މެންދުރު · 12:03

ރޯދަ: ވިޔަފާރިވެރިން ބުނަނީ ހުސްނުވެ ލިބޭނެ ކަމަށް

ކޮންމެ އަހަރަކު ވެސް ރޯދަ މަސް ބޯޯމަތިވާ އިރު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ވެސް ފެންނަނީ ހާއްސަ ތައްޔާރީތަކެއް ވާތަނެވެ. ގޭތެރޭގެ ކުލަ ބަދަލު ކުރުމާއި ފަރުނީޗަރު އާ ކުރުމުގެ އިތުރުން، އެ މަސް ނިމެންދެން ހުސްނުވާނެ ވަރަށް، ކެއްކުމަށް ބޭނުންކުރާ ސާމާނު ގެ އަށް އެތެރެކޮށް ޖަމާ ކުރުމަކީ ހުރިހާ ދިވެހިންގެ ވެސް އާދައެކެވެ.


ހަމަ އެއާއެކު ދިވެހި ވިޔަފާރިވެރިން ވެސް ރޯދަ މަހަށް ބޮޑެތި ތައްޔާރީތަކެއްވެ އެވެ. ބޭރުގެ އެކި އުފެއްދުންތައް ރާއްޖެ އެތެރެ ކުރާ ވިޔަފާރިވެރިންނާއި ރޯދަ އަށް ހާއްސަ ކޮށްގެން ރަށްރަށުގައި ދަނޑު ހައްދައިގެން، މޭވާ އާއި ތަރުކާރީ މާލެ އާއި އެހެން ރަށްތަކަށް ފޮނުވާ ދަނޑުވެރިން ވެސް ރޯދަ މަހަށް ވާ ތައްޔާރީތައް ވަކި ކުޑައެއް ނޫނެވެ.

"ހުސްނުވެ، ލިބޭނެ"

އެސްޓީއޯ ސުޕަމާޓް: ރޯދަ އަށް ހާއްސަ ކޮށް މި އަހަރު ވެސް އެސްޓީއޯ އިން ވަނީ ފިޔާ، އަލުވި އަދި ބިސް ރާއްޖެ އެތެރެކޮށް، ވިއްކަން ފަށާފަ. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

އެހެން އަހަރުތަކޭ އެއްގޮތަށް މި އަހަރު ވެސް ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ރޯދަ އަށް ހާއްސަކޮށް ފިޔާ، އަލުވި އަދި ބިސް ރާއްޖެ އެތެރެކޮށް، މީގެ ހަފުތާއެއް ކުރިން ވަނީ ވިއްކަން ފަށައިފަ އެވެ. ބާޒާރުގައި މި ވަގުތު އެ ބާވަތްތައް ލިބެން ހުރި އަގުތަކަށް ވުރެ ހެޔޮކޮށް ވިއްކަން ހަމަޖެހިފައިވާ އިރު، ދެ ވަނަ ޝިޕްމަންޓެއް ރޯދަ މަސް ފެށުމުގެ ހަފުތާއެއް ނުވަތަ 10 ދުވަސް ކުރިން ގެންނާނެ ކަމަށް އެސްޓީއޯގެ ފުޑް އެންޑް ބެވަރެޖާސް ޖެނެރަލް މެނޭޖަރު ފާތިމަތު އާޝާން ވިދާޅުވި އެވެ.

"މި އަހަރު ފިޔާ، އަލުވި އަަދި ބިސް ވިއްކާނީ އެހެން އަހަރުތަކާ ހިލާފަށް، އެއްވެސް ލިމިޓެއް ނެތި. އަދި އެއްވެސް ތާށި ކަމެއް ނެތި، ބާޒާރުގައި ހުރި އެންމެ ހެޔޮ އަގުގައި މި ބާވަތްތައް ކަސްޓަމަރުންނަށް ފޯރު ކޮށްދޭން މަސައްކަތް ކުރާނަން" އާޝާން ވިދާޅުވި އެވެ.

މާލޭގައި އެ ބާވަތްތައް ދޫކުރަނީ އެސްޓީއޯގެ ހަ ނަންބަރު ކޮށިންނެވެ. އަދި ރަށްރަށުގައި ހުންނަ އެސްޓީއޯގެ 13 ފިހާރަ އިން ވެސް މި ބާވަތްތައް ލިބެން ހުންނާނެ އެވެ. ފިޔާ ބަސްތާއެއް 160ރ. އަށް، އަލުވި ބަސްތާއެއް 250ރ. އަށް އަދި ބިސް ކޭހެއް 275ރ. އަށް ވިއްކާއިރު، މުޅި ރޯދަ މަހު އެ ބާވަތްތައް އެއް އަގެއްގައި ހިފަހައްޓާނެ ކަމަށް އާޝާން ވިދާޅުވި އެވެ. ނަމަވެސް މި ދުވަސްވަރު މޫސުން ގޯސް ވުމުން، އަގަށް ބަދަލު އަތުވެދާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

މަޖީދީމަގުގައި ހުންނަ ރެޑްވޭވް ފިހާރަ: އެ ފިހާރައިން ވެސް ރޯދައަށް ހާއްސަކޮށް ތަކެތި ވިއްކަނީ ޑިސްކައުންޓް އަގުތަކެއްގައި. -- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ރެޑްވޭވަކީ ވެސް ރޯދަ މަހަށް ހާއްސަކޮށްގެން ހެޔޮ އަގުތަކެއްގައި ކާބޯތަކެއްޗާއި ގޭތެރެ އާއި ބަދިގޭގައި ހިފާ ގެންގުޅޭ ސާމާނު ވިއްކާ ބައެކެވެ. އެ ކުންފުނީގެ ހަ ފިހާރަ އިން ލިބެން ހުރި މުދާ ވިއްކަނީ ފަސް ޕަސެންޓާއި 50 ޕަސެންޓުގެ ޑިސްކައުންޓް އަގުތަކެއްގަ އެވެ. މީގެ އިތުރުން 500ރ. އަށް ވުރެ މަތީން ވިޔަފާރި ކޮށްގެން ފައިސާގެ އިނާމު ލިބޭ ހާއްސަ ގުރުއަތެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބޭނެ އެވެ.

މިއާއެކު ރެޑްވޭވުން ވިޔަފާރި ކުރާ ފަރާތްތަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެންމެ އަގުހެޔޮ އެއް ފިހާރަ އަށް ވުމެވެ. ކޮންމެ އަހަރަކު ރޯދަ މަހު އިކޮނޮމިކް މިނިސްޓްރީން އާންމު ކުރާ އެންމެ ހެޔޮ އަގުގައި ތަކެތި ވިއްކާ ފިހާރަތަކުގެ ލިސްޓުގެ އެއް ވަނައިގައި ރެޑްވޭވް އަބަދު ވެސް ހިމެނެ އެވެ.

ވިއްސާރައާ އެކު އަގުތައް ބޮޑުވުމުގެ ބިރު

ލޯކަލް މާރިކޭޓު ސަރަހައްދުގައި ވިއްކަން ހުރި ބައެއް ތަރުކާރީތައް: ވިއްސާރަ ވުމުގެ ސަބަބުން ތަކެތީގެ އަގުތައް ރޯދަ މަހު އުޅޭނީ މަތިގައި. -- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ރާއްޖެ އެތެރެ ކުރާ މުދަލުގެ އިތުރަށް، ރަށްރަށުގައި ހައްދާ އެއްޗެއްސަކީ ރޯދަ މަހުގެ ކެއިންބުއިމުގެ މުހިއްމު ބައެކެވެ. ރޯދަ މަސް ފެށެން ކުޑަތަންވެފައި ވާއިރު، ދަތުރުވެރިންގެ މާރުކޭޓުން ލިބެން ހުރި ވައްތަރުތައް މަދެވެ. އަގުތައް ވެސް ހުރީ މަތީގަ އެވެ.

ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ތ. ކަނޑޫދޫން ތަރުކާރީ ގެނެސް މާލޭގައި ވިއްކާ އަހުމަދު ރަޝީދު ބުނި ގޮތުން ރޯދަ މަހު މިހާރަށް ވުރެ އެއްޗެހީގެ އަގުތައް މައްޗަށް ދާނެ އެވެ. މިހާރު 250-300ރ. އަށް ވިއްކާ މިރުސް ކިލޯއެއްގެ އަގު އުފުލޭނެ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު ދަނޑުވެރިކަމަށް ކުރުން އެއީ އޭގެ އެއް ސަބަބު ކަމަށް އޭނާ ބުނެ އެވެ.

"ވިއްސާރަ ފެން ޖެހުނީމަ މިރުސް ކަހަލަ އެއްޗެހި ވަރަށް ފަސޭހަ އިން ހަލާކުވޭ. އޭގެ ގެއްލުން އެބަ ކުރޭ،" ރަޝީދު ބުންޏެވެ.

ވިއްސާރައިގެ އަސަރު ކަރާގެ އަގަށް ވެސް ވަނީ ކޮށްފަ އެވެ. މިހާރު ބާޒާރުގައި ކަރާ ކިލޯއެއް 20-25ރ. އަށް އިރު، ލިބެން ހުރި އަދަދު ވެސް މަދެވެ. އެކަމަކު، ކަރަ އާއި އެ ރަށަކާ ގުޅިފައިވާ އއ. ތޮއްޑޫގެ ދަނޑުވެރިން އަންނަނީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި ފަހަރު ވެސް ރޯދަ އަށް ހާއްސަކޮށް ކަރާ ހައްދަމުންނެވެ. ބައްޔެއް ޖެހުމާއި ވިއްސާރައިގެ ސަބަބުން ދަނޑުތަކަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވެފައިވިޔަސް، ރޯދަ މަހު ދުވާލަކު 5،000-10،000 ކިލޯގެ ކަރާ މާލެ ފޮނުވޭނެ ކަމުގެ ޔަގީންކަން އެ ރަށުގެ ދަނޑުވެރިންނަށް އެބަ އޮތެވެ.

"ރޯދަ މަހު ހުސް ނުކޮށް ކަރާ ލިބޭ ވަރު ވާނެ،" ތޮއްޑޫ ކައުންސިލްގެ ރައީސް ހަސަން އިބްރާހީމް ވިދާޅުވި އެވެ.

"ހިއެއް ނުވޭ ރޯދަ މަހު އެއްވެސް އެއްޗެއްގެ އަގު ތިރި ވާނެ ހެންނެއް. މި އަށް ވުރެ ވެސް މައްޗަށް ދާނީ. މޫސުން މި އުޅޭ ގޮތުން އެހާ އަވަސް އަވަހަކަށް ނުވެސް ގެނެވޭ،" ލ. އަތޮޅުން އެއްޗެހި ގެނެސްގެން ވިއްކާ އައިމިނަތު އިބްރާހިމް ބުންޏެވެ.

މާލޭގެ ބޮޑު ފިހާރައަކަށް ވަނަސް ފެންނަނީ ރޯދަ މަހުގެ ހާއްސަ ޕްރޮމޯޝަންތަކުގެ އިސްތިހާރުތަކެވެ. މުދާ ވައްދައި ސްޓޮކް ކުރާ ތަނެވެ. މާރުކޭޓު ސަރަހައްދުން ވެސް ފެންނަނީ ހަމަ މިކަހަލަ މަންޒަރުތަކެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުން އޮޑިދޯނިފަހަރުގައި އެކި ބާވަތްތަކުގެ މޭވާ އާއި ތަރުކާރީ ގެނެސް، އެ ތަކެތި ވިއްކަން ތައްޔާރުވުމުގެ މަސައްކަތުގައި މީހުން އަވަދިނެތި އުޅޭ ތަނެވެ. މިއީ ވިޔަފާރިވެރިންނާއި ރޯދަ މަހާ ގުޅޭ އެއް ގޮތެވެ.