދާ ހަށިގަނޑުގެ ލޭހޮޅިތަކަށެވެ. މިއީ ހަގީގަތުގައި ވެސް ރަނގަޅު ކަމެއް ނޫނެވެ. މިއީ ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ޖެހެން މެދުވެރިވެދާނެ ކަމެކެވެ.

ދިވެހިރާއްޖޭގެ ބައެއް މާހައުލުތަކަކީ، ވަކިން ޚާއްސަކޮށް ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެމުން އަންނަ ފުރަ މާލެއަކީ، ތޮއްޖެހިފައިވާ ތަންތަނެވެ. މީގެ ސަބަބުން އެތައް ގޮތަކުން ތަފާތު އެކި ވައްތަރުތަކުގެ ވިހަ ގޭސްތައް ވައިގެ ތެރޭގައި އުފެދި ބައެއް ތަންތަން ވަނީ ވަރަށް ބޮޑަށް ކިލަނބުވެފަ އެވެ. އާންމު ގޮތެއްގައި، މިގޮތަށް މާހައުލުގައި ހުންނަ ތަފާތު ވިހަ މާއްދާތައް ހަށިގަނޑަށް ވާސިލް ވަނީ ބޯން ބޭނުންކުރާ ފެނުންނާއި ކާބޯތަކެއްޗާއި އަދި ނޭވާލާ ނިޒާމުގެ ޒަރިއްޔާއިންނެވެ.

ހަމައެހެންމެ، ގޭގައި ހިފައިގެންގުޅޭ ސާމާނާއި ފާހާނާ ސާފުކުރަން ބޭނުންކުރާ ބާވަތްތަކާއި ގޭތެރޭގެ ވަސް މީރުކުރަން ނުވަތަ ގައިގައި މީރު ވަސް ދުއްވަން ބޭނުންކުރާ ސްޕްރޭ (މިސާލަކަށް ބޮޑީ ސްޕްރޭ) ގައި ވެސް ތަފާތު އެތައް ވިހަ މާއްދާތައް އެކުލެވެ އެވެ. އަދި މިފަދަ ތަކެތި އަބަދު ބޭނުންކުރުމުން ސިއްހީ ގޮތުން ނުރަައްކާތަކާ ކުރިމަތިވާން މަގުފަހިވެ އެވެ.