އަލީ ޝިޔާމް "މިހާރު"އަށް އިންޓަވިއުދެނީ: މީގެ 15 އަހަރު ކުރިއްސުރެ އޭނާ އަންނަނީ ކޮންމެ ދުވަހަކުހެން ދުވަމުން-- ވީޑިޢޯ: ހުސެން ޝަޔާހު/ މިހާރު

މާރުކޭޓު ގޮޅިން ނުކުމެ މާލެ ވަށައި ހަތަރު ބުރު!

އޭނާގެ ހަޔާތުގެ ހާއްސަ ކަމަކީ ކޮބަައިތޯ އަހާލުމުން ބުނީ ބަލިވެގެން ދުވަހަކު ވެސް ޑޮކްޓަރަކަށް ދައްކާފައި ނުވުމެވެ. އެއްވެސް އިރަކު ބޭސް ކައިފައެއް ނުވެ އެވެ. އުމުރުން 58 އަހަރު ވީ އިރު ސިއްހަތު އެހާ ރަނގަޅީ ކޮން ސަބަބަކާ ހުރެތޯ ސުވާލު ކުރުމުން ބުނީ "ކޮންމެ ރެއަކު މާލެ ވަށާ އެ ދުވާ ދުވުމާއި ކަސްރަތު" ކަމަށެވެ. މިއީ ތ. ތިމަރަފުއްޓަށް އުފަން އަލީ ޝިޔާމް (އަލީ)ގެ ޚާއްސަ ވާހަކަ އެކެވެ.


އަލީގެ ހުރިހާ ކަމެއް ބިނާވެފައި އޮތީ އޭނާ އިންނަ މާރުކޭޓުގެ ގޮޅިއަށެވެ. ދުވާ ބޫޓާއި ދުވަން ބޭނުންކުރާ އެހެން އެއްޗެހި ވެސް ހުންނަނީ އެ ގޮޅީގަ އެވެ. ރޭގަނޑު މަސައްކަތް ނިންމާފައި ގޮޅީގައި އިނދެ ތައްޔާރުވެ އެ ނުކުންނަނީ މަގުު މައްޗަށެވެ. ގާތްގަނޑަކަށް ކޮންމެ ރެއަަކުހެން އޭނާ މާލެ ވަށައި ތިން ބުރު ނުވަތަ ހަތަރު ބުރު ޖަހަ އެވެ.

"އަޅުގަނޑު ދަންނަވާނީ މިހާ ސިއްހަތު ރަނގަޅުކޮށް މި ފެންނަނީ ވެސް ގަވައިދުން ދުުވާތީއޭ. މިއީ ދެން ހުރިހާ ބަލިތަކަށް ޝިފާއެއް،" އަލީ އޭނާގެ ތަޖުރިބާ ކިޔައިދިނެވެ.

މީގެ ތިރީހަކަށް އަހަރު ކުރިން މާލެއަށް ހިޖުރަކުރި އަލީ އެންމެ ފުރަތަމަ ދުވަން ފެށީ މީގެ 15 އަހަރު ކުރިންނެވެ. އޭގެ ފަހުން ގަވައިދުން އޭނާ އަންނަނީ ދުވަމުންނެވެ.

އަލީ ޝިޔާމް: މީގެ 15 އަހަރު ކުރިއްސުރެ އޭނާ އަންނަނީ ކޮންމެ ދުވަހަކުހެން ދުވަމުން-- ފޮޓޯ: ހުސެން ޝަޔާހު/ މިހާރު

އަލީ ސިފަކުރި ގޮތުގައި މިއީ "އަރާމު، ކޮންމެހެން ކުރަން ޖެހޭ" ކަމެކެވެ.

"ދުވަހަކު ވެސް އަޅުގަނޑު ބަލިވެގެން ހޮސްޕިޓަލަކަށް ނުދަން. މީގެ 10 ވަރަކަށް އަހަރު ކުރިން ލަންކާއަށް ގޮސް މެޑިކަލް ޗެކަޕެއް ހަދާލިން. އެއްވެސް މައްސަލައެއް ނެތް ކަމަށް ދައްކަނީ،" އޭނާ ބުންޏެވެ.

މާލޭގައި ބާއްވާ ދުވުމުގެ ކޮންމެ ރޭހެއްގައި އޭނާ ބައިވެރިވެ އެވެ. އެންމެ ފަހުން ބޭއްވި މިޑްނައިޓް ރަންގައި ވެސް އޭނާ ދުވި އެވެ.

"މަގުމަތިން ދާއިރު، ސައިކަލުގައި ދާ މީހުން ވެސް މަޑުކޮށްލާފައި ވަރަށް ސާބަސް ދޭނެ. ވަރަށް އުފާވޭ އެހެންވެ،" އަލީ ބުންޏެވެ.

ރޯދަ މަހު ވެސް އޭނާގެ ދުވުމުގެ ޝެޑިއުލަށް ބަދަލެއް ނުގެނެ އެވެ. ގޮޅީގެ މަސައްކަތް ރޭގަނޑު 11 ޖަހާއިރު ނިންމާލާފައި ނުކުންނަނީ ދުވާށެވެ. އޭނާ ކުރާ މަސައްކަތަކީ ދުވަން އެޅޭ ހުރަހެއް ނޫނެވެ.

"އަޅުގަނޑު ދަންނަވާނީ މިއީ ނުކޮށް ދޫކޮށްލާވަރުގެ ކަމެއް ނޫނޭ،" އަލީ ބުންޏެވެ.