ހުސެންފުޅު ކުރާ ވިޔަފާރީގެ ވާހަކަތައް "މިހާރު" އަށް ކިޔައިދެނީ.--- ވީޑިއޯ: ހުސެން ޝަޔާހް، ވީޑިއޯ އެޑިޓިން: އަބްދުﷲ އައުރާފް

ވިޔަފާރިއަށް ބައި ގަރުނު، ފަހަތުގައި ރަހުމަތްތެރިކަން

އެއީ ބާޒާރު މަތީގައި ހުންނަ ކުޑަ ފިހާރަގަނޑެކެވެ. ވިއްކަނީ ފޯކާއި ދިވެހި ބޭސް އެކަންޏެވެ. އެކަމަކު މާލޭގެ އެ ސަރަހައްދުގައި އެ ޒާތުގެ ވިޔަފާރިއެއް އެހާ ގިނަ ދުވަސް ވަންދެން ކުރަމުން އަންނަ ބަޔަކު އެ ނޫނީ ނެތެވެ. ވިޔަފާރިއަށް ވުރެ ބޮޑަށް މީގައި ހާއްސަ ވަނީ އެ ވިޔަފާރިކުރަމުން އަންނަ ދެ މީހުންގެ ވާހަކަ އެވެ.


މާލެއަށް އުފަން ހުސެންފުޅު، 73، އާއި އަލީ އުމަރު މަނިކު 68، ދިމާވީ މީގެ 50 ހަކަށް އަހަރު ކުރިންނެވެ. އޭރު އަލީ، ތަންކޮޅެއް ކުއްޔަށް ހިފައިގެން ހިންގަން ފެށި ފިހާރައިގައި އިންނާނެ ސޭޓެއް ހޯދަނީ އެވެ. އެ ވަޒީފާ އޭނާ ހުސެންފުޅަށް ދިނީ ބާޒާރު މަތިން ފެނި ދެނިވި އުފެދުނު ރަހުމަތްތެރިކަމުގަ އެވެ.

އަލީގެ ފިހާރަ ހުސެންފުޅު ހިންގާތާ މިހާރު 50 ހަކަށް އަހަރު ވަނީ އެވެ. ވިޔަފާރި ފުޅާ ނުވި ނަމަވެސް މިއަދާ ހަމައަށް އައި އިރު އެ ދެ މީހުންގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހެ އެވެ. އެ މީހުންނާ އެކު އެ ސަރަހައްދުގައި ފެށި އެތައް ފިހާރައެއް ބަނގުރޫޓުވެ، ނުވަތަ އެކި މައްސަލަތައް ދިމާވެގެން ހުއްޓާލި ނަމަވެސް އެ ފިހާރަ އަދިވެސް އިހު ހުރި ގޮތަށް އެބަ ހުއްޓެވެ.

އަލީ އުމަރު މަނިކު (ކ) އާއި ހުސެންފުޅު ފިހާރައިގައި: އެއީ ބާޒާރުމަތީގައި ވިޔަފާރި ކުރާތާ އެންމެ ގިނަ ދުވަސް ވީ ދެ މީހުން-- ފޮޓޯ/ މިހާރު

"މިއީ ހަމަ އޭނާ (އަލީ) އަޅުގަނޑަށް ކުރާ އިތުބާރު. އެހެން ނޫނީ ކިހިނެއް މިހާ ގިނަ ދުވަސް ވންދެން މިކަން ކުރާނީ،" މުނިކާފަ ކިޔާ ދަރިން ވެސް ތިބި ހުސެންފުޅު ބުންޏެވެ.

ކައިރީގައި އަލީ އިން ނަމަވެސް "މިހާރު"އާ ވާހަކަ ދެއްކީ ހުސެންފުޅެވެ. އޭނާ ބުނި ގޮތުގައި ގާތްގަނޑަކަށް ބައި ގަރުނު ވަންދެން އެއްވެސް ގެއްލުމަކާ ކުރިމަތި ނުލައި އޭނާއަށް ވިޔަފާރި ހިންގުނީ އަމިއްލަ ތަނެއް ކަމަށް ދެކިގެން އެކަން ކުރަމުން އައުމުންނެވެ.

ދުވާލުގެ ގިނަ ވަގުތު ފިހާރައިގައި އިންނަނީ ހުސެންފުޅު ނަމަވެސް ކޮންމެ ދުވަހަކުހެން އަލީ ފިހާރައަށް ދެ އެވެ. އަދި ބައެއް ދުވަސް ދުވަހު ދެ މީހުން އެކީގައި ވެސް ވިޔަފާރި ހިންގަ އެވެ.

ހުސެންފުޅު ބުނިގޮތުގައި ރަހުމަތްތެރިކަމަށް ވުރެ ދެ މީހުންގެ މެދުގައި މިހާރު އޮތީ ތިމާގެ ކަމުގެ ގުޅުމެކެވެ.

ފިހާރައިގައި ވިއްކަން ހުރި ބައެއް މުދާ: ދެ އެކުވެރިންގެ މެދުގައި މައްސަލައެއް ނުޖެހޭ - ފޮޓޯ/ މިހާރު

"އެކަމަކު އަޅުގަނޑުމެން އެއްވެސް އިރެއްގައި ބޭރުތެރޭގައި އެއްކޮށެއް ނޫޅެން. ދެ މީހުން އެކަކު އަނެކަކުގެ ގެއަށް ވެސް ގޮހެއް ނުހަދަން،" ހުސެންފުޅު ބުންޏެވެ.

"ގިނައިން މިތަނުން ދިމާވާނީ."

ފިހާރައިގައި އޭނާ އެންމެ ފުރަތަމަ މަސައްކަތް ފެށީ 900 ރުފިޔާ އަށެވެ. އެއީ އޭރަށް ބަލާއިރު ބޮޑު އާމްދަނީއެކެވެ. މިހާރު އޭނާއަށް ފިހާރައިން މަހަކު 28،000 ރުފިޔާ ލިބޭއިރު މުޅި ދިރިއުޅުން ކޮޅަށްޖެހީ އެ މުސާރައިން ކަމަށް ހުސެންފުޅު ބުންޏެވެ.

މަސް މާރުކޭޓާ ޖެހިގެން ހުންނަ އެ ފިހާރަ ބަރީގައި އެ މީހުންގެ އިތުރުން އެހެން މީހުން ވެސް ވިޔަފާރިކުރެ އެވެ. އެކަމަކު އެހެން ފިހާރަތަކުން އެންމެ މިޒަމާނުގެ ސާމާނު ލިބެން ހުރި ނަމަވެސް އެ ފިހާރައިން ވިއްކަނީ ހަމައެކަނި ދިވެހި ބޭހާއި ފޯކާއި ގަނޑުދުންފަތެވެ. ފިހާރަ ހުންނަނީ ވެސް 60 އާއި 70ގެ އަހަރުތަކުގެ މުސްކުޅި ގޮތަށެވެ.

"މިތަނުގައި ހުންނާނެ ދިވެހި ބޭސްވެރިކަމަށް ބޭނުންވާނެ ހުރިހާ ސާމާނެއް. ވިހައިގެން އުޅޭ މީހުންނަށް ބޭހާއި ތަދުވާ ތަންތަނުގައި ކަފަގަނޑު އަޅަން ވެސް މިތަނުގައި ބޭސް ހުންނާނެ،" ހުސެންފުޅު ބުންޏެވެ.

ހުސެންފުޅު ފިހާރައިގެ މަސައްކަތުގައި: އަދިވެސް ހަމަ ކުރިއެކޭ އެއްގޮތް -- ފޮޓޯ/މިހާރު

ކުރިން ވިޔަފާރި ރަނގަޅު ނަމަވެސް އޭނާ ބުނިގޮތުގައި މިހާރު ލިބޭ ފައިދާ ދަށެވެ. އެންމެ ބޮޑު ސަބަބަކީ އެހެން ބޮޑެތި ފިހާރަތަކުގައި އެފަދަ ބޭސްތައް ވިއްކަން ފެށުމެވެ.

ފިހާރައިގެ ކުލީގެ އަދަދު 16 ރުފިޔާއިން 10،000 ރުފިޔާއަށް ވަނީ ބަދަލުވެފަ އެވެ.

"އަޅުގަނޑުމެން މިހާރު ވެސް ލާރި ދީފައި މުދަލެއް ނުގަންނަން. މީހުން އެއްޗެހި ގެެނެސް މިތަނުގައި ވިއްކަން ބަހައްޓައި، ވިކުނީމަ ފައިސާ ނަގަނީ،" ހުސެންފުޅު ބުންޏެވެ.

"އެކަމަކު ބޮޑު ފައިދާއެއް ނުވި ނަމަވެސް ދެކޮޅު ޖެހޭ ވަރަށް އާމްދަނީ ލިބޭ."

އެކުވެރިއަކާ އެކު ފަށާ ވިޔަފާރިތައް ގިނަ ފަހަރު ކުރި ނާރާކަން ހުސެންފުޅު ފާހަގަކުރި އެވެ. އެކަމަކު އޭނާ ބުނިގޮތުގައި އެކުވެރިޔާގެ މުދަލަކީ އޭނާގެ ވެސް އަމިއްލަ އެއްޗެއް ކަމަށް ދެކިގެން، އަމާނާތްތެރިކަމާ އެކު ބަލަހައްޓައިފި ނަމަ ކިތަންމެ ދުވަހެއް ވާންދެން ވެސް ވިޔަފާރި ކުރެވިދާނެ އެވެ. ބާޒާރުމަތީގައި ހުރި އެ ކުޑަ ފިހާރައަކީ އޭގެ ހެއްކެކެވެ.