ޝަކުވާ ކުރި ގިނަ ބަޔަކަށް ރޯދަ އިނާޔަތް ދީފި: ލޭބަ ރިލޭޝަންސް އޮތޯރިޓީ

މިދިޔަ ރޯދަމަސް ފެށިއިރު ރޯދަ އިނާޔަތް ނުލިބިގެން މައްސަލަ ހުށަހެޅި ގިނަ ބަޔަކަށް، އެ މީހުން މަސައްކަތް ކުރާ ތަންތަނުން އެ އިނާޔަތް މިހާތަނަށް ދީފައިވާ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޯ) އިން މިއަދު ބުނެފި އެވެ.


ކޮންމެ އަހަރެއްގެ ރޯދަމަސް ފެށުމުގެ ކުރިން ދިވެހި ކޮންމެ މުވައްޒަފަކަށް ރޯދަ އިނާޔަތް ދިނުމަކީ ވަޒީފާއާ ބެހޭ ގާނޫނު ލާޒިމްކުރާ ކަމެކެވެ. ގާނޫނުގައި ބުނާ ގޮތުން އެއީ ކޮންމެ މުވައްޒަފަކަށް 3،000ރ. އެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު "މިހާރު" އަށް އިއްޔެ ވިދާޅުވި ގޮތުގައި އިނާޔަތް ނުލިބިގެން އެ އޮތޯރިޓީ އަށް 43 މީހަކު މައްސަލަ ހުށަހެޅި އެވެ. އެކަމަކު ފިތުރު އީދަށް މިދިޔަ ބުރާސްފަތިދުވަހު ސަރުކާރު ބަންދުކުރިއިރު، އޭގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް އިނާޔަތް ދީ ނިންމާފައިވާ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރޯދަ އިނާޔަތް ނުދީގެ އަޅުގަނޑުމެންނާ ހަމައަށް ޝަކުވާ އައި މުވައްޒަފުން މަސައްކަތް ކުރާ ތަންތަނަށް އަޅުގަނޑުމެން އެންގީ މި ރޯދަމަހުގެ 27 ގެ ނިޔަލަށް ރޯދަ އިނާޔަތް ދީ ނިންމަން ވާނެއޭ. އެންމެ ފަހުން ބެލިއިރު އޭގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެ މުއްދަތު ހަމަވިއިރު، ރޯދަ އިނާޔަތް ދީ ވަނީ ނިންމާފައި. ބާކީ އޮފީސްތަކުން ވެސް އެކަން ކުރާނެ ކަމަށް އަޅުގަނޑުމެން ޔަގީން ކުރަން. ރޯދަ އިނާޔަތް އަދިވެސް ނުދީ ތިބި މީހުންގެ ފަރާތުން ވެސް އެ މީހުންގެ މުވައްޒަފުންނަށް އިނާޔަތް ހޯދައި ދޭނަން،" ނާފިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރޯދަ އިނާޔަތަކީ މުވައްޒަފުންނަށް ގާނޫނީ ގޮތުން ހައްގު އެއްޗެއްކަން އަންގައިދީ، ހޭލުންތެރި ކުރުމުގެ ނަތީޖާ ވަރަށް ރަނގަޅެވެ. ރޯދަ އިނާޔަތް ދިނުމާ ގުޅޭގޮތުން ލޭބާ އޮތޯރިޓީން އާއްމުން ހޭލުންތެރި ކުރުވުމަށް ސޯޝަަލް މީޑިއާގައި ހިންގި ބޮޑު ކެމްޕެއިންގެ ނަތީޖާ އަކީ ނާފިޒް ވިދާޅުވި ގޮތުގައި، އިނާޔަތް ނުލިބޭ މީހުންގެ ޝަކުވާ ލޭބަ ރިލޭޝަންސް އޮތޯރިޓީ އަށް ހުށަހަޅަން ފެށުމެވެ.

"މިއީ މީގެ ކުރިން އާންމުކޮށް ކުރަމުން އައި ކަމެއް ނޫން. އެހެންވީމާ މިއީ ރަނގަޅު ފެށުމެއް. އަޅުގަނޑުމެން ހިންގި ކެމްޕެއިނަށް ލިބުނު ބޮޑު ކުރިއެރުމެއް. އަނެއްކާ ވަޒީފާ ދޭ ފަރާތްތަކާ ވާހަކަ ދައްކައިގެން މި މައްސަލަ ހައްލުކޮށް، ރޯދަ އިނާޔަތް މުވައްޒަފުންނަށް ހޯދައި ދިނުމަށް ވެސް ވަރަށް ބޮޑު ފުރުސަތެއް ލިބުނު. މަޝްވަރާކޮށް، ވާހަކަ ދެއްކީމާ ގިނަ އޮފީސްތަކުން އިނާޔަތް ދޭކަން ފާހަގަކުރެވޭ،" ނާފިޒް ވިދާޅުވި އެވެ.

ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން އެ ގާނޫނުގައި ކުރަން ލާޒިމް ކަންކަން ވަޒީފާ ދޭ ފަރާތުން އަދާ ނުކުރާ ނަމަ، 5،000ރ. އިން ފެށިގެން 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިިމަނާ ކުރުން ނުވަތަ ވަޒީފާ ދޭ ފަރާތުގެ ހުއްދަ ބާތިލްކުރުން ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު ދީފައިވެ އެވެ.

ގާނޫނުގައި ބުނާ ގޮތުގެ މަތިން އެ އިނާޔަތް ނުދޭ މައްސަލަ ފަހަކަށް އައިސް ވަރަށް ބޮޑެވެ. ޚާއްސަކޮށް އަމިއްލަ އޮފީސްތަކާއި ކުންފުނިތަކުގެ ވަޒީފާތަކުގައި އުޅޭ ގިނަ މުވައްޒަފުންނަށް އިނާޔަތް ނުދެ އެވެ. ބައެއް ފަރާތްތަކުން ރޯދަ އިނާޔަތް އެއްގޮތަކަށް ވެސް ނުދޭއިރު އަނެއް ބައި ފަރާތްތަކުން ދެނީ ގާނޫނުގައި ބުނާ އަދަދަށް ވުރެ މަދުންނެވެ. އަނެއް ބައި ފަރާތްތަކުން އެ އިނާޔަތް ދެނީ ރޯދަމަސް ފެށި އެތައް ދުވަސްތަކެއް ފަހުންނެވެ.