ފަތިސް · 04:49

ރޯދައިގެ ތަޖުރިބާކުރި ޣައިރު މުސްލިމެއްގެ ވާހަކަ

އެމެރިކާގެ ޑެޓްރޮއިޓް މެޓްރޯ ސަރަހައްދުގައި މުސްލިމުން ވަރަށް ގިނަ އެވެ. ރަމަޟާން މަހު އެ މީހުން ރޯދަ ހިފަމުން ދާއިރު އެ މުޖުތަމައުގައި އުޅޭ ޣައިރު މުސްލިމުންގެ އެތައް ބަޔަކު މުސްލިމުންނާ ބައިވެރިވެ އެވެ. އެ ސަރަހައްދުގެ ބައެއް ޣައިރު މުސްލިމުން ބުނާ ގޮތުގައި އެ މީހުން ކޮންމެ އަހަރަކު ވެސް މުސްލިމުންނާ ބައިވެރިވުމުގެ ގޮތުން ރޯދަ ހިފަ އެވެ.


މިއީ އެފަދަ ތަޖުރިބާއެއް ކުރި ޣައިރު މުސްލިމެއް ކަމަށްވާ ޖޯލް ގެފެން "އަރަބް އެމެރިކަން ނިއުސް" އަށް ދީފައިވާ އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށްފައިވާ ލިޔުމެކެވެ.

ޖޯލް ގެފެން އަކީ ހެންރީ ފޯޑް ކޮލެޖްގެ ރެލިޖަސް ސްޓަޑީޒް ޕްރޮގްރާމްގެ ޑިރެކްޓަރެވެ. ރޯދަ ހިފުމުގެ ތަޖުރިބާ އޭނާ އަށް ކުރެވުނީ އޭނާގެ ދަރިވަރަކު ދިން ދައުވަތަކާ ގުޅިގެންނެވެ. ރޯދަ ވީއްލުމަށް އެ ދަރިވަރު ދިން ދައުވަތު ގަބޫލުކޮށް އެ ގެޔަށް ދިޔައީ ރޯދަ ވީއްލާ ވަގުތު ކުރެވޭ އިހްސާސްތައް ތަޖުރިބާކުރުމަށް، އެ ދުވަހު އެއްވެސް އެއްޗެއް ނުކައި އަދި ނުބޮ ހުރުމަށް ފަހު އެވެ.

"އަހަރެން އެ ރޯދަ ވީއްލުމަށް ދާއިރު ހިނިއައިސް ހުންނާކަށް ބޭނުމެއް ނުވި. އެތަނަށް ދާ އެންމެންނާ އެއްފަދަ ތަޖުރިބާއެއް ކުރަން އަހަރެން ވެސް ބޭނުންވީ. މުޅި ދުވަހު ނުކައި ނުބޮއެ ހުރުމުން ވާނެ ގޮތް ތަޖުރިބާކޮށްލަން ބޭނުންވީ،" ގެފެން މި ތަޖުރިބާކުރަން ބޭނުންވި ގޮތާ ބެހޭ ގޮތުން ބުންޏެވެ.

"ހައިހޫނު ކަމުގައި ތިބޭ މީހުންނަށް އަހަރެންގެ ހިތުގައި އޯގާތެރިކަން އިތުރުވެގެން ހިނގައްޖެ. އަހަންނަކީ މުސްލިމެއް ނޫން. އެ ދުވަހު ބޭނުން ކޮންމެ އިރަކު ވެސް ކެވެން އޮތް. އެކަމަކު ހަމަ ގަސްދުކުރީ މުޅި ދުވަހު އެގޮތުގައި ހުންނަން"

އޭނާ ނުކައި ނުބޮއެ ހުރީ ހޫނު ގަދަ ދުވަހެއްގައި ކަމަށް ވުމުން، އެކަން ވީ ވަރަށް ދަތި ކަމަކަށެވެ.

"ތެދަށް ބުނަންޏާ މިއީ ވަރަށް އުނދަގޫ ކަމެއް. މުޅި ދުވަހު ވިސްނެނީ ކާއެއްޗިއްސާއި ފެނާ މެދު. އެއީ ވަރަށް ބޮޑު ގޮންޖެހުމެއް. މިއީ މުޅި ހަޔާތުގައި ވެސް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަށް ވެދާނެ. މިހެން މި ބުނަނީ ޕީއެޗްޑީ އަކާއި ދެ މާސްޓާސް ޑިގްރީ އަށް ކިޔަވަން ކުރި ތަޖުރިބާ ވެސް މީގެ ތެރޭގައި ހިމަނައިގެން،" ގެފެންގެ ތަޖުރިބާ ކިޔައިދިނެވެ.

ގެފެން ބުނެފައިވާ ގޮތުގައި މި ތަޖުރިބާއިން، ފަގީރުކަމާއި ހައިހޫނުކަމުގައި މީހުން އުޅޭ ހާލު ވަޒަންކުރެވުނެވެ. އަދި އޭނާގެ ދަރިވަރުން ރޯދަޔަށް ތިބެގެން ކުރާ ބުރަ މަސައްކަތުގެ ބޮޑުކަން މިހާރު އެނގޭ ކަމަށް ވެސް ބުނެފައިވެ އެވެ.

"އަމިއްލަ ނަފްސާ ސުވާލުކުރެވުނު، އަހަރެންގެ ބައެއް ދަރިވަރުން ހައިހޫނު ކަމުގައި ތިބެގެން ކިޔެވުމަށް ފޯކަސްކުރާ ގޮތަށް އަހަންނަށް ކުރެވިދާނެ ބާވައޭ. ހައިހޫނު ކަމުގައި ތިބޭ މީހުންނަށް އަހަރެންގެ ހިތުގައި އޯގާތެރިކަން އިތުރުވެގެން ހިނގައްޖެ. އަހަންނަކީ މުސްލިމެއް ނޫން. އެ ދުވަހު ބޭނުން ކޮންމެ އިރަކު ވެސް ކެވެން އޮތް. އެކަމަކު ހަމަ ގަސްދުކުރީ މުޅި ދުވަހު އެގޮތުގައި ހުންނަން،"

ގެފެން "ރޯދަ ވީއްލީ" މުސްލިމު އާއިލާއަަކާ އެކުގަ އެވެ. މެދުއިރުމަތީގެ އެކި ކާނާތަކުންނެވެ. އޭނާ ބުނީ މުސްލިމުންނާ މެދު ދެކޭ ގޮތް ވަރަށް ބޮޑަށް ރަނގަޅުވެގެން ހިނގައްޖެ ކަމަށާއި މުޅި ރޯދަ މަހު މުސްލިމުން ތިބެނީ ތެދުވެރިކަމާ އެކުގައި އެ މީހުންގެ ނަފްސުތައް ތާހިރު ކުރުމަށް ކަމަށެވެ.

"ރޯދަ ހިފާ މުސްލިމުންނަށް އަހަރެން މިހާރު ތައުރީފުކުރަން. ގިނަ މުސްލިމުންނަކީ މުޖުތަމައުގައި މީހުންނާ ގުޅިގެން، ރަނގަޅު ކަންތައް ކުރުމަށް ބާރު އަޅަމުން އަންނަ ބައެއް. އެކަމަކު އެ މީހުންނާ މެދު ނުރަނގަޅު ގޮތަކަށް ބަޔަކު ދެކޭތީ ހިތާމަކުރަން،" ގެފް ބުންޏެވެ.