މެންދުރު · 12:01

ރޯދަ މަހު މުދާ އުފުލާ ގަޑިއަށް ލުޔެއް ދީފި

މި ރޯދަ މަހު މާލޭގައި ވިޔަފާރި އުސޫލުން ވެހިކަލްތަކުގައި މުދާ އުފުލާ ގަޑިތަކަށް ޓްރާންސްޕޯޓް އޮތޯރިޓީން ލުޔެއް ދީފި އެވެ.


އެ އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން، ހުރިހާ ބާވަތެއް އަދި ހުރިހާ ގިންތިއެއްގެ މުދާ ވެހިކަލްތަކުގައި އުފުލުން ހުއްދަ ގަޑިއަކީ ހަވީރު 6:00 އިން އަނެއް ދުވަހުގެ ހެނދުނު 8:00 އަށެވެ. ނަމަވެސް ހެނދުނު 10:00 އިން ފެށިގެން މެންދުރު ފަހު 3:00 އާ ހަމައަށް ކައްކާ ގޭހާއި ފެން އަދި 350 ކިލޯ ގްރާމަށްވުރެ ލުއި މުދާ އުފުލުމަށް ހުއްދަކުރާ އެއްގަމު އުޅަނދެއްގައި އުފުލޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެ އެވެ.

އެކަމަކު، ރޯދަ މަހުގެ ހަވީރު 3:00 އިން ހަވީރު 6:00 އާ ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް، ގަނޑުކޮށް އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުސޫލުން އުފުލުން ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.

ސަރުކާރުން މިދިޔަ މަހުގެ ފުރަތަމަ ދުވަހު އަމަލު ކުރަން ފަށާފައިވާ އާންމު އުސޫލުގައިވާ ގޮތުން ނަމަ، މާލޭގައި މުދާ އުފުލުމުގެ ހުއްދަ ގަޑި އަކީ ހަވީރު 6:00 އިން އަނެއް ދުވަހުގެ ހެނދުނު 6:00 އަށެވެ. އަދި އޭރު ކައްކާ ގޭސް އުފުލުމުގެ ހުއްދަ ދީފައި އޮތީ ހެނދުނު 8:30 އިން ހެނދުނު 11:00 އަށެވެ.