ޕީއެސްއެމްގެ މަދަހަ މުބާރާތް މި ރޯދަ މަހަކު ނެތް

ފަހަކަށް އައިސް ކޮންމެ ރޯދަމަހަކާ ދިމާކޮށް ޕީއެސްއެމް އިން ބާއްވަމުން އައި ސްކޫލު ކުދިންގެ މަދަހަ މުބާރާތް މި ރޯދަ މަހު ނުބާއްވާ ގޮތަށް ނިންމާފައިވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.


ބައެއް ބެލެނިވެރިންގެ ފަރާތުން އެނގުނު ގޮތުގައި، ވޭތުވެދިޔަ ފަސް އަހަރެއްހާ ދުވަހު މެދުނުކެނޑި ބާއްވަމުން އައި ބޮޑު މުބާރާތް މި ރޯދަ މަހު ނުބާއްވަން ނިންމާފައިވާކަން ސްކޫލުތަކުގެ ފަރާތުން ވަނީ އެނގިފަ އެވެ. މިއީ، ސްކޫލުތަކުގެ މެދުގައި ރާއްޖޭގައި މިހާރު ބާއްވާ އެންމެ ބޮޑު މުބާރާތް ވެސް މެ އެވެ. އަދި މިއީ އެކި ރަށްރަށުގެ ސްކޫލުތަކުގެ ދަރިވަރުން މާލެ އައިސް ވާދަކުރާ ހާއްސަ މުބާރާތަކަށް ބަދަލުވެފައިވާ މުބާރާތެއް ވެސް މެ އެވެ. އެންމެ ފަހުން ބޭއްވި މަދަހަ މުބާރާތުގައި ވެސް 900އެއްހާ ދަރިވަރުން ބައިވެރިވި އެވެ.

"އެހެން އަހަރުތަކުގައި ވެސް ރޯދައިގެ މަހެއްހާ ދުވަސް ކުރިން ރެކޯޑިން ފަށާނެ. އެކަމަކު އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މަދަހަ މުބާރާތުގެ ރެކޯޑިން ނުފެށުނު އެއް ސަބަބަކީ މޯލްޑިވިއަން އައިޑޮލް އޭރު ކުރިއަށް ދިއުމާއި ހަމަ އެ ދުވަސްވަރު އިންތިހާބުގެ ވޯޓު ވެސް ކުރިއަށް ގޮސް މުޅި ސްޓޭޝަން ބިޒީވެގެން ދިިޔައީމަ،" މަދަހަ މުބާރާތުގެ ކަންކަން އެނގޭ މީހަކު ބުންޏެވެ.

އެކަމަކު ޕީއެސްއެމްގެ އިސް ބޭފުޅަކު އެކަން ދޮގު ކުރެއްވި އެވެ. ވިދާޅުވީ މަދަހަ މުބާރާތް ބާއްވަނީ ކޮންމެހެން ރޯދަ މަހާ ދިމާކޮށް ނޫން ކަމަށެވެ. އަދި ކަނޑައަޅާފައިވާ ތާރީހުގައި އެ މުބާރާތް އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީއެސްއެމްގެ މަދަހަ މުބާރާތުގައި ވާދަކުރާ ދަރިވަރުންގެ އަދަދު ފަހަކަށް އައިސް ގިނަވެ، އެ ޝޯ ލައިވް ކުރުމުގެ ބަދަލުގައި، ދުރާލައި ރެކޯޑުކޮށްގެން ރޯދައިގެ ކުރިން ޓީވީން ދައްކަން ފަށަ އެވެ. އަދި ޓީވީއެމްގެ ރޯދަ މަހުގެ މެންދުރު ފަހުގެ ބޮޑުބައި ހާއްސަކޮށްފައި އޮންނަނީ ވެސް މި މުބާރާތުގެ މަދަހަތަކަށެވެ.