ޓްރެފިކަށް ބަދަލުތަކެއް ގެނެސް، ބަރު އުޅަނދު ވަކި ވަގުތުތަކެއްގައި ދުއްވުން މަނާކޮށްފި

މި ފެށޭ ރޯދަމަހާ ދިމާކޮށް މާލޭގެ ބައެއް މަގުތަކަށް ވެހިކަލްތައް ނުވަދެވޭ ގޮތް ހަަދައި، ބަރު ވެހިކަލް ވަކި ވަގުތެއްގައި ދުއްވުން މަނާކޮށްފި އެވެ.


ރޯދަމަހު މާލޭގެ ޓްރެފިކަށް ގެނައި ބަދަލާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު އަބްދުﷲ ޝިޔާޒް ވިދާޅުވީ، މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، ރޯދަމަހުގެ މެންދުރުފަހު 3:00 އިން އިރުއޮއްސި 6:30 އަށް ގޭހާއި ފެން އަދި ގަނޑުކޮށް މުދާ ޑެލިވަރީ ކުރާ ވެހިކަލްތަކާއި ފިހާރަަތަކަށް މުދާ އުފުލާ ވެހިކަލްތައް ދުއްވުން މަނާކޮށްފައިވާ ކަމަށެވެ.

"ރޯދަމަހު މެންދުރުފަހުގެ ވަގުތުތަކުގައި މާލޭގެ މަގުތައް އެންމެ ބޮޑަށް ތޮއްޖެހޭކަން ފާހަގަ ކުރެވެނީ. ބައެއް ފަހަރު ފަސް މިނެޓުން ދެވޭ ތަނަކަށް ދާން ވިއްސަކަށް މިނެޓް އެބަ ހޭދަވޭ،" އޭނާ ވިދާޅުވި އެވެ.

ރޯދަމަހު މާލޭގެ ޓްރެފިކަށް ބަދަލުތަކެއް ގެނެސް އެކަން ރޯދަމަސް ނިމެންދެން ކުރިއަށް ގެންދާ ގޮތަށް ފުލުހުން ވަނީ ހަމަޖައްސައިފަ އެވެ.

ފުލުހުން ބުނީ ރޯދަމަސް ނިމެންދެން، ކޮންމެ ދުވަހެއްގެ ހަވީރު 4-6 އަށް ރަސްފަންނު ސަރަހައްދަށް ވެހިކަލްތައް ވެއްދުން މަނާވާނެ ކަމަށެވެ. އެ ވަގުތުތަކުގައި އެ ސަރަހައްދު ހާއްސަވާނީ ހިނގާފައި އުޅެން ކަމަށް ފުލުހުން ބުނެ އެވެ.

ކަނބާއައިސާރަނި ހިނގުމުގައި ހުންނަ ތާޖުއްދީން ސްކޫލް ކަންމަތިން ފެށިގެން މަޖީދީމަގާ ދެމެދު ދެ ކޮޅަށް ދުއްވާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

މާލޭގެ ޓްރެފިކް ފްލޯއަށް އައި ބަދަލު - ފޮޓޯ: ޕޮލިސް

ފުލުހުން ބުނި ގޮތުގައި ތާޖުއްދީން ސްކޫލް ކަންމަތިން ފެށިގެން އަމީނީމަގު، ދިރާގު ހެޑް އޮފީހާވީ ދިމާލުން ބޮޑުތަކުރުފާނު މަގުން ފެށިގެން ތާޖުއްދީން ސްކޫލް ހުންނަ ގޯޅިއާ ހަމައަށް ވަނީ އެއްކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފަ އެވެ.

މާލޭގެ ޓްރެފިކް ފްލޯއަށް އައި ބަދަލު - ފޮޓޯ: ޕޮލިސް

ހެންވޭރު ބޮޑުތަކުރުފާނު މަގުން ކުރީގެ ޓަސްކަލޫސާ ރެސްޓޯރަންޓް ކައިރިން ބޮޑުފުންގަނޑު މަގާ ހަމަށް ވަދެވޭ ގޮތަށް ހެދިއިރު، ބޮޑުފުންގަނޑު މަގުން ގޮސް ނުކުންނަން ޖެހޭނީ ޗައިނާ އެމްބަސީ ހުންނަ ދުނބުގަސް މަގުން ބޮޑުތަކުރުފާނު މަގަށެވެ. އަދި ޗީބޯ ހުންނަ ބުރެވިމަގާ ގުޅުނު ހިސާބުން ފެށިގެން ޗީބޯ އާއި ޓަސްކަލޫސާއާ ދެމެދު ޕާކް ނުކުރެވޭ ގޮތަށް ވަނީ ހަދައިފަ އެވެ.

މާލޭގެ ޓްރެފިކް ފްލޯއަށް އައި ބަދަލު - ފޮޓޯ: ޕޮލިސް

ރޯދަމަހު ލޯކަލް މާރުކޭޓު ސަރަހައްދަކީ ޓްރެފިކް ކާރުބާރު ބޮޑު ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވޭތީ، ފުލުހުން ވަނީ އެ ސަރަހައްދުގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިފަ އެވެ.

އެގޮތުން އުޅަނދުތައް ޕާކް ކުރުމަށް ކަނޑައަޅާފައިވަނީ ބޮޑުތަކުރުފާނުމަގު ލޯކަލް މާރުކޭޓް ވަށައިގެން ހަދާފައިވާ ޕާކިން ޒޯނާއި ބޮޑުތަކުރުފާނުމަގު ބީއެޗްއެމް ޓްރޭޑާސް ހުންނަ މޫސާ އިބްރާހީމް ދީދީގޯޅިއާ ގުޅުނު ހިސާބުން ފެށިގެން ބޮޑުތަކުރުފާނުމަގުން ކުރީގެ އެމްޓީޓީސީ ބިލްޑިންގާ ހަމައަށް މަގުގެ އުތުރު ފަރާތުގަ އެވެ.

ބޮޑުތަކުރުފާނުމަގުން ވަޅޯ މަސް މާރުކޭޓް ކައިރިން ޕޭވްމަންޓް އެތެރެއިން ހަދާފައިވާ ޕާކިން ޒޯނާއި ބޮޑުތަކުރުފާނުމަގު ނޯތު ހާބަރު ކުރިމަތީގައި އޮންނަ ފާރުކެނޑި ހިނގުން ގުޅުނު ހިސާބުން ފެށިގެން ދަތުރުވެރިންގެ މާރުކޭޓު ކުރިމަތީގައި އޮންނަ އާބުރުޒު ހިނގުމާއި ގުޅުނު ހިސާބަށް މަގުގެ ދެކުނު ފަރާތުގައި (އަތޮޅު ފިހާރާ ފަރާތް) އަދި އާބުރުޒު ހިނގުން ހައިކޯޓް ކުރިމަތީގައި ހަދާފައިވާ ޒޯންގައި ޕާކް ކުރެވޭނެ އެވެ.

މާލޭގެ ޓްރެފިކް ފްލޯއަށް އައި ބަދަލު - ފޮޓޯ: ޕޮލިސް

މީގެ އިތުރުން ބަންޑާރަ މިސްކިތާއި، ފުރުގާން މިސްކިތް، ނޫރު މިސްކިތް، އިބްރާހިމީ މިސްކިތް، ބަރުބަރީ މިސްކިތް އަދި ވިޔަފާރިވެރިންގެ މިސްކިތް ހިމެނޭ ސަރަހައްދުތަގެ މަގުތައް ވަކި ގަޑިތަކެއްގައި ހަތަރު ފުރޮޅުލީ އުޅަނދަށް ނުވަދެވޭނެހެން ބަންދު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ. ރޯދަމަހާ ދިމާކޮށް ފެށި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވާނެ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެ އެވެ.