ރޯދަމަހު ކިޔެވުން އޮންނާނީ ހެނދުނު 8-3 އަށް

ކުރިއަށް އޮތް ރޯދަމަހު ސްކޫލުތަކުގައި ކިޔަވައިދޭނީ ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހަމަޖައްސައިފި އެވެ.


އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ ހެނދުނުގެ ދަންފަޅި ފަށާނީ ހެނދުނު 8:40-9:00 އާ ދެމެދު ކަމަށެވެ. އަދި މެންދުރުފަހުގެ ސެޝަން ފަށާގޮތަށް ހަމަޖައްސާފައި ވަނީ ހެނދުނު 11:30 އިން މެންދުރުފަހު 1:00 އާ ދެމެދުގެ ވަގުތެއްގަ އެވެ.

ސާކިއުލާގައި ވާ ގޮތުން ކިޔަވައިދިނުމުގެ ވަގުތު ކަނޑައަޅަން ވާނީ ކޮންމެ ދުވަހެއްގެ ވެސް މެންދުރުފަހު 3:00 ގެ ކުރިން ނިންމާ ގޮތަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ ޕްރީ ސްކޫލް ކުދިންގެ ކިޔެވުން ދޮޅުގަޑިއިރަށް ވުރެ ކުރު ނުވާނެ ގޮތަކަށް ކުރިއަށް ގެންދިއުމަށެވެ. އަދި ގްރޭޑް 1-7 ގެ ކުދިންގެ ކިޔެވުން ދެ ގަޑިއިރާއި 30 މިނިޓަށް، ގްރޭޑް 8-10 ގެ ކުދިން ތިން ގަޑިއިރަށް، ގްރޭޑް 11-12 ގެ ކުދިންނަށް ރޯދަމަހު ހަތަރު ގަޑިއިރު ކިޔަވައިދޭ ގޮތަށެވެ.

މިނިސްޓްރީން ބުނީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުގައި ހަތަރު ގަޑިއިރަށް ވުރެ އިތުރު ނުވާނެ ގޮތަކަށް، ކުދިންގެ އުމުރަށް ބަަލައިގެން ކިޔަވައިދޭނެ ވަގުތު އެ ސްކޫލަކަށް އިތުރުކުރެވިދާނެ ކަމަށެވެ. އަދި މާއްދާއެއްގެ ދިގުމިން 30 މިނިޓާއި 45 މިނެޓަށް ފައްތައިގެން ކުރިއަށް ގެންދަން އެޑިއުކޭޝަން މިނިސްޓްރީން އެދެ އެވެ.

ސްކޫލުގެ ކިޔެވުމުގެ ދަންފަޅިތައް ރާވާއިރު، ވަގުތަށް ނަމާދުކުރެވޭނެ ގޮތަށް ހަމަޖެއްސުމާއި ކުދިންނަށް ދީނީ މައުލޫމާތު ދިނުން އަދި މައުރިބު ނަމާދާއި އިޝާ ނަމާދާ ދެމެދު ސްކޫލުތަކުގައި އެއްވެސް ހަަރަކާތެއް ނުހިންގަން އެޑިއުކޭޝަނުން ވަނީ އެދިފަ އެވެ.