ފަތިސް · 04:44

އެންމެން ވެސް ރީސިޓް ނުލިބޭނެ އިމްތިހާނެއްގައި

އިމްތިޙާނު އައުމުން ދަރިވަރުން ހުރިހާ ވަގުތުތަކެއް ހުސްކޮށްލައިގެން ފިލާވަޅު ދަސްކުރުމުގައި އަވަދިނެތި އުޅެ އެވެ. ފޯނުކުރުމާއި ޗެޓްކުރުމާއި ނެޓަށް ވަނުން ވެސް ހުއްޓި ދެ އެވެ. އެއް ކުއްޖަކު އަނެއް ކުއްޖަކާ ބައްދަލުވާ އިރު ފެންނަނީ ކަންބޮޑުވެ ހާސްވެފައިވާ ތަނެވެ. ސުވާލު ކަރުދާހުގެ ގޮތް ނޭނގޭތީ އެވެ. އިމްތިޙާނު އުދަނގޫވެދާނެތީ ދުޢާ ކުރުން ވެސް އިތުރުވެ އެވެ. ދުނިޔޭގެ އިމްތިޙާނު ކިތަންމެ ބޮޑުވިޔަސް، ކިތަންމެ އުދަނގޫވިޔަސް މި އިމްތިޙާނުގައި ދެރަ ނަތީޖާއެއް ލިބުނަސް އެއީ ރަނގަޅު ކުރެވިދާނެ އިމްތިޙާނެކެވެ. ދެވަނަ ފަހަރަށް އިމްތިޙާނު ހެދުމުގެ ފުރްޞަތު އޮތް އިމްތިޙާނެކެވެ.


ދުނިޔޭގެ މި އިމްތިޙާނަށް ވުރެ ބޮޑު އިމްތިޙާނެއް ކުރިމަތީގައި އެބަ އޮތެވެ. އެއީ އާޚިރަތް ދުވަހުގެ އިމްތިޙާނެވެ. މި އިމްތިޙާނުގައި ދެ ވަނަ ފުރުޞަތެއް ނެތެވެ. ހުރިހާ އެންމެން ވެސް ކުރިމަތިލާން ޖެހޭނެ އިމްތިޙާނެކެވެ. ފިރިހެނުންނާއި އަންހެނުންނެވެ. މުއްސަނދީންނާއި ފަޤީރުންނެވެ. ވެރިންނާއި ރައްޔިތުންނެވެ. އެ ދުވަހުގެ އިމްތިޙާނަށްޓަކައި ފިލާވަޅުތައް އެބަ ދަސްކުރަމު ހެއްޔެވެ؟

ދުނިޔޭގެ އިމްތިޙާނުގައި މަކަރު ހެދުނަސް އާޚިރަތް ދުވަހުގެ އިމްތިޙާނުގައި މަކަރެއް ނުހެދޭނެ އެވެ. އެ އިމްތިޙާނުގައި އެހީވެދޭނޭ މީހަކު ވެސް ނުހުންނާނެ އެވެ. ބައްޕައަކު ދަރިއަކަށް، އަނތްބަކު ފިރިއަކަށް، ރަޙްމަތްތެރިއަކު އަނެއް ރަޙްމަތްތެރިއަކަށް އެހީއެއް ނުވާނެ އެވެ. ކޮންމެ މީހަކު ވެސް އުޅޭނީ އެ މީހެއްގެ އަމިއްލަ ނަފްސާ މެދު ކަންބޮޑުވެގެންނެވެ.

ޢަބަސަ ސޫރަތުގެ 33 ވަނަ އާޔަތުން ފެށިގެން އެ ވާހަތައް މާތްﷲ އަންގަވާފައިވެ އެވެ. "ފަހެ، ގަދަފަދަ އަޑު އަތުވެއްޖެ ހިނދެވެ. (އެއީ) މީހާ އޭނާގެ އަޚާގެ ކިބައިންނާއި އޭނާގެ މަންމަ އާއި ބައްޕަގެ ކިބައިންނާއި އޭނާގެ އަނބިމީހާ އާއި ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ. އެއުރެން ކުރެ ކޮންމެ މީހަކަށް އެމީހަކު އަވަދިނެތި ކުރާނެކަމެއް އެދުވަހުން ވެއެވެ."

މި ބޮޑު އިމްތިޙާނުގެ ކުރިމަތީގައި މީސްތަކުން ތިން ދަރަޖައަކަށް ބެހިގެން ވެ އެވެ. އެއް ދަރަޖައަކީ ﷲ އަށް އީމާން ނުވެ، އާޚިރަތް ދުވަސް ޤަބޫލުނުކުރާ މީހުންނެވެ. މި މީހުން ޤަބޫލު ކުރާ ގޮތުގައި އާޚިރަތް ދުވަހަކީ އަންނާނެ ދުވަހެއް ނޫނެވެ. އެމީހުން ހެއްދެވުނީ ދުނިޔެ އަށްޓަކަ އެވެ. ހިސާބު ބެއްލެވުމެއް ނެތެވެ. އެއީ ލާދީނީ މީހުންނާއި ކޮމިއުނިސްޓުންނާއި މާއްދީ މީހުން ފަދަ ފިކުރުތަކުގެ މީހުންނެވެ.

އެމީހުންގެ ބަސް ބަޔާންކުރައްވައި ކީރިތި ޤުރްއާނުގައި އަލްޖާޘިޔާ ސޫރަތުގެ 24 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ. "އެއުރެން ބުނޫ އެވެ. ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުން މެނުވީ އެހެން ދިރިއުޅުމެއް ނެތެވެ. ތިމަންމެން ދިރިތިބެމު އެވެ. އަދި މަރުވަމު އެވެ. އަދި ޒަމާން މެނުވީ ތިމަންމެން ހަލާކެއް ނުކުރެތެވެ."

މިމީހުން ބުނާ ގޮތުގައި ފެށުމަކީ ވެސް އަދި ނިމުމަކީ ވެސް ދުނިޔެ އެވެ. އެހެންކަމަށް ވާ ނަމަ ޚަލްޤުކުރައްވައި އެމީހުންގެ މައްޗަށް ތަކުލީފުތަކެއް ޖެއްސެވުމުގެ ބޭނުމެއް ނެތެވެ. ކަންތައްތަކެއް ހުއްދަވެ އަނެއް ބައި ކަންތައްތައް ޙަރާމް ވާންވީ ސަބަބެއް ނެތެވެ. އެމީހަކު ބޭނުން ގޮތަކަށް އުޅެންވީ އެވެ. ފޭރުމާއި ވައްކަން ކުރުމާއި އަނިޔާވެރިވުމާއި މީހުން މެރުން މަނާ ވާންވީ ސަބަބެއް ނެތެވެ. ދުނިޔޭގެ ކޯޓުތަކަށް ފިލައިގެން އުޅޭ މީހުންގެ ކިބައިން ޢަދާލަތު ލިބޭނެ ގޮތެއް ވެސް ނެތީތާ އެވެ.

އެހެންކަމަށް ވާނަމަ ދުނިޔޭގެ ޢަދުލު އިންސާފުން ފިލައިގެން ދާ މީހުންނަށް އުޑުގެ ޢަދުލު އިންސާފެއް ވެސް ނެތީ އެވެ! ދުނިޔަވީ ޤާނޫނުތައް ހަދާ މީހުން އެ ޤާނޫނުތައް ހަދަނީ އެމީހުންނަށް އެއިން ރެކެވޭ ގޮތްގޮތަށެވެ. އެމީހުންގެ މަޞްލަޙަތުތަކަށް ބުރޫ ނާރާނެ ފަދަ ގޮތަކަށެވެ. އަނިޔާވެރިންނާއި ކުށްވެރިން، ހެޔޮ ރަނގަޅު މީހުންނާ އެއްވަރު ވާންވީ ހެއްޔެވެ؟ އެހެނެއް ހަމަހިލާ ނުވާނެ އެވެ.

އެމީހުންނަށް، ޢަދުލުވެރިވަންތަ މޮޅަށް ދެނެވޮޑިގެންވާ ޢަލީމުވަންތަ ރަސްކަލާނގެ އިންޞާފުންނާއި ދެނެވޮޑިގަތުމުން ފިލައިގެން ނުދެވޭނެ އެވެ. އެކަން ބަޔާން ކުރައްވައި ޞާދު ސޫރަތުގެ 28 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ. "ނުވަތަ ބިމުގައި ފަސާދަ އުފައްދާ މީހުންނެކޭ އެއްފަދައިން ތިމަންރަސްކަލާނގެ، އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަމީހުން ލައްވާނެ ހެއްޔެވެ؟ ނުވަތަ ކާފިރުވި މީހުންނެކޭ އެއްފަދައިން، ތިމަންރަސްކަލާނގެ ތަޤުވާވެރިން ލައްވާނެ ހެއްޔެވެ؟"

މާލެ:7 ޖޫން 2016، ބްރިޖު އަޅާ ސަރަހައްދު ބަލާލަން ބަޔަކު ސައިކަލުތަކެއްގައި މަޑުކޮށްލައިގެން. .-- ފޮޓޯ:ނިޝާން އަލީ/ މިހާރު

ދެވަނަ ދަރަޖައަކީ މަރުވުމަށްފަހު އަލުން ދިރުއްވައި ހިސާބު ބެއްލެވުން އޮތްކަން ޤަބޫލު ކުރާ މީހުންނެވެ. ސުވަރުގެއަކާއި ނަރަކައެއް ވާކަން ޤަބޫލު ކުރާ މީހުންނެވެ. ނަމަވެސް ދުނިޔޭގެ މަޖަލާއި އަރާމުގެ ސަބަބުން އެމީހުން ވަނީ އާޚިރަތާ މެދު ޣާފިލުވެފަ އެވެ. ދުނިޔެ ދެކެ ލޯބިވުމުގެ ސަބަބުން އާޚިރަތް ހަނދާން ނެތިފަ އެވެ. މުދާ ދެކެ ލޯބިވުމުގެ ސަބަބުން ހިސާބުގެ މަތިން ވަނީ ހަނދާން ނެތިފަ އެވެ. ގަނޑުވަރުތައް ދެކެ ލޯބިވުމުގެ ސަބަބުން އެމީހުން ކަށްވަޅުގެ މަތިން ވަނީ ހަނދާން ނެތިފައެވެ.

އެ މީހުން އާޚިރަތް ދުވަހަށް އީމާންވެ އެވެ. އެކަމަކު އެއީ ނިކަމެތި އީމާން ކަމެކެވެ. އާރޯކަމެއް ނެތް، ކުރިފަޅައި ހެދިގަތުމުގެ ބާރެއް ނެތް އީމާން ކަމެކެވެ. ގިނައީ މި ދަރަޖައިގެ މީހުންނެވެ. އެންމެން ވެސް ސުވަރުގެ އަށް ވަންނަން އެދެ އެވެ. އެކަމަކު އެކަމަށްޓަކައި މަސައްކަތެއް ނުކުރެ އެވެ. ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާގެ އަރިހުން އިބްނު ޢުމަރު ރިވާކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައި އެވެ. "ތިބާ ދުނިޔޭގައި ބީރަށްޓެއްސެއްގެ ގޮތުގައި ނުވަތަ މަގު ހުރަސް ކުރާ މީހެއް ފަދަ މީހަކަށް ވާށެވެ!"

އެކަލޭގެފާނު މި ގޮތަށް ޙަދީޘް ކުރެއްވުމުން އިބުނު ޢުމަރު ވިދާޅުވިއެވެ. "ތިބާ އަށް ހެނދުނާ ހަމަ އަށް އާދެވިއްޖެ ނަމަ ހަވީރު ވަންދެން ދުނިޔޭގައި ހުންނާނެ ކަމަށް އިންތިޒާރު ނުކުރާށެވެ! އަދި ތިބާ އަށް ހަވީރާ ހަމައަށް އާދެވިއްޖެ ނަމަ ހެނދުނު ވަންދެން ދުނިޔޭގައި ހުންނާނެ ކަމަށް އިންތިޒާރު ނުކުރާށެވެ! އަދި ތިބާގެ ހެޔޮ ކަންތައްތައް ނުބައި ކަންތައްތަކާ އަޅައި ކިރާށެވެ!"

މަރަކީ އެއްވެސް މީހެއްގެ ބާރުގެ ދަށުގައިވާ ކަމެއް ނޫނެވެ. އަޖަލު އައުމުން ކުރެވޭނެ މަޖަލެއް ނޯވެ އެވެ. މާދަމާ އަންނާށޭ ބުނެ ފޮނުވާލެވޭކަށް ނޯވެ އެވެ. ލުޤްމާނު ސޫރަތުގެ 34 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނަ އަށް ވިސްނާށެވެ! "އަދި އެއްވެސް ނަފްސަކަށް، އެ ނަފްސެއް މާދަމާ ހޯދައިގަންނާނީ ކޮން ކަމެއްކަމެއް ނޭނގޭނެތެވެ. އަދި އެއްވެސް ނަފްސަކަށް އެ ނަފްސެއް މަރުވާނީ ކޮން ބިމެއްގައި ކަމެއް ނޭނގޭނެތެވެ."

މި ޒަމާނުގައި މި ފެންނަ ފަދައިން ކުއްލިއަކަށް ހިތް ހުއްޓިދާނެ އެވެ. ސްޓްރޯކެއް ޖެހިދާނެ އެވެ. ދަތުރު ކުރާ މަތިންދާބޯޓު ވެއްޓިދާނެ އެވެ. ރޭލު ފުރޮޅައިލަފާނެ އެވެ. ބޮޑު ސިންގާ ޔޮޓް ބަންޑުން ޖަހާލައި އެތައް ބަޔަކު އެއްފަހަރާ މަރުވެދާނެ އެވެ. ދުވާރު މަތިން ހިނގާފައި ދަނިކޮށް ދުއްވާ އެއްޗަކުން ޖެހި އެމީހަކު މަރުވެދާނެ އެވެ. މަރަކީ މި ފަދަ ކަމެކެވެ.

އުފާ ފާގަތި މުއްސަންޖަކު ދިރިއުޅޭ ގޮތް ހިތަށް ގެންނަވާށެވެ. އޭނާގެ ބޮޑު ގަނޑުވަރުގައި އޭނާ އަށް ޚިދުމަތް ކޮށްދޭނެ ނޯކަރުންނާއި އަރިސް މީހުން އުޅެ އެވެ. ދަތި އެއްވެސް ކަމެއް ނެތެވެ. ޗުއްޓީ ހޭދަ ކޮށްލަން ވެސް ދުނިޔޭގެ މަޝްހޫރު ރިޒޯޓްތަކަށް ދެވެ އެވެ. ބޭނުން އެއްޗެއް ބޭނުން ވަގުތެއްގައި ގަނެލެވެ އެވެ. ހަދިޔާ އަށް ދެވެ އެވެ.

މި މީހާ މަރުވެއްޖެ އެވެ. އޭނާ އަށް ކިރިޔާ އޮވެވޭވަރުގެ ސަންދޯކަކަށް ލާފައި ވަޅުލެވެނީ އެވެ. އެކަނިމާ އެކަންޏެވެ. ޚާދިމެއް ނޯކަރެއް އަރިހުމީހެއް ނެތެވެ. އޭނާގެ އެކައުންޓްގައި އެތައް މިލިޔަން ރުފިޔާއެއް ހުއްޓަސް އެއްވެސް އެއްޗެއް ނުގެންދެވުނެވެ. މިފައިސާ އިން އެއްޗެއް އޭނާއާ އެކު ވަޅުލިޔަސް އެއިން ރިޝްވަތެއް ވެސް ނުމެ ދެވޭނެމެ އެވެ.

މީހަކު މަރުވެއްޖެ ނަމަ މަލާއިކަތުން ވިދާޅުވާނެ އެވެ. ތިބާ އިސްކުޅައީ ކޮން އެއްޗެއް ހެއްޔެވެ؟ މީސްތަކުން ބުނާނީ އޭނާ ފަހަތަށް ދޫކޮށްފައި ދިޔައީ ކޮން އެއްޗެއް ހެއްޔެވެ. މި އިންސާނާ އަށް އޭނާ ދޫކުޅަ އެއްޗަކުން ފައިދާއެއް ނުކުރާނެ އެވެ. އޭނާ އަށް ފައިދާ ކުރާނީ އޭނާ އާޚިރަތަށްޓަކައި ކުޅަ ޞާލިޙު ޢަމަލުތަކުންނެވެ. އޭނާ ދޫކޮށްފައި ދިޔަ އެއްޗެހިން ގިނަ ފަހަރަށް ލިބޭނީ ގެއްލުމެވެ. އޭނާ އެއެއްޗެހި ހޯދާފައިވަނީ ނުޙައްޤުން ނުވަތަ އަނިޔާވެރި ގޮތުގައި ނަމަ ލިބޭނީ ގެއްލުމެވެ. އަދާކުރަން ޖެހޭ ޙައްޤުތައް އަދާ ނުކޮށް ދަހިވެތިވެފައިވާ ނަމަވެސް ލިބޭނީ ގެއްލުމެވެ.

ތިންވަނަ ދަރަޖައަކީ އާޚިރަތް ދުވަހަށް އީމާންވެ އެ ދުވަހަށްޓަކައި ގަދައަޅައި މަސައްކަތް ކުރާ މީހުންނެވެ. އެމީހުން އަބަދުވެސް އާޚިރަތުގެ މަތިން ހަނދާން ކުރާނެ އެވެ. މާތްﷲ ރުއްސުންލެއްވި ޢުމަރު ބުނުލް ޚައްޠާބު ވިދާޅުވި އެވެ. "ޤިޔާމަތް ދުވަސް ނުވާ ނަމަ ކަންތައްތައް އޮންނާނީ ތިބާ ތިޔަ ދެކޭ ގޮތަކަށް ނޫނެވެ." މިބަސްފުޅުގެ މާނައަކީ އޭރުން ކޮންމެ އިންސާނަކު ވެސް އުޅޭނީ އެމީހަކު ބޭނުންވާ ގޮތަކަށެވެ. ޝަހުވަތްތަކަށް އަރައިގަތުމުގައި ހައްދެއް ނޯންނާނެ އެވެ. މި ޙަޔާތް ވާނީ ޖަންގައްޔަކަށެވެ. ބާރުގަދަ މީހާ ނިކަމެތި މީހާ ކައިލާނީ އެވެ.

އިންސާނުންގެ މުޞީބާތަކީ އެމީހުންގެ ސިކުޑިން އާޚިރަތް ދުވަސް މިއަދު ޣާއިބުވެފައިވުމެވެ. އެމީހުންގެ ސިކުނޑީގައި މި ދުވަސް ހާޒިރުވެފައި އޮތް ނަމަ މައްސައަލަތައް އޮންނަނީ ޙައްލުވެފަ އެވެ. އޭރުން ކޮންމެ މީހަކު ވެސް އަނެކާ އަށް މަޢާފު ކުރާނެ އެވެ. އަނެކާގެ އަބުރަކާ ނުބެހޭނެ އެވެ. އަނެކާގެ ޙައްޤުތައް އަދާކުރާނެ އެވެ. އަނެކާ އަށް އަނިޔާވެރިއެއް ނުވާނެ އެވެ. އެކަކު އަނެކަކަށް ދުއްތުރާލެއް ނުކުރާނެ އެވެ.

މިހެޔޮ މޫސުމުގެ ބޭނުން ހިފައި ފަސްގަނޑު ޖަހައި ކާނާ އަޅައި ގޮވާން ކުރާނެ އެވެ. އެ ގޮވާމުގެ ފައިދާ މާދަމާ ލިބިގަތުމުގެ އެދުމުގަ އެވެ. އެމީހެއްގެ މޫސުމަކީ އެމީހެއްގެ އުމުރުގެ ދަވަސްތަކެވެ. އެދުވަސްތައް ނަގައިނުލައި ހެޔޮގޮތުގައި ބޭނުން ހިފާށެވެ!