މަޣްރިބް · 18:06

ކުށްފާފަތަކަށް އަރައިގަނެވޭ ސަބަބުތަކާއި އެކަމުގެ ހައްލު

ގެއްލުމެއްގެ ތެރޭގައި އިންސާނާ ނުވެ ސަލާމަތް ވާން ބޭނުން ނަމަ ކުށްފާފަތަކުން ދުރުހެލިވެ އެކަމުން ސަލާމަތްވާން މަސައްކަތް ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. ކޮންމެ މުސްލިމަކު ވެސް ބޭނުން ވާނެ ކަމެއް ވެސް މެ އެވެ. މިކަމަށް މަގުފަހިވާނެ އެއް ކަމަކީ ކުށްފާފަތަކަށް އަރައިގަނެވޭ ސަބަބުތައް ދެނެގަތުމާއި އެކަމުން ސަލާމަތް ވުމަށްޓަކައި ކުރަން ޖެހޭނެ ކަންކަން ދެނެގަތުމެވެ.


ކުށްފާފަ ކުރުމަށް މެދުވެރިވާ މައިގަނޑު ހަތަރު ސަބަބެއް އިލްމުވެރިން ފާހަގަ ކުރައްވާފައި ވެ އެވެ. ފުރަތަމަ ސަބަބަކީ، އީމާންތެރިކަން ބަލިކަށި ވުމެވެ. މީގެ މާނަ އަކީ އިންސާނާގެ އަމަލުތައް ﷲ ބައްލަވާ ވޮޑިގަންނަވާނޭ ކަމާއި ކުށްފާފަތަކަށް އަރައިގެންފި ނަމަ ﷲގެ ކޯފާ އާއި އަޒާބަށް ހުށަހެޅޭނެ ކަމުގެ ޔަގީންކަން ހިތުގައި ފުރިހަމަ އަށް ތަސައްވުރު ވެފައި ނެތުމެވެ.

ނަތީޖާއެއްގެ ގޮތުން ﷲ އަށް ބިރުވެތިކަން އުފެދިފައި ނެތުމެވެ. އަދި އެކަލާނގެ ދެކެ ލޯބި ނުވުމެވެ. މި ހުރިހާ ކަމެއްގެ ނަތީޖާ އަކީ ކުށްފާފަތަކަށް އަރައިގަތުން މާ ބޮޑު ކަމަށް ނުދެކުމެވެ. ﷲގެ ވައުދުފުޅާއި ވައީދުފުޅު ބަލައި ނުގަނެވުމެވެ. ލޯތަކަށް އޮޅުވާލުމަށް ކުރެވޭ ކަންކަމާއި ހިތްތަކުގައި ފޮރުވިފައިވާ ކަންކަންވެސް އެކަލާނގެ ދެނެވޮޑިގަންނަވާނެ ކަމަށް ބަޔާން ކުރައްވާފައި އޮންނަކަން ހަނދާން ނެތުމެވެ.

ދެ ވަނަ ސަބަބަކީ، ޝުބުހާތުތަކުގެ ތެރެ އަށް ވަދެވުމެވެ. މީގެ މުރާދަކީ އީމާންތެރިކަމާ ގުޅުންހުރި ކަންކަމުގައްޔާއި އަޅުކަންތަކާއި މުއާމަލާތުތަކާ ގުޅުން ހުރި ކަންކަމުގައި އެ ހުކުމެއްގެ ސައްހަކަމާ މެދު ތިމާގެ ހިތަށް ޝައްކާއި ވަހުމްތައް ވަދެގެން ދިއުމެވެ. މިސާލަކަށް އާޚިރަތް ދުވަހުން ތިމަން މި ދުނިޔޭގައި ކުރާ ކަމަކަށް ހަމަ އަޒާބު ލިބިދާނެ ބާއޭ، މި ދުނިޔޭގައި ހުރެ ކުރި ކަމެއް އެ ދުވަހުން އެނގޭނީ ކިހިނަކުންބާއޭ ފަދަ ޝައްކުތަކާއި ވަހުމްތައް ހިތުގައި އުފެދުމެވެ. ނުވަތަ ދިރިއުޅުމުގެ މުއާމަލާތުތަކުގެ ތެރެއިން ސައްހަ ނޫން މުއާމަލާތަކަށް ސައްހަ މުއާމަލާތެއް ކަމަށް ހީ ކުރެވުމެވެ.

މިސާލަކަށް ވިޔަފާރީގެ މުއާމަލާތެއް ރިބާ އަށް ބަދަލުވެގެން ދާ ހިނދު، އެއީ ރިބާ ނޫން ކަމަށް ހިތަށް ތަސައްވުރު ކުރެވޭ ނަމަ އެ ވަދެވެނީ ޝުބުހާތުގެ ތެރެއަށެވެ. ޝުބުހާތުގެ ތެރެއަށް ވަނުމަށް މެދުވެރިވާ ސަބަބުތަކަށް ބަލާއިރު އެއް ކަމަކީ ދީނީ ކަންކަމަށް ހޭލުންތެރި ނުވުމާއި ވިސްނުމުގެ ބޭނުން ނުހިފުމެވެ. އަނެއް ސަބަބަކީ ނިޔަތުގައި އިހުލާސްތެރިކަން ނެތުމާއި ހަވާ ނަފްސު އިސް ކުރެވުމެވެ. މީގެ އިތުރުން ޝައިތާނުންގެ ފަރާތުން އަންނަ އޮޅުވާލުންތަކުގެ ސަބަބުން ވެސް ޝުބުހާތުގެ ތެރެއަށް ވަދެވެ އެވެ.

ކުށްފާފަތަކަށް އަރައިގަނެވޭ ތިންވަނަ ސަބަބަކީ، ޝަހުވަތްތައް ކޮންޓްރޯލު ނުކުރެވުމެވެ. މި ކަމުގެ ސަބަބުތަކަށް ބަލާއިރު އެއް ކަމަކީ ﷲގެ އާޔަތްތަކާ މެދު ހިތުގައި ޔަގީންކަން ނެތުމެވެ. މިއީ ޝުބުހާތަކަށް ވެސް މަގުފަހި ކުރުވާ އަދި އީމާންކަން ވެސް ދަށް ކުރުވާ ކަމެކެވެ. ދެވަނަ ކަމަކީ ކެތްތެރިކަން ނެތުމެވެ. ސަބަބަކީ ﷲގެ އާޔަތްތަކާ މެދު ހިތުގައި ޔަގީންކަން އޮތުމާއި ކެތްތެރިވުން މިއީ ﷲގެ ދީނުގެ އަމުރުތަކަށް ތިމާއަށް މަގުދައްކާ އިމާމެއް ކަމުގައި ވުމަށް އެކަލާނގެ މެދުވެރި ކުރުވާ ދެ ސަބަބު ކަމުގައި ވާތީ އެވެ.

ވީމާ ޝަހުވަތްތައް ކޮންޓްރޯލު ކުރުމަށްޓަކައި ޔަގީންކަމާއި ކެތްތެރިކަން އިތުރު ކުރަން ޖެހެ އެވެ. މި ދެސިފަ ލިބިގެންފި ނަމަ ހަލާލު ގޮތުގައި ޝަހުވަތްތައް ފުއްދައި ހަރާމް ގޮތުގައި އެ ފުއްދުމުން ދުރުހެލިވެވޭނެ އެވެ. ނަމަވެސް މި ދެސިފަ ލިބިގަތުމަކީ އެކަމަށްޓަކައި ތިމާ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމެކެވެ.

ހަތަރު ވަނަ ސަބަބަކީ، ޝައިތާނާގެ ވަސްވާސްތަކަށް ތަބާވުމެވެ. ޝައިތާނާ އަކީ އާދަމްގެފާނަށް ސަޖިދަ ޖެހުމަށް ﷲ މަލާއިކަތުންނަށް އަމުރު ކުރެއްވި ހިސާބުން ފެށިގެން އިންސާނާގެ އެންމެ ބޮޑު އަދުއްވެވެ. އެހެންކަމުން މި އަދުއްވާ މެދު އަބަދުވެސް އަދާވާތްތެރިކަން ބާއްވަން ﷲ ވަނީ އަމުރު ކުރައްވާފަ އެވެ. މީގެ ސަބަބަކީ ޝައިތާނާ އާއި އޭނާގެ ޖަމާއަތް އެއީ މީސްތަކުން ނަރަކަ އަށް ގެންދިއުމަށް ބާރުއަޅާ ބަޔަކަށް ވާތީ އެވެ.

މި ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލޭގެ އިސްލާމީ މަރުކަޒުގައި ތަރާވީހް ނަމާދު ކުރަނީ: ކުށްފާފަތަކުން ދުރުހެލިވުމަށްޓަކައި އީމާންތެރިކަން ވަރުގަދަ ކޮށް އަޅުކަންތަކާ ކައިރި ވާންޖެހޭ. މުހައްމަދު ޝަރުހާން / މިހާރު

ޝައިތާނުންނަކީ ހަމައެކަނި ޖިންނީންގެ ތެރޭގައިވާ ބައެއް ނޫނެވެ. އަލްއަންޢާމް ސޫރަތުގެ 112 ވަނަ އާޔަތުގައި މާތްﷲ އަންގަވާފައި ވަނީ ކޮންމެ ނަބީބޭކަލަކަށް އިންސީންނާއި ޖީންނީންގެ ޝައިތާނުން އަދާވާތްތެރިން ކަމުގައި އެކަލާނގެ ލެއްވެވި ކަމަށެވެ. އަދި ހެއްލުންތެރި ކުރުމަށްޓަކައި މަތި އޮމާން ކޮށްފައިވާ ބާތިލު ބަސްތަކުން އޭގެ އެއްބަޔަކު އަނެއްބަޔަކަށް ވަސްވާސް ދީ އުޅޭނެ ކަމަށެވެ.

ޝައިތާނުންގެ ވަސްވާސްތަކަށް ތިމާ ތަބާ ވާނަމަ އެއީ ޝަހުވަތްތަކަށް އަރައިގަތުމަށް އޮތް އެންމެ ފަހި މަގެވެ. އަދި ޝުބުހަތްތަކަށް ތިމާ އަށް ވަދެވޭނެ ކަމެކެވެ. މީގެ އިތުރުން ޝައިތާނާގެ ވަސްވާސްތަކަށް ތަބާވާ ނަމަ އީމާންތެރިކަން ބަލިކަށި ކުރުވާ ހުރިހާ ސަބަބުތަކެއް ވެސް މެދުވެރިވާނެ އެވެ. މިގޮތުން ﷲ މުރާޤަބާ ނުކުރުމާއި (އެބަހީ ﷲ ތިމާގެ އަމަލުތައް ދެނެވޮޑިގެންވާނެ ކަން ނުދަނެ އުޅުމާއި)، ﷲއާ މެދު ޔަގީންކަން ނެތުމާއި، ﷲ އަށް ބިރުވެތި ނުވުމާއި، ﷲ ދެކެ ލޯބި ނުވުން ފަދަ ކަންކަން މެދުވެރިވާނެ އެވެ.

އިންސާނުން ކުށްފާފަ ކުރުމަށް މެދުވެރިވާ ސަބަބުތަކަކީ މިއީ ކަމުގައި ވާހިނދު، ކުށްފާފަތަކުން ދުރުހެލިވާން ބޭނުންވާ ނަމަ ކުރަން ޖެހޭ ވަރަށް މުހިންމު ކަންތައްތަކެއް ވެ އެވެ. މިގޮތުން އަލްއިމާމް އިބްނުލް ޤައްޔިމް، ރަޙިމަހުﷲ، ފާހަގަ ކުރައްވާފައިވާ ދިހަ ކަމެއް ވަރަށް ޚުލާސާ ކޮށްލެވޭތޯ ބަލާނަމެވެ. ފުރަތަމަ ކަމަކީ، ކުށްފާފަތަކުގެ ނުބައި ކަމާއި މުޑުދާރުކަމާއި، ﷲ އެކަންކަން ނަހީ ކުރައްވާފައި ވަނީ އިންސާނުންގެ ސަލާމަތަށް ކަން ދެނެގަތުމެވެ.

ދެވަނަ ކަމަކީ، ﷲ އަށް ތިމާ ލަދުވެތި ވުމެވެ. މިކަން ކުރެވޭނީ ތިމާގެ އަމަލުތައް ﷲ ބައްލަވާ ވޮޑިގެންވާނެ ކަން ގަބޫލު ކުރެވިގެންނެވެ. ތިންވަނަ ކަމަކީ، ﷲ ގެ ނިއުމަތްތަކާއި އިހުސާންތެރިކަމަށް ރިއާޔަތް ކުރުމެވެ. އެބަހީ އެކަންކަން ނެތިގެންދާ ސަބަބެއް ކަމުގައި ކުށްފާފަ ކުރުން ވެގެންދާ ހިނދު އެކަމަށް ސަމާލު ވުމެވެ. ހަތަރުވަނަ ކަމަކީ، ﷲ އަށް ބިރުވެތިވުމާއި އާޚިރަތުގެ އުގޫބާތަށް ޖެހިލުން ވުމެވެ. މިކަން ކުރެވޭނީ ﷲގެ ވަޢުދުފުޅުތަކާއި ވަޢީދުފުޅުތައް ޝައްކެއް ނެތި ހިތުގެ އަޑިން ގަބޫލު ކޮށްގެންނެވެ.

ފަސްވަނަ ކަމަކީ، ﷲ ދެކެ ލޯބި ވުމެވެ. ﷲގެ އަމުރުފުޅުތަކާ ޚިލާފު ނުވެ ކެތްތެރިވުމަށް އެންމެ ބާރު ލިބޭނެ އެއް ކަމަކީ މިއެވެ. ހަވަނަ ކަމަކީ، ނަފްސު ތަޒުކިޔާ ކޮށް ނަފްސުގެ އަގު ހިފެހެއްޓުމަށް މަސައްކަތް ކުރުމެވެ. މިކަން ކުރެވޭނީ ނަފްސު ތާހިރުކޮށް ހެޔޮ އަމަލުން ޒީނަތްތެރި ކޮށްގެންނެވެ. ހަތް ވަނަ ކަމަކީ، ކުށްފާފަތަކުން ލިބޭ ދުނިޔަވީ ގެއްލުންތައް ދެނެގަތުމެވެ. މިގޮތުން މޫނުގެ އުޖާލާކަން ނެތި ދިއުމާއި، ހިތްދަތިކަމާއި ހިތާމަތަކާ ކުރިމަތިލާން ޖެހުމާއި، ހާސްވެ ކަންބޮޑުވުމާއި، ކަންކަމަށް ޖެހިލުންވުން ފަދަ އެތައް ކަމަކާ ކުރިމަތިލާން ޖެހޭނެ ކަން ދެނެގަންނަން ޖެހެ އެވެ.

އަށް ވަނަ ކަމަކީ، ދުނިޔެއަކީ ވަގުތީ ތަނެއްކަން ގަބޫލު ކޮށް ދަތުރުވެރިޔަކު ފަދައިން އުޅުމެވެ. ނުވަވަނަ ކަމަކީ، ކެއިންބުއިމާއި ހެދުންއެޅުމާއި ނިދުން ފަދަ ކަންކަމުގައި ކިރިޔާ ފުދޭ މިންވަރަށް އުޅުމެވެ. އެހެން ނޫންނަމަ ހަލާލު މިންވަރު ފަހަނައަޅައި ހަރާމްގެ ތެރެއަށް ވަދެވޭ ގޮތް ވެދާނެ އެވެ. އެންމެ ފަހު އަދި އެންމެ ބޮޑު ކަމަކީ އީމާންތެރިކަން ވަރުގަދަ ކުރުމެވެ. މިއީ އިސްވެ ބުނެވުނު ހުރިހާ ކަމަކާ ވެސް ގުޅިފައިވާ ކަމެކެވެ. އަދި މިއީ ކުށްފާފަތަކުން ދުރުހެލިވުމުގެ މައިގަނޑު ވަސީލަތް ވެސް މެއެވެ.