ޢިޝާ · 19:34

ބިހާއި އަލުވީގެ އަގު އަނެއްކާ ވެސް މައްޗަށް!

އެސްޓީއޯއިން މާލެ ތެރެއަށް ހޯލްސޭލްކުރުން ވަގުތީ ގޮތުން މަޑުޖައްސާލުމާ އެކު ބާޒާރުގައި ބިހާއި އަލުވީގެ އަގު އަނެއްކާ ވެސް އުފުލިއްޖެ އެވެ.


ބާޒާރުމަތީގެ ފިހާރައެއްގެ ދޮރުމަތީގައި ބިސް ކޭސްތަކެއް ބަހައްޓައިގެން ވިއްކަން ހުރި މީހަކު ބުނީ ބިސް ކޭހެއް މިހާރު ވިއްކަނީ 350ރ. އަށް ކަމަށެވެ. އެ ފިހާރައިން އަލުވި ބަސްތާއެއް 300ރ. އަށް ވިއްކާއިރު ފިޔާ ބަސްތާއެއްގެ އަގު އުޅެނީ 200ރ. އަށެވެ.

ރޯދަމަސް ފެށުމާއެކު ބައެއް ފިހާރަތަކުން ބިސް ކޭހެއް 400ރ. އަށް ވެސް ވިއްކާފައިވެ އެވެ. ނަމަވެސް ރޯދަމަސް ފެށުމުގެ ކުރިން އެވްރެޖްކޮށް ބިސް ކޭހެއް ވިއްކާފައި 270ރ. އަށެވެ.

ބައެއް ފިހާރަތަކުން ބުނީ މާލޭގައި މިހާރު ބިހާއި އަލުވީގެ އަގު ބޮޑުވެފައި ވަނީ އެސްޓީއޯއިން ހޯލްސޭލްކުރުން މަޑުޖައްސާލާފައިވުމާއި މޫސުމް ގޯސްވުމުން އިންޑިއާއިން ގެނައުން ދަތިވެގެން ކަމަށެވެ.

ރޯދަމަހުގެ ފުރަތަމަ ދުވަހު ބާޒާރުމަތީ ފިހާރައަކުން މީހަކު ފިޔާ ބަސްތާއެއް ހިފައިގެން ދަނީ: ފިޔާ ބަސްތާއެއްގެ އަގު ވަނީ 200ރ. އަށް އުފުލިފައި..--- މިހާރު ފޮޓޯ: ނިޝާން އަލީ

"އެސްޓީއޯ އިން މިހާރު ހޯލްސޭލެއް ނުކުރޭ. ދެން އަމިއްލަ ވިޔަފާރިވެރިން ގެންނަ ތަކެތި ބަނދަރުން ނެރޭއިރު އޮންނަނީ ވިކި ހުސްވެފައި،" އެ ފިހާރައިން ވާހަކަދެއްކި މީހަކު ބުންޏެވެ.

އެސްޓީއޯގެ ޖެނެރަލް މެނޭޖަރު ފާތުމަތު އާޝާން މިއަދު ވިދާޅުވީ މާލެ ތެރެއަށް ހޯލްސޭލްކުރުން މި ވަގުތު މަޑުޖައްސާލީ އަތޮޅު ތެރެއަށް ފޮނުވަމުންދާތީ ކަމަށެވެ. އަދި ވަރަށް އަވަހަށް މާލޭގެ ފިހާރަތަކަށް އަލުން ހޯލްސޭލްކޮށް ވިއްކަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މާލެތެރެއަށް ހޯލްސޭލް ޑެލިވަރީ މަޑު ޖައްސާލީ އަތޮޅު ތެރެއަށް ފޮނުވާތީ. ކުރީގެ އަގުތަކަށް ބަދަލެއް ގެންނަން ނިންމާފައެއް ނެތް. ކުރިން ވެސް ވިއްކާ އަގުތަކުގައި އަދިވެސް ވިއްކަމުން މިދަނީ،" އާޝާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެސްޓީއޯގެ ހއ. ހޯރަފުށި، ހދ. ކުޅުދުއްފުއްޓާއި ހުވަދު އަތޮޅާއި އައްޑޫ އަދި ފުވައްމުލަކުން ތާޒާ އަލުވި، ފިޔާ އަދި ބިސް މިހާރު ލިބެން ހުންނާނެ ކަމަށެވެ. އާޝާން ވިދާޅުވީ އެސްޓީއޯ އިން ރޯދަމަސް ފެށުމުގެ ކުރިން ފިޔާ އަލުވި އަދި ބިހުގެ ދެ ޝިޕްމަންޓް ގެނެސް މާލެ އާއި އަތޮޅުތެރެއަށް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަން ފަށާފައިވާ ކަމަށެވެ. އަދި ރޯދަ މަސް ފެށުމުން ވެސް ދެ ޝިޕްމަންޓް ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބާޒާރުމަތީގައި ފިޔާ، އަލުވި އަދި ބިސް އާއްމުކޮށް ވިއްކާ ފިހާރަތަކުން ބުނީ އެ ތިން ބާވަތުގެ އަގު މިދިޔަ ދެ ދުވަހަށް ވުރެ މިހާރު ހެޔޮވެފައިވާ ކަމަށެވެ.

ބާޒާރުމަތީގައި މީހަކު އަލުވި ބަސްތާއެއް ހިފައިގެން ދަނީ: އަލުވި ބަސްތާއެއްގެ އަގު ވަނީ 300ރ. އަށް އުފުލިފައި .--- މިހާރު ފޮޓޯ: ނިޝާން އަލީ

"ރޯދަމަހުގެ ފުރަތަމަ ދެ ދުވަހު ބިހާއި އަލުވީގެ އަގު ބޮޑުވީ މޫސުމް ގޯސްވެ އިންޑިއާއިން ގެންނަން ދަތިވެގެން. އެކަމަކު މިހާރު ކޮންމެ ހަފުތާއަކު އެއް ދުވަހު އެބަގެންނަން،" ބާޒާރުމަތީ ފިހާރައަކުން ވާހަކަދެއްކި މީހަކު ބުންޏެވެ.

ބާޒާރުމަތީ ފިހާރަތަކުން ބިސް ކޭހެއް 350ރ. އަށް ވިއްކާއިރު އެސްޓީއޯއިން ރޯދައާ ދިމާކޮށް ގެނައި ބިސް ކޭހެއް ވިއްކާފައި ވަނީ 270ރ. އަށެވެ. އަދި އަލުވި ބަސްތާއެއް 220ރ. އަށް ވިއްކިއިރު ފިޔާ ބަސްތާއެއް ވިއްކާފައި ވަނީ 170ރ. އަށެވެ. އެސްޓީއޯ އިން އަދިވެސް ވިއްކަނީ އެ އަގުގަ އެވެ.