ޢަޞުރު · 15:10

ތަކެތީގެ އަގު އުފުލުނީ ރައީސް ޔާމީންގެ ސިޔާސަތު ފެއިލްވުމުން: ނަޝީދު

ރޯދަ މަހާ ދިމާކޮށް ތަކެތީގެ އަގު އުފުލުނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިގްތިސާދީ ސިޔާސަތު ފެއިލްވުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.


މި ރޯދަމަހު ބާޒާރުގައި ބައެއް ކާބޯތަކެތީގެ އަގު ބޮޑުވުމާ ގުޅިގެން ނަޝީދު ކުރެއްވި ޓުވީޓެއްގައި ފާހަގަކުރެއްވި ގޮތުގައި ރޯދަމަހު ވެސް ތަކެތީގެ އަގު އިންތިހާ އަށް ވަނީ އުފުލިފަ އެވެ. އަދި ދިވެހިންނަށް ހައްގު މިންވަރު ލިބެން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ކުރެއްވި ޓުވީޓު.

ނަޝީދު މިހެން ވިދާޅުވިއިރު، ރޯދަމަހާ ދިމާކޮށް ދިވެހިން އާންމުކޮށް ބޭނުން ކުރަމުން އަންނަ ބައެއް ބާވަތްތަކުގެ އަގު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ. އެ ގޮތުން އެންމެ ބޮޑަށް އަގުބޮޑުވި ބާވަތްތަކުގެ ތެރެއިން މިރުސް ކިލޯއެއްގެ އަގު އުޅެނީ 200ރ. އާއި 700ރ. އާ ދެމެދުގެ އަގެއްގަ އެވެ.

އަދި ރޯދަމަހު އެންމެ ގިނަ އިން ބޭނުން ކުރާ ކަރަލާއި ކާއްޓާއި ލުނބޯގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ދަތުރުވެރިން ބުނީ މޫސުން ރަނގަޅު ނުވެ ދިގުލައިގެން ދާނަމަ ތަކެތީގެ އަގު އަދިވެސް އުފުލުން އެކަށީގެންވާ ކަމަށެވެ.

ރޯދަމަހު ބައެއް ބާވަތްތަކުގެ އަގު ބޮޑުވެފައިވާތީ ސަރުކާރުން ވަނީ އެގްރިކަލް މިނިސްޓްރީގެ ދަށުގައި ހުރި ފަޅުރަށްރަށުން ރޯދަމަހު ކާއްޓާއި ކުރުނބާ ގެންނަން އާންމުކޮށް ހުޅުވާލައި، ކުރިމަތިލީ މީހުންނަށް ވިއްކަން ފުރުސަތު ދީފަ އެވެ. ނަމަވެސް އެ ތަކެތި ވިއްކަން ޝަރުތު ކުރީ ހެޔޮ އަގެއްގަ އެވެ.