މެންދުރު · 12:23

ކައުނު ވުޖޫދުވުމަކީ ﷲ ވޮޑިގެންވާ ކަމުގެ އެންމެ ބޮޑު ހެކި

ﷲ، ސުބްޙާނަހޫ ވަތަޢާލާ، ވޮޑިގެންވާ ކަމުގެ ބުއްދީގެ ދަލީލުތައް ވަރަށް ގިނަ އެވެ. މިގޮތުން އެންމެ ވަރުގަދަ ދަލީލަކީ ކައުނުގައި މިވާ އެންމެހައި މަޚްލޫޤުން ވުޖޫދުވެފައި ވުމުން އެ ވުޖޫދު ކުރުވި ފަރާތެއް ވާން ލާޒިމު ވުމެވެ. ކަމެއް ނުވަތަ އެއްޗެއް ވަކި ގޮތަކަށް އޮވެފައި އޭގެ ހާލަތު އެހެން ގޮތަކަށް ބަދަލުވާނަމަ އެބަދަލު އައުމަށް މެދުވެރި ކުރުވި ފަރާތެއް ނުވަތަ ކަމެއް އޮންނަން ޖެހޭނެ އެވެ. މިއީ ބުއްދީގެ އެންމެ ފާޅުކަން ބޮޑު ހަގީގަތްތަކުގެ ތެރެއިން އެއް ހަގީގަތެވެ.


މިގޮތުން ބަލާއިރު ކައުނުގައިވާ ހުރިހާ އެއްޗެއް (އިންސާނުން ވެސް ހިމެނިގެން) ވުޖޫދު ވެފައިވާ ތަން ފެންނަން އޮތުމުން އެ ވުޖޫދު ވުމަކީ މުސްތަޙީލު ކަމެކޭ ބުނެވޭކަށް ނެތެވެ. ގަސްގަހާގެއްސާއި އިރުހަނދާއި ތަރިތައް އަދި އަހަރެމެން އިންސާނުން ވެސް ވުޖޫދުވެފައިވާ ކަން އިންކާރެއް ނުކުރެވޭނެ އެވެ. ހަމަ އެއާއެކު އަނެއްކޮޅުން އެ ވުޖޫދު ނުވުމަކީ ވެސް މުސްތަޙީލު ކަމެކޭ (އެބަހީ އެ ވުޖޫދުވުން އޭގެ ޒާތުގައި ކޮންމެހެން ލާޒިމޭ ވެސް) ނުބުނެވޭނެ އެވެ. ސަބަބަކީ އެ ވުޖޫދުވުން ލާޒިމު ނަމަ އެއަށް ބަދަލެއް ނައިސް ފަނާނުވެ ދެމިހުރުން ކޮންމެހެން ލާޒިމުވާނެތީ އެވެ. ނަމަވެސް ކައުނުގައިވާ އެއްވެސް މަޚްލޫޤަކުން މިސިފަތަކެއް ނުފެނެ އެވެ. ވީމާ އެ ތަކެތި ވުޖޫދު ވެފައި އެވަނީ ކުރިން އެ ނެތުމަށް ފަހު އެވެ. އަޒަލުއްސުރެންނެއް ނޫނެވެ.

އަޒަލުއްސުރެ ވުޖޫދު ވެފައި ނުވާނަމަ އެ ވުޖޫދު ވުމަށްޓަކައި އެކަން މެދުވެރި ކުރުވި ފަރާތެއް ވުން ލާޒިމުވާނެ އެވެ. އެފަދަ ފަރާތެއް ނެތްކަމަށް ދައުވާ ކުރުމަކީ ބުރަ ކުރާނެ އެއްޗެއް ނެތި ވަކި އަތަކަށް ބުރަ ކުރުން ފަދަ ކަމެކެވެ. މިސާލަކަށް ތިލަފަތެއްގެ ދެކޮޅު އެއްވަރަށް ހުރެފައި އެތަނުން އެއްކޮޅު ބަރުވިއިރު އެ ބަރު ކުރަން މެދުވެރިވި އެއްވެސް ސަބަބެއް ނެތޭ ބުނުމެވެ. ނުވަތަ މޭޒެއް ފަދަ އެއްޗެއް ކުރިން ނެތިފައި ފަހުން އެ ވުޖޫދުވިއިރު އެ ހެދި އެއްވެސް މީހަކު ނެތޭ ބުނުމެވެ.

މިއީ ސަލާމަތުން ހުރި އެއްވެސް ބުއްދިއެއް ގަބޫލު ކުރާނެ ކަމެއް ނޫނެވެ. ވީމާ ކައުނުގައިވާހާ ތަކެތި ވުޖޫދު ވެފައިވާތީ އެތަކެތި ވުޖޫދު ކުރި ފަރާތެއް ވުން ވެސް ކޮންމެހެން ލާޒިމުވެ އެވެ. އަދި ކައުނުގައިވާ ހުރިހާ ތަކެއްޗަކީ އޭގައި އަޒަލީ ސިފަ ނެތް ތަކެތި ކަމަށްވާތީ މިތަކެތި އުފެއްދެވި ފަރާތަކީ އަޒަލުއްސުރެ ވުޖޫދު ވެފައިވާ ފަރާތެއް ކަމުގައި ވެސް ވާން ޖެހޭނެ އެވެ. މިފަދަ ހަމައެކަނި ފަރާތަކީ އެއްވެސް މަޚްލޫޤަކާ އެއްފަދަވެގެން ނުވާ މާތްﷲ އެވެ.

ކައުނުގައިވާ އެންމެހާ ތަކެތި އުފެއްދެވީ ﷲ ނޫން ކަމަށް ގަބޫލު ކުރަން ބޭނުންވާ މީހުން ދެން ކޮށްފާނެ ދައުވާ އަކީ (އެ ތަކެއްޗަކީ އަޒަލީ އެއްޗެހި ކަމުގައި ކޮންމެހެން ނުވިއަސް) އެ ތަކެތި ވުޖޫދު ވެފައިވަނީ އެތަކެތި އަމިއްލަ އަށް ކަމަށް ދައުވާ ކުރުމެވެ. މިސާލަކަށް މިހުރިހާ އެއްޗެއް ވުޖޫދުވީ އެންމެ ފުރަތަމަ ވައި އޭގެ އަމިއްލަ ޒާތުގައި ވުޖޫދުވެފައި ދެން އެ އާތްވަށް ބަދަލުވެ އޭގެ ފަހުން ވަކި ގޭސްތަކަކަށްވެ އޮކްސިޖަން އާއި ކާބަން އާއި ނައިޓްރޯޖީން ފަދަ ވުޖޫދުގެ އެކިއެކި ޢުންސުރުތައް ފުރިހަމަވެގެން ދިއުމަށް ފަހު ތަފާތު އެކިއެކި ގޮތްގޮތަށް އެ ޢުންސުރުތައް ގުޅިގެން ތަފާތު މަޚްލޫޤުތައް އުފެދުނީ ކަމަށް ދަޢުވާ ކޮށްފާނެ އެވެ. މިތަނުގައި ސިލްސިލާއެއް ގޮތަށް މި ދެމިގެން އައިސްފައިވީ ނަމަވެސް އެންމެ ފުރަތަމަ އެތި ވުޖޫދު ވި ކަމަށް އެ ބުނެވެނީ ހަމަ އޭގެ އަމިއްލަ ޒާތުގަ އެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ނަގާފައިވާ ކައުނުގެ ތެރޭގެ ފޮޓޯއެއް: ކައުނު ވުޖޫދުވެފައިވާ ގޮތަކީ އޭގެ ޒާތުގައި ވެސް އެއްކައުވަންތަ އިލާހަކު ވޮޑިގެންވާ ކަމުގެ ހެއްކެއް.

މިގޮތަށް ވުޖޫދުގައިވާ ކޮންމެ އެއްޗެއް ވުޖޫދު ވާ ކަމަށް ގަބޫލު ކޮށްފި ނަމަ އެ ވުޖޫދު ވުމުގެ ސިލްސިލާ އިން މަޚްލޫޤެއް ނޫން އެހެން ފަރާތަކަށް ދުވަހަކު ވެސް ނުދެވޭނެ އެވެ. މިގޮތަށް ސިލްސިލާ ވެގެން ދިއުމަކީ ހަގީގަތަކަށް ވާސިލުވާން ބަލާއިރު ބުއްދީގެ ހަމައިން މުސްތަހީލު ކަމެކެވެ. ދެން އޮތް ގޮތަކީ ކޮންމެ މަޚްލޫޤެއް ވެސް ވުޖޫދުވުމުގައި އެ އުފެއްދުމަށް އެހެން މަޚްލޫޤެއް ވެފައި ހަމަ އެވަގުތު މި މަޚްލޫޤު ވުޖޫދު ވުމަށް ކުރިން ބުނެވުނު މަޚްލޫޤަށް ބޭނުން ޖެހޭ ކަމަށް ބުނުމެވެ.

މިއީ ވެސް މުސްތަހީލު ކަމެކެވެ. އެހެނީ އޭރުން ޚާލިޤު އެއްކޮޅުން މަޚްލޫޤަކަށް ވެފައި ހަމައެއާ އެކު އެ މަޚްލޫޤު ޚާލިޤަކަށް ވުމެވެ. ވުޖޫދު ވުމުގައި އެ ދެފަރާތް ދައުރު ވުމެވެ. މިއީ މިސާލަކަށް ބިސް އުފެދެނީ ކުކުޅުންނޭ ބުނާއިރު އަނެއްކޮޅުން ކުކުޅު އުފެދެނީ ބިހުންނޭ ބުނުން ފަދަ ކަމެކެވެ. މިގޮތަށް މިކަން އޮންނަ ނަމަ އަބަދުވެސް އޮންނާނީ ދައުރުވޭވެ އެވެ. އެއަކަށް ދުވަހަކު ނިމުމެއް ނާންނާނެ އެވެ.

އެހެންކަމުން ވުޖޫދު ވުމަށް މެދުވެރި ވަނީ ސިލްސިލާއެކޭ ނުވަތަ ދައުރު ވުމެކޭ ބުންޏަސް ނުސީދާ ގޮތެއްގައި އެބުނެވެނީ ކޮންމެ އެއްޗެއް ވެސް ވުޖޫދުވަނީ އޭގެ އަމިއްލަ ޒާތުގައި ކަމަށެވެ. އަމިއްލަ ޒާތުގައޭ ބުނާ ކަމަށް ވާނަމަ މަޚްލޫޤުތައް އެއް ހާލުން އަނެއް ހާލަށް ތަރައްގީ ވެގެން މިހާރު މިފެންނަ ގޮތަށް ވުޖޫދު ވެފައިވީ ކަމަށް ބެލިއަސް ނުވަތަ އެފަދަ ތަރައްގީވުމުގެ ސިލްސިލާއެއް ނެތި ކޮންމެ އެއްޗެއް ވެސް ވުޖޫދުވީ އެއެއްޗެއް އަމިއްލަ އަށް ކަމަށް ބެލިއަސް އަދިވެސް ޖަވާބު ނުލިބޭ ސުވާލަކީ އެންމެ ފުރަތަމަ ވުޖޫދުވި އެތި ނެތުމެއްގެ ތެރެއިން އުފެދުނީ ކިހިނަކުން ހެއްޔެވެ؟ ކައުނު އުފެދުނީ އޭގެ އަމިއްލަ ޒާތުގައޭ ބުނެފިނަމަ ނެތުމުގެ ތެރެއިން އެ ވުޖޫދުވެފައި އެވަނީ އޭގެ އެންމެ ފުރަތަމަ ވުޖޫދުވި އެތި އޭގެ އަމިއްލަ އަށް ވުޖޫދު ވެގެންނޭ ބުނުން ލާޒިމު ވެ އެވެ.

ކައުނަކީ ނެތުމަށް ފަހު ވުޖޫދު ވެފައިވާ އެއްޗެއް ކަން ބުއްދި އާއި ޙިއްސުތަކުގެ ދަލީލުތަކުން ސާބިތު ވެއެވެ. އެހެންކަމަށް ވާނަމަ އެ ވުޖޫދު ކުރަން އެހެން ފަރާތެއް ލާޒިމު ވެއެވެ. އަދި މި އެހެން ފަރާތަކީ އަޒަލުއްސުރެ (ފެށުމެއް ނެތި) ވުޖޫދު ވެފައިވާ ފަރާތެއް ކަމުގައި ވެސް ވާން ޖެހޭނެ އެވެ. މިފަދަ ފަރާތެއް ނުވާނަމަ މަޚްލޫޤުންގެ ފުރަތަމަ ވުޖޫދުވުން އެއީ ޚަލްޤު ކުރެވުނު އެއްޗަކަށް ނުވާނެ އެވެ. ނަތީޖާއެއްގެ ގޮތުން މުޅި ކައުނު ވެސް މަޚްލޫޤަކަށް ނުވާނެ އެވެ. މުޅި ކައުނު އޭގައިވާ ހުރިހާ އެއްޗެއް އޭރުން ވެގެންދާނީ ޚާލިޤަކަށެވެ.

ކައުނު އޮންނަ ގޮތް ކަމަށް ބައެއް މީހުން ލަފާކުރާ ޚިޔާލީ ކުރެހުމެއް: ކައުނު ވުޖޫދުވެފައިވާ ގޮތަކީ އޭގެ ޒާތުގައި ވެސް އެއްކައުވަންތަ އިލާހަކު ވޮޑިގެންވާ ކަމުގެ ހެއްކެއް.

މީގެ މިސާލަކީ ގޮނޑިތަކާއި މޭޒުތަކާއި އެހެންވެސް ސާމާނު އުފެދިފައިވަނީ އެއެއްޗެހި އަމިއްލަ ޒާތުގައޭ ބުނުމެވެ. މީގެ މާނަ އަކީ އެއިން އެކައްޗަކީވެސް އެހެން ފަރާތަކުން ހަދާފައި ހުރި އެއްޗަކަށް ނުވުމެވެ. އަދި އެއީ އޭގެ ޒާތުގައި އުފެދިފައިވާ އުފެއްދުންތެރިއެއް ކަމަށް ވުމެވެ. މިއީ ބުއްދި ސަލާމަތުން ހުރި އެކަކުވެސް ގަބޫލު ކުރާނެ ކަމެއް ނޫނެވެ.

ވީމާ މި ދައުވާތަކުން ސަލާމަތް ވެވެން އޮތް ހަމައެކަނި ގޮތަކީ މަޚްލޫޤުތައް ވުޖޫދު ކުރުމަށް މުސްތަޤިއްލު ފަރާތެއް ވުޖޫދުވެފައިވާ ކަމަށް ގަބޫލު ކުރުމެވެ. އަދި މި މުސްތަޤިއްލު ފަރާތް ވުޖޫދު ވުމުގައި އިތުރު އެހެން ފަރާތަކަށް ބޭނުން ނުވާނެ ކަން ގަބޫލު ކުރުމެވެ. އާދެ، ވުޖޫދުވުން ލާޒިމު ފަރާތެއް ވާކަން ގަބޫލު ކުރުމެވެ. ވުޖޫދުވުން ލާޒިމު ފަރާތެއް ނަމަ ދެމިހުރުން ވެސް ލާޒިމު ވާނެ އެވެ. ބަދަލުވުމެއް ވެސް މެދުވެރިވެގެން ނުވާނެ އެވެ. މި ފަދަ ހަމައެކަނި ފަރާތަކީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ އެވެ. ކައުނުގައިވާ ކޮންމެ މަޚްލޫޤަކަށް ނަޒަރު ހިންގާލިއަސް ބަދަލުވުމާއި ފަނާވުމުގެ ޠަބީޢަތު ފެނިގެންދެ އެވެ. އެހެންވެއްޖެ ނަމަ އެއީ އަލުން އުފެދިފައިވާ އެއްޗެއްސެވެ. އަޒަލުއްސުރެ ވުޖޫދުވެފައިވާ އެއްޗެއްސެއް ނޫނެވެ.