ގާނޫނާ އެއްގޮތަށް މުވައްޒަފުންނަށް ރޯދަ އިނާޔަތް ދިނުމަށް އިލްތިމާސްކޮށްފި

ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތަށް މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ދިނުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން މިއަދު އިލްތިމާސްކޮށްފި އެވެ.


އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ވަނީ ގާނޫނުގައިވާ ގޮތުގެ މަތިން ރޯދަ މަހުގެ އިނާޔަތް ބައެއް ފަރާތްތަކުން ނުދޭކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އިނާޔަތް ދޭއިރު ވެސް ގާނޫނުގައިވާ ގޮތުގެ މަތިން ނުދޭ ކަން ފާހަގަ ކުރެވޭ ކަމަށް ލޭބަ ރިލޭޝަންސް އޮތޯރިޓީން ބުންޏެވެ. އެހެންވެ، ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން މި އަހަރުގެ ރޯދަ އިނާޔަތް މުވައްޒަފުންނަށް ދިނުމަށް އެ އޮތޯރިޓީން އަންގާފައިވެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި ދިވެހި ކޮންމެ މުވައްޒަފަކަށް 3،000ރ. ދިނުމަކީ ލާޒިމް ކަމެކެވެ. އަދި ބިދޭސީ މުވައްޒަފުންގެ ތެރެއިން މުސްލިމް މުވައްޒަފުންނަށް އެ އިނާޔަތް ދިނުމަކީ ވަޒީފާ ދޭ ފަރާތުގެ އިހްތިޔާރުގައި އޮންނަ ކަމެއް ކަމަށް ގާނޫނުގައިވެ އެވެ. ގާނޫނު އޮންނަ ގޮތުން ކޮންމެ އަހަރެއްގެ ވެސް ރޯދަމަސް ފެށުމުގެ ކުރިން އެ އިނާޔަތް މުވައްޒަފުންނަށް ދޭންޖެހޭނެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި ކުރިން އޮތީ ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭނީ މުވައްޒަފުގެ އަސާސީ މުސާރައިގެ ތިން ބައި ކުޅަ އެއްބައި ކަަމަށެވެ. އެކަމަކު އެގޮތަށް އެންމެ ގިނަވެގެން ދެވޭނީ 10،000ރ. ކަމަށާއި މަދުވެގެން ދެވޭނީ 2،000ރ. ކަމަށް އޭރު ގާނޫނުގައި އޮވެ އެވެ. އެކަމަކު 2015 ގައި އެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކޮންމެ މުވައްޒަފަކަށް ވެސް މިހާރު ދޭންޖެހޭނީ 3،000ރ. ގޮތުގައި ވަނީ ހަމަޖައްސައިފަ އެވެ.