ފަތިސް · 04:44

ފަތިސްހަނދުވަރު

"ފަތިސްހަނދުވަރު"ގެ މި ވާހަކައަކީ 1995 ގައި "ހަވީރު"ގައި ޝާއިއުކުރަން ފެށި ވާހަކަ އެކެވެ. އޭގެ ފަހުން "ފަތިސްހަނދުވަރު"ގެ އެކި ބައިބައި ނުކުމެފައި ވިޔަސް، މި ވާހަކަ މި ރޯދަ މަހު "މިހާރު"ގައި މި ފަށަނީ އެ ވާހަކަ (ހަވީރުގައި 1995 ގައި ޖަހަން ފެށި ވާހަކަ ނުވަތަ ރީކޯ މޫސާ މަނިކު ބަތޮލުގެ ބައި ކުޅެފައިވާ 'ފަތިސްހަނދުވަރު') ނިމޭ ހިސާބުން ކުޑަތަންކޮޅެއް ކުރިންނެވެ. މި ވާހަކަ މަސްތަކަކަށް ދެމިގެންދާނެ އެވެ.


(ކުރީ ބައި ނިމުނު ހިސާބު)

ކުއްލިއަކަށް ޒޫނާގެ ބަނޑަށް ތަދެއް އެރި އެވެ. ޒޫނާ ތެޅިފޮޅިގަތެވެ. ގާތުގައި ސަކީނާ އިނެވެ. ސަކީނާއަކީ ޒޫނާގެ މަންމައެވެ. ޒޫނާ ބަނޑުގައި ސަކީނާ ފިރުމަން ފެށިއެވެ. ޒޫނާ ކެތްކުރަން މަސައްކަތް ކުރި ނަމަވެސް ޒޫނާއަކަށް އެ ކަމެއް ނުވިއެވެ. ހީވަނީ ބަނޑުގެ އެތެރޭގައި ވަކިއަޅައި، ވީދައި، ނޮޅާހެންނެވެ. އެއީ ޖިނާ އިންޒާރުދިން ގޮތެވެ. ވާނެކަމަށް ބުނި ގޮތެވެ. ޒޫނާ ހަޅޭއްލަވަން ފެށިއެވެ. ކުއްލިއަކަށް އެނދުމައްޗަށް ވިއްސައިގެންދިޔައީ ފާޑެއްގެ އެއްޗެކެވެ. ހީވީ، ދުރުގައި ހުރެފައި މީހަކު އެއްލި އެއްޗެއްހެންނެވެ. ސިއްސައިގެން ގޮސްފައި ސަކީނާ ފަހަތަށް ޖެހިލިއެވެ. އިހުސާނަށް ވެސް ޖެހިލެވުނީ ފަހަތަށެވެ. އޭގެ ބޮޑުމިން އާދައިގެ ބުޅަލެއް ވަރު ވެއެވެ. ދުވަސް ނުފުރާ ވިހައިފައި އޮތް ކުޑަ ކުއްޖެއްހެން ވެސް ހީވެއެވެ. ވައްތަރީ އިންސާނަކާއެވެ. އެ އެއްޗެއް އުފަންވުމާއެކު ޒޫނާގެ ހަށިގަނޑަށް ލުޔެއް ލިބުނެވެ. އަޑު މަޑުވިއެވެ. އެ އެތީގައި ދިރުމެއް ހުރި ނަމަވެސް އޭތި އޮތް ގޮތަށް އޮތީއެވެ. ވިންދު ހުއްޓެވެ. ނޭވާލާހެން ވެސް ހީވެއެވެ. އެނދުމަތީގައި އެ އެތި އޮތްކަމެއް ޒޫނާ ނުވެސް ދެނަހުއްޓެވެ. ޒޫނާ ހީކުރީ އެ ކަން ނިމުނީ ކަމަށެވެ.

"އަޅެ އިހުސާން!" އާދޭހާ އެކުގައި ޒޫނާ ބުންޏެވެ. "ދުރުގަ ނުހުރެ ކައިރިއަށް އާދެބަލަ!"

އިހުސާނެއް ނައެވެ. ޖެހިލުންވެފައި ހުރީއެވެ. އެންމެ ފިޔަވަޅެއް ވެސް ކުރިޔަކަށް ނޭޅިއެވެ. ޒޫނާ ބަލައިލީ ސަކީނާއަށެވެ. ސަކީނާގެ ދެ ލޯ ހުރީ ބޮޑުވެފައެވެ. އަނގައިން ބަސް ހުސްވެއެވެ.

"ކިހިނެއްވީތަ މަންމާ؟" އޮށޯވެގެން އޮތް ޒޫނާ ސުވާލުކުރިއެވެ.

"ކޯޗެއް އެއީ؟" ސަކީނާއަށް ބުނެވުނެވެ.

ޒޫނާ ބޯ ހިއްލައިލައިފައި ބަލައިލިއެވެ. އެނދުމަތީގައި އޮތް "ކުއްޖާ" ވެސް ކުއްލިއަކަށް ބޯ ހިއްލައިލިއެވެ. ޒޫނާއަށް ހަޅޭއްލަވައިގަނެވުނެވެ. އެޔާ އެކުގައި ކުއްޖާ ގެއްލުނީއެވެ. އެންމެން ބަލަހައްޓައިގެން ތިއްބައެވެ.

"މަންމާ!" ޒޫނާ ބިރުން ތެޅިފޮޅިގަތެވެ.

އިހުސާންގެ ހިތުގައި އުފެދިފައިވާ ޝައްކު، ޔަގީނަށް ބަދަލުވާން ފެށިއެވެ. ސުވާލުތައް ފުނިޖެހުނެވެ. ފަންޑިތަވެރިޔާ ބުނެފައިވާ ވާހަކަތަކާއި ޚުދު އިހުސާންގެ ލޮލަށް ފެނުނު މަންޒަރުތައް ގަބޫލުކުރެވެން ފެށިއެވެ. ޒޫނާ ވިހެއީ އިންސާނެއް ނޫނެވެ. އެހެންވުމުން އޭގެ "ދުނިޔެއަށް" އޭތި ދިޔައީއެވެ.

"މަންމަ އިހަށް ކޮޓަރިން ނުކުމެބަލަ!" އިހުސާން އެދުނެވެ.

އިތުރު ބަހެއް ބުނުމަކާ ނުލައި ސަކީނާ ނުކުތެވެ. އިހުސާން ކޮޓަރީގެ ދޮރު ލެއްޕިއެވެ.

"އަހަންނަށް ހީވަނީ އަހަރެން ނޭހިޔަސް ޒޫނާ އެބަޖެހޭހެން އަހަންނަށް ވަރަށް ބައިވަރު ވާހަކަ ކިޔައިދޭން." ޒޫނާގެ އެނދު ކައިރިއަށް ހުއްޓިފައި އިހުސާން ބުންޏެވެ.

ޒޫނާ ވިސްނައިލަން އިރުކޮޅެއް ނެގިއެވެ. އެ އަށް ފަހު ކިޔައިދޭން ފެށިއެވެ. އެންމެ ފުރަތަމަ ޖިނާ ފެނުނު ހިސާބުން ފެށިގެން، ޖެނީ ގޮވައިގެން ޖިނާ ދިޔަ ހިސާބަށް ޒޫނާ ކިޔައިދިނެވެ. ވަރަށް ކުރުކޮށެވެ. އިހުސާން ކަނުލައި އަޑުއަހަން އިނެވެ.

"ހީ ވެސް ނުކުރާ ވަރުގެ ބޮޑު އަނދިރިގަނޑެއްގަ މަ ބަހައްޓައިގެން ޒޫނާ ތި އުޅުނީ." އިހުސާން ބުންޏެވެ.

"އަހަންނަށް ވެސް ހަމަ ތިހެން ބުނެވިދާނެ." ޒޫނާ ދަނޑިވަޅުގެ ބޭނުން ހިފިއެވެ.

އިހުސާނަށް ލިބުނީ ސިހުމެކެވެ. ދެވަނަ ސިކުންތުގައި އިހުސާންގެ ހިތަށްއެރިއެވެ. އެނގުނު ކަމަކަށް ނަހަދާނަމެވެ.

"ކޯޗެއް ބުނެވިދާނެ؟" އިހުސާން އެހިއެވެ.

"އިހުސާން ކޮންކަމެއް އަހަންނަށް ސިއްރުކޮށްގެން ތި އުޅެނީ؟" ޒޫނާ ކުރިމަތި ކުރުވީ ބޮޑު ސުވާލެކެވެ. "އަދިވެސް ސާފެއް ނުވޭ؟ ކިތެއް އަނބިން ތިބޭހޭ؟ ކިތެއް ދަރިން ތިބޭހޭ؟"

"މުޅިއެކު ދެ އަނބިން،" އިހުސާން ވަގުތުން ޖަވާބުދިނެވެ. "ތީ މަގޭ ހަގު އަނބި. ތިބޭނެ ދެ ދަރިން."

ޒޫނާއަށް ލޯމަރައިލެވުނެވެ. ޖިނާ ނުބުނި ނަމަ އެ ސިއްރު ބޭޒާރެއް ނުވީހެވެ. ޒޫނާއަށް މާ ބޮޑަށް އިހުސާނަށް އިތުބާރު ކުރެވުނީއެވެ.

"ކީއްވެ އަހަންނަށް އޮޅުވާލީ؟" ޒޫނާ ރޮމުން އެހިއެވެ.

"މަ ބުނިންތަ އެހެން އަންބެއް ނުހުންނާނޭ؟" އިހުސާން ވެސް ކުރީ ސުވާލެކެވެ. "ނުބުނަން. ދުވަހަކު ވެސް ނުބުނަން. ގަދަކަމަކުން ނޫނޭ ޒޫނާޔާ އިނދެގެން މި އުޅެނީ. ޒޫނާ ބޭނުން ގޮތަކަށް އުޅުމުގެ ފުރިހަމަ އިޚުތިޔާރު ޒޫނާ އަށް އޮންނާނެ. އޭރު ވެސް މިހާރު ވެސް. ޒޫނާ ބޭނުންތަ މަށާ އިނދެގެން އުޅެން؟"

ޒޫނާ ބޯޖަހައިލިއެވެ. ވީ ހުރިހައި ކަމަކަށް ފަހުގައި ވެސް ޒޫނާގެ ފިރިއެއްގެ ގޮތުގައި އިހުސާން ހުރެއްޖެ ނަމަ، އެ ވަރު ފިރިއެއް ނުލިބޭނެކަން ޒޫނާއަށް ވިސްނެއެވެ.

"އެއީ ކީއްވެ؟" އިހުސާނަށް ލިބުނީ ހައިރާންކަމެކެވެ.

"އަހަރެން ބޭނުން މާޒީ ހަނދާންނައްތާލަން،" ޒޫނާ ބުންޏެވެ. "މަށަށް ހީވަނީ އިހުސާން ވެސް ބޭނުންވާނީ އެ ގޮތްހެން. އެހެން ނޫން ނަމަ އަނބިދަރިން ދޫކޮށްލާފަ އިހުސާން މި ތާކު ނުހުރީސް."

އެ ވަގުތު ސަކީނާ ދޮރު ހުޅުވައިލިއެވެ. އެހެންނަމަވެސް، އެތެރެއަށް ނުވަނުމަށް އިހުސާން އިޝާރާތް ކުރުމުން އަނެއްކާ ވެސް ދޮރު ލެއްޕިއެވެ.

"އަނބިދަރިންނާ ދުރުގަ އުޅެން މަޖުބޫރުވާ ހާލަތު ވެސް ހުންނާނެ،" އިހުސާން ދިނީ މާނައިން ފުރިގެންވާ ކަހަލަ ޖަވާބެކެވެ. "އެ ވާހަކަ އިހަށް ބާއްވާ! މަގޭ އަންބެއް ގޮތުގަ ހުންނަން ބޭނުން ކަމަށް ވަންޏާ، ޖިންނި އަންދާލަން ޒޫނާ ޖެހޭނެ އެހީވާން."

"ތިހެން ނުބުނޭ!" ޒޫނާގެ ހިތަށް ބިރުވެރިކަން ވަނުމުން ވައިއަޑުން ޒޫނާ ބުންޏެވެ. "އަޑުއިވިދާނެ!"

"މަށަށް ހެވޭ އަޑުއިވުނަސް،" އިހުސާން ވަރަށް ބާރަށް ބުންޏެވެ. "މަގޭ ގަޔަކު އަތެއް ނުލެވޭނެ!"

ކުއްލިއަކަށް ގެއިން ކަރަންޓު ދިޔައެވެ. މުޅި ތަން އަނދިރިވިއެވެ.

"އިހުސާން!" ޒޫނާ ގޮވައިލިއެވެ.

ކޮންމެވެސް އެއްޗެއް ނިކަން ބާރަށް ދޮރުގައި ޖެހުނު އަޑު އިވުނެވެ. އިހުސާން ހަޅޭއްލަވައިގަތް އަޑު ވެސް އިވުނެވެ. އެއްޗެއް ބިންދައިގެންދިޔަ އަޑު ވެސް އިވުނެވެ.

"އިހުސާން!" އަޑުގެ ކޮޅަށް ޒޫނާ ގޮވިއެވެ.

"ދޮރު ހުޅުވަބަލަ!" ދޮރުގައި ތަޅައިގެންފައި ސަކީނާ ގޮވައިލި އަޑު އިވުނެވެ.

ކަރަންޓު އައެވެ. އިހުސާން އޮތީ ދޮރު ކައިރިއަށް ވެއްޓިފައެވެ. އެއްވެސް ހަރަކާތެއް ނުކުރެއެވެ. އިހުސާންގެ މޭމަތީގައި މަކުނެއް ކަހަލަ އެއްޗެއް އަރާ އިނެވެ. ޒޫނާ ހަޅޭއްލަވައިގަތެވެ.

"މަންމާ! މަންމާ!" ޒޫނާ ހުއްޓައިނުލައި ގޮވިއެވެ.

އިހުސާން ވެއްޓިފައި އޮތް ގޮތުން ދޮރެއް ނުހުޅުވެއެވެ. އިހުސާންގެ މޭ މަތީގައި އިން މަޚްލޫޤު ފުންމައިގެން އެރީ ފާރަށެވެ. އަދި މަޑުމަޑުން މައްޗަށް އަރަން ފެށިއެވެ.

"އަހަރެން އަދި އަންނާނަން!" ތޫލި އަޑަކުން އޭނަ ބުންޏެވެ.

ޒޫނާއަށް އެންމެ ފަހުން ފެނުނު މަންޒަރަކީ ހޯނެއް ދުއްވައިގަންނަހެން އޭނަ ދުއްވައިގަތް ތަނެވެ. އެ ހިސާބުން ގެއްލުނީއެވެ. ޒޫނާއަށް ހީވީ މުޅި ތަނަށް އަލިގަނޑެއް އަރައިގެންދިޔަހެންނެވެ. ކަންފަތަށް ވަރަށް ތޫލި އަޑެއް ވެސް އެރިއެވެ.

އާ އެޕިސޯޑު

ރޭގަނޑުގެ ވަގުތެވެ. މާލޭގެ މަގުތަކާއި ގޯޅިތައް ވަރަށް ހަލަބޮއްޔެވެ. އިންޖީނުލީ އުޅަނދުތައް ކޮޅުކޮޅަށް ދުވަމުން ދިޔައެވެ. ކޮންމެ މީހަކު ވެސް އުޅެނީ އެ މީހަކު ބޭނުންވާ ތަނަކަށް އަވަހަށް ނުދެވިގެންނެވެ. ކޮޅަށް ނަގައިފައިވާ ޢިމާރާތްތަކުގެ މަތިން ބަލައިލާއިރު ޢިމާރާތްތައް ހީވަނީ އަލިފާންފޮށިތަކެއްހެންނެވެ. ހިނގައިފައި ދާ މީހުން ހީވަނީ މޮހޮރުތަކެއް ހެންނެވެ. ފިހާރަތަކުން ނުކުމެފައިވާ އައްޔާއި، މަގުގެ ދެ ފަރާތުގައި ދިއްލައިފައިވާ ހޮޅިބުރިތަކުގެ އަލިން މަގު އޮތީ ހުޅުދާން ވެފައެވެ. މަޖީދީމަގުގެ މެދެއްހާ ހިސާބުގައި މީހުން ތޮއްޖެހިފައި އޮތެވެ. މަގު ހުރަސްވެފައި އޮތް ބޮޑު ލޯރިއެއްގެ ފުރޮޅު ފަޅައިގެން ދިޔައީއެވެ. ދެ ފަރާތުން އައި ކާރުތަކާއި ސައިކަލުތައް އޮތީ ހުއްޓިފައެވެ. ބަރުގޮނުގެ އަޑު އެހާ ގަދައެވެ. އެ ފަދަ ދަނޑިވަޅެއްގައި އިސް އުފުލައިލައި ޖައްވާ ދިމާއަށް ބަލައިލަން ބޭނުންވާ އެކަކު ވެސް ނެތެވެ. ޖައްވު އޮތީ އަނދިރިކޮށެވެ. ހަމަހިމޭންކޮށެވެ. ކުއްލިއަކަށް ދެ އަލިގުޅަ ހުރަސްކުރިތަން ފެނުނެވެ. އެއް އަލިގުޅަ ތަންކޮޅެއް ކުޑައެވެ. ދިޔަ ބާރުމިނުގައި ގޮސް ހެދިގޮނޑުދޮށާ ދިމާއަށް ތިރިވެލިއެވެ. އޭރު ގޮނޑުދޮށުގައި ދެ މީހަކު އިށީނދެގެން ތިއްބެވެ. އެ މީހުންނަށް އަލިގުޅަ ފެނުނެވެ. އެކަކުއަނެކަކަށް ދައްކައިލިއެވެ. ފަތްތަކުގައި ޖެހޭ ހިސާބުން އަލިގުޅަ ދިޔައީ، ދެ މީހުންގެ މޫނަށް ވެސް އަލިއެޅޭ ހިސާބުންނެވެ. ފަތްތައް ވިއްސިވިހާލިވެގެން ދިޔައެވެ. އަލިގުޅަ އެރީ މައްޗަށެވެ. ޢިމާރާތްތަކާއި ނިވާވަމުން، ފެނިގެއްލެމުން ގޮސް ދަރުބާރުގެއާ ދިމާއަށް ތިރިވެލިއެވެ. އުސް ޢިމާރާތެއްގައި ހުޅުވިފައި ހުރި ދޮރެއް ކައިރިން ނިކަން ބާރަށް ހުރަސްކޮށްލިއެވެ. އަންހެނަކު ހަޅޭއްލަވައިގަތް އަޑު އިވުނެވެ. ކުޑަ އަލިގުޅަ ވެއްޓުނު ތަން ފެނުނީ، ގޮނގުރެޓުގެ މަސައްކަތް ނިމިފައި ހުރި އުސް ޢިމާރާތެއްގެ އެންމެ މައްޗަށެވެ. އަނެއް އަލިގުޅަ އަނބުރައިލައިފައި އައިސް އެ ދިމާއަށް ތިރިކޮށްލިއެވެ. ވަށައިގެން ކަނޑު ފެންނަން އޮތް އެ ޢިމާރާތުގެ ހާމަފެންޑާ މަތީގައި ތިބީ ޖެނީއާއި ޖިނާއެވެ. ޖެނީ ހުރީ ކަޅުކުލައިގެ ހެދުމެއްގައެވެ. ޖިނާ ހުރީ ރަތްކުލައިގެ ގޮޅިޖެހި، އަތްދިގު ގަމީހެއްގައެވެ. ކަޅު ޖިންސުގެ ތަންތަންކޮޅުން ކުލަ ފޭދިފައި ހުއްޓެވެ. ކޮނޑާ ހަމައަށް ހުރި ކަޅުކުލައިގެ އިސްތަށިގަނޑުގައި އޮފެއް ހުއްޓެވެ. މޫނު ތާޒާކަމުން ހީވަނީ ދެންމެ ފެންވަރައިގެން ނުކުތްހެންނެވެ.

"ކިހިނެއްވީ ދަރިފުޅާ؟" ޖިނާ އެހިއެވެ. "މިރޭ އަދި ޖެހޭނެއްނު ކަނޑުމައްޗަށް ވެސް އަރަން. ވިލިނގިއްޔާ ހުޅުމާލެއަށް ވެސް ޖެހޭނެ ޖައްސައިލަން."

ޖިނާ ހުރީ ވަރަށް އުފާވެފައެވެ. ފޫހިކަމުގެ އެއްވެސް އަސަރެއް ޖިނާގެ މޫނުމައްޗަކުން ނުފެނެއެވެ. ދާހިތްވާ ތަންތަން ބައިވަރެވެ. ބަލާހިތްވާ ތަންތަން ވެސް އެހާމެ ގިނައެވެ. ދަރިފުޅާ އެކުގައި ރަށް މަތިން ދަތުރުކުރުމަކީ ޖިނާގެ ހިތަށް އެންމެ ފިނިކަން ލިބޭ ކަންތަކެވެ. ޒޫނާ ދެކެ ކިތަންމެ ފޫހިވިޔަސް، ޒޫނާގެ ބަނޑުން ވިހޭ ދަރިފުޅު ދެކެ ޖިނާ ވާ ލޯބި ދުވަހަކަށް ވުރެ ދުވަހެއް ވީ އިތުރެވެ. އެ ދަރިފުޅު އުފަލުގައި ބެހެއްޓުމަކީ، އަބަދުވެސް ޖިނާ އެންމެ ކުރާހިތްވާ ކަންތަކެވެ. ކޫރުމެއް ވެސް އެ ދަރިފުޅުގެ ގައިގައި އެޅުމަކީ ޖިނާގެ ހިތަށް ކުޅަދާނަ ކަމެއް ނޫނެވެ. ޒޫނާއާއި ޖިނާގެ މެދުގައި މައްސަލަޖެހެން ދިމާވި އެންމެ ބޮޑު ސަބަބަކީ ވެސް އެއީއެވެ.

"ދަރިފުޅާ!" ވަރަށް ލޯބިން ޖިނާ ގޮވައިލިއެވެ. "ކީއްވެ އެއްޗެއް ނުބުނީ؟"

ނުނިމޭ