ފަތިސް · 04:46

ކޮލަމް ށަވިޔަނި: އަންނަ ރޯދަމަސް ތަފާތުކޮށްލެވިދާނެތަ؟

ރޯދަ މަހު މި އަރަނީ ކޮން ކަހަލަ ފޯރިއެއް ހެއްޔެވެ؟ އަޅުކަން ގިނަކުރުން ފިޔަވައި އެއްވެސް ކަމެއް މި މަހު ބަދަލުވާން ޖެހޭ ހެއްޔެވެ؟

މި ރޯދަމަހުގެ ކުރީކޮޅު ބާޒާރުގައި އެންމެ ކޮޕީ ފަތެއްގެ އަގު ހުރި ކަމަށް ވަނީ 10 ރުފިޔާގަ އެވެ! ކޮންމެ އަހަރަކު ވެސް ރޯދަމަހު މި އަންނަނީ ހައިރާންވާ ކަހަލަ ބޮޑު ބަދަލެކެވެ. ކާބޯތަކެތީގެ އަގުތައް ހަމަ ކުއްލިއަކަށް މައްޗަށް އަރައިގެން ދެ އެވެ. އެކަމަކު ވެސް އެއްޗެހި ގަންނަން ދާ މީހުން ގިނަކަމުން ބާޒާރުމައްޗާއި ފިހާރަތައް ފުރި ބާރުވެފަ އެވެ. ރޯދަމަހު ދެން މިކަހަލަ ފޯރިއެއް ފެންނަނީ ޓީވީ ޗެނަލްތަކުންނެވެ. މުނިފޫހިފިލުވުމުގެ ބޮޑެތި ޕްރޮގްރާމްތަކެވެ. އެސްއެމްއެސް ފޮނުވީމާ އިނާމު ދޭ ޝޯތަކެވެ. މި ނޫނަސް ކިތަންމެ ކަމެކެވެ.


ޖުމްލަކޮށް ވިސްނާލާ އިރު ރޯދަމަހު މައިގަނޑު ދެ ކަމަކަށް ވަރަށް ބޮޑު ސަމާލުކަމެއް އެބަ ދެވެ އެވެ؛ ކެއުމާއި މުނިފޫހިފިލުވުމެވެ. މި ދެ ބައި ގޮސް ގުޅެނީ އެންމެ ކަމަކާ އެވެ؛ ވިޔަފާރި އެވެ.

ރޯދަ މަހުގެ ތަހުނިޔާ ކިޔަން އުރީދޫން ނެރުނު ކުރު ފިލްމު ވަރަށް ހިތްގައިމެވެ. ވީޑިއޯގެ އުފެއްދުންތެރިކަމާއި ކުޑަކުޑަ ލީޑް އެކްޓަރުގެ ހުނަރުވެރިކަން ވަރަށް ފުރިހަމަ އެވެ. އެކަމަކު ޔޫސުފްގެ ފުރަތަމަ ރޯދައިގެ ވާހަކަ އިން ލިބޭ މެސެޖުތަކާ މެދު ނުވިސްނާ ދޫކޮށެއް ނުލެވުނެވެ. ކުޑަކުއްޖަކު އަޅުކަމަށް ދޭ ސަމާލުކަމާއި މައިންބަފައިން އޭނާ އަށް ހިތްވަރުދީ އެހީތެރިވެދޭ ގޮތެވެ. އެހެން މީހުންނަށް އެހީތެރިވުމުގެ އާދަ އެވެ. މިކަހަލަ ވަރަށް ގިނަ ރަނގަޅު ކަންކަން އެ ފިލްމުން ފެނެ އެވެ.

ދެން އޮތީ އޭގެ އަނެއް ކޮޅެވެ. ޔޫސުފް ރޯދަ ހިފީމާ އޭނާގެ މައިންބަފައިން އިނާމެއްގެ ގޮތުގައި ބައިސްކަލެއް ދޭންވީ ކީއްކުރަން ހެއްޔެވެ؟ ރޯދަ ހިފަން ޖެހެނީ ބަދަލުގައި މާއްދީ މަންފާތަކެއް ލިބިގަންނާކަށް ނޫނެވެ. ފިލްމާ މެދު އިތުރަށް ވިސްނާލާ އިރު، ރޯދަމަހުގެ ކެއިންބުއިމާ މެދު އެއިން ލިބޭ މެސެޖު ވެސް ވަކި ހިތްގައިމެއް ނޫނެވެ. ރޯދަ ވީއްލަން ޔޫސުފަށް ދޭ ބަޖިޔާތަކުގެ ބަދަލުގައި ސިއްހަތަށް ފައިދާހުރި އެއްޗެއް ދޭ މަންޒަރު ދައްކާލެވުނީހެވެ.

އެކަމަކު އުރީދޫގެ ފިލްމު ގޯސްކުރެވޭކަށް ނެތެވެ. އޭގައި ދައްކައިދީފައި ވަނީ އަޅުގަނޑުމެންގެ ސަގާފަތެވެ. ރޯދަމަހާ އެކީގައި އެކި ގޮތްގޮތުން ވަރަށް ބޮޑު "ކަންތައްގަނޑެއް" ލައިގަނެ އެވެ. އެކަމަކު އެއީ މައިގަނޑުގޮތެއްގައި ރޯދަހިފުމާ ގުޅުން ހުރި ކަންކަމެއް ނޫނެވެ. އަޅުކަމުގެ އިތުރުން ކެއުމާއި މުނިފޫހިފިލުވުމާއި ވިޔަފާރީގެ ބޮޑު އީދަކަށް ވެސް ރޯދަމަސް އެބަ ވެ އެވެ. ފަހަރެއްގައި މިއީ ބަދަލުކޮށްލުން ރަނގަޅު ސަގާފަތަކެވެ.

އާދައިގެ ގެއެއްގެ ސުފުރާ މައްޗަށް ބަލައިލަމާ ހިނގާށެވެ. ރޯދަ ވީއްލަން ތައްޔާރުކުރާ ހާއްސަ ބާވަތްތަކެވެ. ދެ ވައްތަރެއްގެ ޖޫހާއި ތިން ހަތަރު ވައްތަރެއްގެ ހެދިކާ އާއި ތިން ވައްތަރު ރިހަ އާއި ދެ ވައްތަރު މަސްހުންޏާއި ރޮއްޓާއި ބަތާއި މިހެން ގޮސް ނަން ހުސްކޮށެވެ. އަޅުގަނޑު ވެސް އެއްބަހެވެ. މުޅި ދުވަހު ނުކައި ނުބޮއެ ހުރެފައި ރޯދަ ވީއްލާ ވަގުތު ނިކަން ގަދަ އަށް ކާލަން ބޭނުންވާނެ އެވެ؛ އަނގަޔަށް މީރު އެއްޗެއްސެވެ. މި ގޮތް ބަދަލުކުރާކަށް ބޭނުމެއް ވެސް ނުވާނެ އެވެ. އެކަމަކު އެއީ އަޅުގަނޑުމެންނެވެ.

ޕްރޮފެސަރު ހަސަން އުގެއިލް އިނގިރޭސިވިލާތުގައި ހުންނަވައިގެން 19 ގަޑި އިރު ރޯދަ ހިއްޕަވަނީ ކައިބޮއެ އުޅޭ ބާވަތްތަކަށް އެއްވެސް ކަހަލަ ބަދަލެއް ނުގެންނަވަ އެވެ. ރޭގަނޑު ނުވައެއްގެ ފަހުން ރޯދަ ވީއްލާ އިރު އުގެއިލް ފަރިއްކުޅުއްވަނީ މޭވާ އާއި ތަރުކާރީ އާއި ފިހެލާފައި އޮންނަ މަސްކޮޅެއް ކަހަލަ އެއްޗެކެވެ.

"ސިއްހީ ހަދިޔާ"ގެ ލިޔުންތެރިޔާ އަބަދުވެސް ކެއުން ބަހައްޓަވަނީ މި ގޮތަށެވެ. އެކަމަކު އަޅުގަނޑުމެންނަށް ވެސް އުގެއިލް ގޮތަށް ނޫޅެވެންވީ ސަބަބެއް ނެތެވެ. އޭރުން ހާދަ ގިނަ ކަންކަން ރަނގަޅުވާނެއޭ އަޅުގަނޑުގެ ހިތަށް އަރަ އެވެ. ތެލުލި އެއްޗެއްސާއި ހަވާދު ގިނަ ކެއުންތަކާއި ހަކުރު އެޅި ބުއިންތައް ދޫކޮށްލީމާ ހަށިގަނޑަށް ލިބޭ ފައިދާ އެކަންޏެއް ނޫނެވެ. އިސްރާފުން ސަލާމަތްވާނެ އެވެ. ރޯދަ މަހު ކާބޯތަކެއްޗަށް ކުރާ ޚަރަދު ކުޑަވާނެ އެވެ. އޭރުން ފަހަރެއްގައި އަގުތައް ވެސް ކޮންޓްރޯލްވެދާނެ އެވެ.

ރޯދަ މަހުގެ "ބޮޑު ވިޔަފާރި" މާ ކުރިން ފެށެ އެވެ. ސޭލްތަކެވެ. ޓީވީ އާއި ފަރުނީޗަރުން ފެށިގެން ގޮސް ކާ ތަށިތަކާ ހަމައަށް، ހުރިހާ އެއްޗެއް "ހެޔޮ އަގުގައި" ލިބެ އެވެ. ބައެއް މީހުން މި ފުރުސަތުގެ ބޭނުން ހިފަނީ އަހަރަކު އެއްފަހަރު ހުރިހާ އެއްޗެއް އާކޮށްލާށެވެ. އެއްގޮތަކުން ބަލާ އިރު އާއްމުންނަށް ވަރަށް ބޭނުންތެރި ކަމެކެވެ.

އެމީހެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ހަރަދު ކުރުމަކީ އެ މީހެއްގެ އަމިއްލަ ކަމެކެވެ. އެކަމަކު ރޯދަ ސޭލްގެ ހަގީގަތަކީ ކޮބައިބާވައޭ ހިތަށް އަރަ އެވެ. ގައިމު ވެސް އެއީ އެތައް ބައިވަރު މުދަލެއް އެއްފަހަރާ ވިއްކާލަން ވިޔަފާރިތަކަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ބޮޑަށް ސިފަވަނީ ކޮންމެހެން ބޭނުން ނުޖެހޭ އެއްޗެއްސަށް ވެސް މީހުންގެ ހިތް ލަންބުވަން ވިޔަފާރިވެރިން ބޭނުންކުރާ އުކުޅެއްގެ ގޮތުގަ އެވެ. ދެން އުފެދޭ ސުވާލަކީ، ރޯދަ ސޭލްތަކުގައި އެއްޗެހި އެ ވިއްކަނީ ހަމަ ހަގީގަތުގައި ވެސް އަގު ހެޔޮކޮށް ހެއްޔެވެ؟

ޓީވީ ހުޅުވާލީމާ ވެސް ސިކުނޑި އަށް އަންނަނީ މިކަހަލަ ފިކުރުތަކެކެވެ. ޓީވީއެމްގެ ގުރުއާން މުބާރާތް "އެންމެ އަލިގަދަ ތަރި" ކަހަލަ، ރޯދަމަހާ ގުޅޭ، ފެންވަރު ރަނގަޅު ޝޯއެއް މަދުވާނެ އެވެ. މެންދުރުފަހާއި ހަވީރު ގެނެސްދޭނީ އެކި ކަހަލަ ކުއިޒްތަކާއި އަރަތާއި ޖަވާބު ދިމާކުރަން ޖެހޭ ކުޅިވަރުތަކެވެ. ފޯނުން ނުވަތަ އެސްއެމްއެސް މެދުވެރިކޮށް ޖަވާބު ދިނީމާ ކޮންމެވެސް ކަހަލަ އިނާމެއް ލިބޭނެ އެވެ. ރޭގަނޑު ވެއްޖެއްޔާ ލަވަކިޔާ ޝޯތަކެވެ. މުނިފޫހިފިލުވުމުގެ ބޮޑެތި ޕްރޮގްރާމްތަކެވެ. ގައިމު ވެސް ޓީވީ ޗެނަލްތަކުގެ މުވައްޒަފުންގެ ވަގުތުތައް ދުއްވާލަން ޖެހޭނީ އެ އެއްޗެހި ހަދައި ފޮނުވުމުގަ އެވެ. އޭގެ ބަދަލުގައި އެ މީހުންނަށް ވެސް މި މަހު މަސައްކަތް ލުއިކޮށްލައިދީ، އަޅުކަމުގައި ހޭދަކުރާ ވަގުތު ގިނަކުރަން ފުރުސަތު ނުދެވޭނެތޯ ހިތަށް އަރަ އެވެ.

ރޯދަމަހަކީ މީޑިއާ އަށް ވެސް ލިބޭ ވިޔަފާރީގެ ފުރުސަތެއް ކަން ގަބޫލުކުރެވެ އެވެ. ހާއްސަ ކޮންޓެންޓް އުފައްދައިގެން ރަނގަޅު އަގުތަކުގައި އިޝްތިހާރު ވިއްކެ އެވެ. އެކަމަކު އެއީ، ޓީވީ ޗެނަލްތަކުން މިހާރު މި ފެންނަ ކަހަލަ ކޮންޓެންޓަށް ވާކަށް ނުޖެހެ އެވެ. ރޯދަމަހާ ގުޅޭ ގޮތަށް ވެސް މީހުން ބަލާހިތްވާ ކަހަލަ ޝައުގުވެރި ޕްރޮގްރާމްތައް ގެނެސްދެވިދާނެ އެވެ. އުރީދޫގެ ފިލްމަކީ އޭގެ ހެއްކެކެވެ. އެކަހަލަ ކިތަންމެ ހިޔާލުތަކަކަށް ތަފާތު އެއްޗެހި އުފެއްދިދާނެ އެވެ. ބޭނުންތެރި އެކި މައުލޫތައް އާއްމުންނާ ހަމައަށް ގެނެސްދެވިދާނެ އެވެ.

ކެއިންބުއިމާއި މުނިފޫހިފިލުވުމަކީ ޒާތީ ކަންކަމެވެ. އެފަދަ ކަންކަން ބިނާވާނީ ކޮންމެ މީހެއްގެ ވެސް އަމިއްލަ ބޭނުންތަކާއި ޝައުގުވެރިކަމުގެ މައްޗަށެވެ. އެކަމަކު ވެސް ރޯދަ މަހު ހުރިހާ ކަމެއް އެފުށްމިފުށަށް ޖެހިގެން މިދާ ގޮތް އެންމެ ރަނގަޅުތޯ ވިސްނާލަމާ ހިނގާށެވެ. މިހާރަށް ވުރެ ހަމަހިމޭންކޮށް ރޯދަމަސް ގެންދިޔުން ފަހަރެއްގައި މާ ރަނގަޅުވާނެ އެވެ.