ރަށެއްގެ 70 ޕަސެންޓް މީހުން ރޯދަ ނުހިފައޭ ބުނީ ލިބުނު މައުލޫމާތަކުން: އަލީ ޒައިދު

ރާއްޖޭގެ ދެކުނުގެ ރަށެއްގެ 70 ޕަސެންޓް މީހުން ރޯދަ މަހު ރޯދަ ނުހިފާ ކަމަށް، ދަރުސްގައި ވިދާޅުވީ އެ ރަށުގެ ރައްޔިތެއްގެ ފަރާތުން ލިބުނު މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށް ޝައިޚް އަލީ ޒައިދު މިއަދު ވިދާޅުވެއްޖެ އެވެ.


ސައްތަ އިން ސައްތަ މުސްލިމު މި ގައުމުގެ ރަށެއްގެ އާބާދީގެ ބޮޑު ބައެއް ރޯދަ ނުހިފާ ކަމަށް އަލީ ޒައިދު ވިދާޅުވީ ވިޔަފާރިވެރިންގެ މިސްކިތުގައި އިއްޔެ އަސްރު ނަމާދަށް ފަހު ދެއްވި ދީނީ ތަގުރީރުގަ އެވެ. އެކަމަކު އެއީ ކޮން ރަށެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ވަކި ރަށެއް ހާމަނުކޮށް މިފަދަ ބޮޑު ތުހުމަތެއް ކުރެއްވި މައްސަލަ ހޫނުވެ، ސޯޝަލް މީޑިއާގައި އޭނާ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފަ އެވެ.

ދަރުސްގައި ވިދާޅުވީ ކޮން ރަށެއްގެ ވާހަކަތޯ "މިހާރު"ން ސުވާލު ކުރުމުން އޭނާ ވިދާޅުވީ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވަނީ އޭނާ ދެއްކެވި ވާހަކައިގެ އެއްބައި އުނިކޮށްފައި ކަމަށެވެ. އެގޮތަށް ގެނެސްދިނުމުން، މައުލޫމާތު އޮޅިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވީ އަޅުގަނޑު ރަށަކަށް ދިޔައީމަ، މީހެއްގެ ފަރާތުން މައުލޫމާތު ލިބުނޭ އެ ރަށުގެ ގާތްގަނޑަކަށް 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ކަމަށް. އަޅުގަނޑު ދެތިން ފަހަރަކު އެހީމޭ، އެ ޔަގީންކޮށްލަން ވެގެން. އަޅުގަނޑަށް ލިބުނު މައުލޫމާތެކޭ އެއީ،" އަލީ ޒައިދު ވިދާޅުވި އެވެ.

މައުލޫމާތުގެ ސައްހަ ކަން ބެލުމެއް ނެތި ދަރުސްގައި އެ ވާހަކަ ވިދާޅުވީ ކީއްވެތޯ އެހުމުން އަލީ ޒައިދު ވިދާޅުވީީ "އަޅުގަނޑަށް އެ މައުލޫމާތު ދިނީ ދޮގު ނުހަދާނެ ވަރުގެ ބޭފުޅެއް" ކަމަށެވެ.

އާއްމު މަސްތަކެކޭ އެއްގޮތަށް، ރޯދަ މަހުގައި ވެސް އެ ރަށެއްގައި ކައްކައި ކައިބޮއެ ހަދާ ކަމަށް އަލީ ޒައިދު ވިދާޅުވީ، ރޯދަ ނުހިފުމުގެ ނުބައި ކަމާއި އެއީ ނަރަކައިގެ އަޒާބު ލިބޭ ކަމެއް ކަމުގެ މިސާލު ޖައްސަވަމުންނެވެ.