މުހައްމަދު ރަޝީދު "މިހާރު"އާ ވާހަކަ ދައްކަނީ. މިއީ އެހެން ކައްޕިންނާ ތަފާތު މީހެއް. ވީޑިއޯ: ހުސެއިން ޝަޔާހު، ވީޑިއޯ އެޑިޓިން: އަބްދުﷲ އައުރާފް/މިހާރު

ތަފާތު ތަޖުރިބާތަކާ އެކު އަދިވެސް ކަނޑުމަތީގައި

މީރުބަހުރު ބަނދަރުން ފެނުނު އެންމެ ރީތި އަދި ހިތްގައިމު އެއް ބޯޓުގެ ކައްޕި އެވެ. އެއީ ހދ. ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ މަޝްހޫރު "ބަހާދަރު" އެވެ. ތިން އިންޖީނު އަޅައިގެން ދަތުރުކުރާ ހަމައެކަނި އުޅަނދެވެ.


ބޯޓު ކައިރިއަށް ދިއުމުން ކައްޕި، މުހައްމަދު ރަޝީދު، 46، ގެ ފަރާތުން ފެނުނީ މުޅިން އާދަޔާ ހިލާފު ކަމެކެވެ. ބޯޓުފަހަރުގެ ކައްޕީން އާންމުކޮށް ނުކުރާ ކަމެކެވެ. ބޯޓުގެ އެހެން ފަޅުވެރިންނެކޭ އެއް ގޮތަށް ބޯޓަށް މުދާ ބަރު ކުރަމުން ދިޔަ މަންޒަރެވެ. އޭނާގެ މޫނުމަތިން ވަރުބަލިކަމެއް ނުފެނުނެވެ. އެހާމެ ޖޯޝާއި ފޯރީގަ އެވެ.

ރަޝީދު ބުނާ ގޮތުން އޭނާ އޮޑިއަކަށް އެރީ އުމުރުން 18 އަހަރުގަ އެވެ. އޭނާ އެންމެ ފުރަތަމަ ދުއްވީ ސިކަންދަރު ނަމަކަށް ކިޔާ ބޯޓެކެވެ. އޭރުންސުރެ އޭނާ ހުރީ އަދިވެސް ބޯޓު ދުއްވުމުގައި ވަރުބަލިކަމެއް ނެތި އެވެ. އެއްގޮތަކަށް ވެސް ކަނޑަށް ބައްޔެއް ނޫނެވެ. ތަފާތު ގިނަ ތަޖުރިބާތަކެއް ކުރެވި، އިބުރަތްތަކެއް ވެސް ހާސިލްކޮށްފި އެވެ. ފޫހިވުމެއް ނެތެވެ.

ސިކަންދަރު ބޯޓުގެ ކައްޕި ހައްޖަށް ދާން ޖެހުމުން، އޮޑި ހަވާލު ކުރީ ރަޝީދުއާ އެވެ. އޭރު އޭނާ ވަރަށް ހަގެވެ. ބޯޓު ދުއްވުމުގެ ފެންވަރު އޭރު ނެތަސް، އެކަން ދަސްކުރީ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ. މިހާރު އޭނާއަކީ ގިނަ ބަޔަކު ދަންނަ، ދޫހެލޭ މީހެކެވެ.

ރަޝީދު ބުނި ގޮތުގައި ބޯޓު ދުއްވުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ފަޅުތެރެއަށް ވަދެ، ނިކުތުމުގައި ދިމާވާ ދައްޗެވެ. ހަމައެއާއެކު ދަތުރުފަތުރުގެ ހިދުމަތް މިހާރަށް ވުރެ ރަނގަޅުވުމަކީ އޭނާ ދެކެން ބޭނުންވާ ދުވަހެކެވެ.

މުހައްމަދު ރަޝީދު. އޭނާއަކީ މަޝްހޫރު ބަހާދަރު ބޯޓުގެ ކައްޕި. ބޯޓު ދުއްވާތާ މިހާރު 28 އަހަރު ވެއްޖެ. - ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

"ބައެއް ފަހަރު ފަޅުތެރެއިން އޮޑި ނެރޭއިރު ގެއްލުންވޭ، އޮޑިން ތަންގަނޑެއް ހަލާކުކޮށްލައިގެން ނެރެން ޖެހޭ ފަހަރު ވެސް އާދޭ." ރަޝީދު ބުންޏެވެ.

މީގެ ހަ އަހަރު ކުރިން 2010 ގައި ބަހާދަރު ބޯޓު ކުޅުދުއްފުށި ބަނދަރަށް ވަންނަނިކޮށް އެ ރަށު ކަނޑިންމައިގެ ފައިކަށްޓަށް އަރައި ބޯޓު އަޑިއަށް ދިޔައިރު، ހުންގާނު ބަލަހައްޓަން އިނީ ވެސް ރަޝީދެވެ. އެ ހާދިސާއާ ގުޅިގެން އެތައް މިލިއަން ރުފިޔާގެ ގެއްލުން ލިބުނެވެ.

ޒަމާނީ ހިދުމަތްތައް ލިބޭ ބޯޓުގެ ކައްޕި ބުނީ އާންމުކޮށް މަހަކު ކުރަނީ ހަތަރު ދަތުރު ކަމަށާއި ރޯދަ މަހު ކުރަނީ ދެ ދަތުރު ކަމަށެވެ. އެކަމަކު ސީޒަން ތެރޭގައި މާލެ އަންނަ ދުވަހު، މާލޭން ފުރަން ވެސް ޖެހޭ ކަމަށް ވެސް ތަޖުރިބާކާރު ކައްޕި ބުންޏެވެ.

"ސީޒަން ތެރޭގައި އިންނާނެ މާލެ އަންނަ ދުވަހު، މާލޭން ފުރުން ވެސް، ސީޒަން ނޫނިއްޔާ ހަފްތާއަކު ދަތުރެއް އިންނާނީ. ރޯދަ މަހު އިންނާނީ ދެ ދަތުރު،" ރަޝީދު ބުންޏެވެ.

ބޯޓެއްގެ ކައްޕިއެއްގެ ގޮތުގައި މަސައްކަތްކޮށްގެން އެކަށީގެންވާ އުޖޫރައެއް ނުލިބޭ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. ކަނޑުމަތީގައި ގިނަ ވަގުތުތަކެއް ހޭދަ ކުރަން ޖެހޭތީ އާއިލާއަކަށް ވަގުތެއް ނުދެވެ އެވެ. އެކަމަކު ރަޝީދުގެ ހިޔާލު ތަފާތެވެ. އޭނާ ބުނާ ގޮތުގައި މަހެއްގެ މައްޗަށް 15،000ރ. އިން އޭނާ އަށް ފުދެ އެވެ. އާއިލާއަށް ވަގުތުދީ ހަރަދުތައް ކުރުމަށް އެއްވެސް ދައްޗެއް ކުރިމައްޗެއް ނުވެ އެވެ.

ޒުވާނުންނަށް ރަޝީދުގެ ނަސޭހަތަކީ "ހަޑި މަސައްކަތެއްގެ ގޮތުގައި" މިކަން ނުދެކި ކެރިގެން މިކަމާ ކުރިމަތިލުމެވެ. މިއީ އާމްދަނީ ހޯދަން ރަނގަޅު މަސައްކަތެއް ކަމަށް ވެސް އޭނާ ބުނެ އެވެ. އަދި މިކަމަށް ޝައުގުވެރިވާ މީހުން ތަމްރީނުކޮށްދޭން ރަޝީދު ހުރީ ތައްޔާރަށެވެ. ހަމަގައިމުވެސް ބޯޓު ދުއްވުމުގައި 28 އަހަރު ދުވަހުގެ ތަޖުރިބާ ފުދެ އެވެ.