ފަތިސް · 04:44

ފަތިސްހަނދުވަރު

އިއްޔެ އާ ގުޅޭ


ޖެނީ އެނބުރިލިއެވެ. އޭރު ޖެނީގެ ލޯ ހުރީ ކަރުނުން ތެމިފައެވެ. ޖިނާއަށް ލިބުނީ ހައިރާންކަމެކެވެ. ދަރިފުޅުގެ ހިތަށް ތަދުވާން ޖެހޭ ކަހަލަ އެއްވެސް ކަމެއް ނުވެއެވެ. އެކަމަކު ޙަޤީޤަތުގައި އެ ކަރުނަ ކިޔައިދެނީ ކޮން ވާހަކައެއްކަން ޖިނާއަށް އެނގެއެވެ. އެނގޭކަމަށް ހެދެން ބޭނުން ނުވީއެވެ.

"ލޮލަށް އެއްޗެއް ވެއްޓުނީތަ ދަރިފުޅާ؟" ދަރިފުޅުގެ ލޮލުން ކަރުނަ ފުހެދެމުން ޖިނާ ބުންޏެވެ. "އެއްކަލަ މީހުން މިރޭ ތިބޭނެ އަލިގުޅަ ބަލަން ނުކުމެ. އެ މީހުން ބިރުން އަނބުރައިގަންނަ ވަރު ކޮށްލަން ޖެހޭނެ. ހުންނާނެ ފޯރި."

ކަރުނަ ފުހެދިނުމަށް ފަހު ޖެނީގެ ކޮނޑުގައި ޖިނާ ފިރުމައިލިއެވެ. ޖެނީ ގާތަށް ވަގުތުން ރުޅިއައެވެ. ބައްޕަގެ އަތް ފޮޅުވައިލިއެވެ.

"ބައްޕާ!" ޖެނީ ހިތުގައިޖެހިފައި ބުންޏެވެ. "އަހަންނަކަށް ނޫޅެވޭނެ މިހެނެއް. މީ ވަރަށް އުނދަގޫ ގޮތެއް. އަހަރެން އުފަލެއް ނުވޭ! އުފާވާ ކަމަށް ހެދިގެން އުޅެނީ. މިހާރު ވަރުބަލިވެއްޖެ!"

ޖިނާގެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވިއެވެ. އެހާ އަވަހަށް ބަލި ގަބޫލުކުރާ ހިތެއް ޖިނާ ނުވިއެވެ. ދަރިފުޅު ބުނަން އުޅެނީ ކީކޭކަން ޖިނާއަށް އެނގެއެވެ. ޖިންނިޔަކަށް ވީމައެއް ނޫނެވެ. ދަރިފުޅު ދެކެ ނިހާޔަތަށް ލޯބިވާ ބައްޕައަކަށް ވީތީއެވެ. ދަރިފުޅުގެ ވިސްނުމާއި، މިޒާޖާއި، ބަހުރުވަ ހިތުދަސް ބައްޕައަކަށް ވީތީއެވެ.

"އެއީ ކީއްވެ ދަރިފުޅާ؟" ޖިނާ ސުވާލުކުރިއެވެ. "ކިހާ މަޖާ! ކިހާ އުފަލުގަ އަހަރުމެން މި އުޅެނީ؟ އެއްވެސް ބިރެއް ނެތް. ހާސްކަމެއް ނެތް. ކިހާ މިނިވަން."

ޖެނީ ރޯން ފެށިއެވެ. ބައްޕައަށް ކަރުނަ ފޮރުވުމުގައި ކުރިން ކާމިޔާބު ހޯދި ނަމަވެސް ދެނެއް އެ ކަމެއް ނުވިއެވެ. ހިފެހެއްޓިފައި ހުރި ހުރިހައި ކަރުނައެއް ލޮލުގެ ތަންމަތި ދޫކޮށް ބިމަށް އޮހޮރެން ފެށިއެވެ.

"އެހެންނުވާނެ ބައްޕާ!" ބައްޕަ ކުރިމަތީގައި އެއްވެސް އެއްޗެއް ބުނަން ޖެހިލުން ނުވާ ޖެނީ ބުންޏެވެ. "ތި ހަދަނީ ހުސް ދޮގު. އަހަރުމެންނަކަށް އެއްވެސް އުފަލެއް ނުލިބޭ. އަހަރުމެން މި އުޅެންޖެހެނީ އުފާވާކަމަށް ހެދިގެން. ބައްޕަ އަބަދު ތި މަސައްކަތް ކުރަނީ އަހަރެން އުފާކުރެވޭތޯ! ރުއްސޭތޯ! އަހަރެން އަބަދު މި އުޅެނީ އަހަރެން މިހިރީ އުފާވެފަކަމަށް ދެއްކޭތޯ! އަހަރުމެން މި އުޅެނީ އަހަރުމެންނަށް އޮޅުވައިލައިގެން. މަންމައަށް ވީ ގޮތް އަހަރުމެން ހަނދާނެއް ނުނެތޭ! މަންމަ އުޅޭ ހާލު ބައްޕަ ވެސް ހަނދާނެއް ނުނެތުނު."

ޖިނާ އެއްޗެއް ނުބުނެ އަޑުއަހަން ހުރީއެވެ. އިންސާނަކާއި ޖިންނިއެއްގެ ނަސްލު ހިއްސާކުރާ ޖެނީއަކީ ކިހާ ތޫނުފިލި ކުއްޖެއްކަން ޖިނާއަކަށް ނުއޮޅެއެވެ.

"އަހަރެންގެ ލޮލުން ކަރުނަ އަޔަސް އަހަރެން ރޮނީ ކީއްވެގެންތޯ އަހާކަށް ވެސް ބައްޕައަކަށް ނުކެރޭ،" ޖެނީގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. "ބައްޕަ ހީކުރަނީ.. ބައްޕަ ހީކުރަނީ ވާ ކަމެއް ނުވާ ކަމަކަށް ހެދީމަ ނިމުނީއޭ."

ދަރިފުޅު ދެކެ ޖިނާ ކިތަންމެ ލޯބިވިޔަސް ދަރިފުޅުގެ ކިބައިގައި ހުންނަ ބޯހަރުކަމަކީ ޖިނާ ގަޔާވާ ސިފައެއް ނޫނެވެ. އެހެންނަމަވެސް އެ ސިފަޔަކީ ޖިނާގެ ފަރާތުން ޖެނީއަށް ވާރުތަވެފައިވާ ސިފައެކެވެ.

"އާނ ބައްޕަ ބޭނުމެއް ނޫން، ދަރިފުޅު ތި ރޮނީ މަންމަ ހަނދާން ވެގެންހޭ އަހާކަށް،" ރުޅިއައިސްފައި ޖިނާ ބުންޏެވެ. "އަހަރެންގެ ދިރިއުޅުމަކަށް ޒޫނާއެއް ދެނެއް ނާންނާނެ. ދަރިފުޅަށް އަޑުއިވިއްޖެތަ؟ އެ މަންމަ ދެނެއް ބައްޕަގެ ދިރިއުޅުމަކަށް ނާންނާނޭ! ދަރިފުޅު ޖެހޭނީ މަންމަ މަތިން ހަނދާން ނައްތާލަން."

"ކީއްވެތަ ބައްޕާ؟" ޖެނީ އެހިއެވެ.

"ކީއްވެހޭ؟" ހައިރާންވެފައި ޖިނާ އެހިއެވެ. "ބައްޕަ ހަމަ ހައިރާން ވެއްޖެ ދަރިފުޅު ތި ސުވާލު ކުރީތީ ވެސް. ހިތްދަތިކަމާ، މަލާމާތާ، އަނިޔާ ނޫން އެއްޗެއް އޭނަގެ ފަރާތުން އަހަރުމެންނަށް ލިބުނުތަ؟"

ޖެނީ އިސްޖަހައިލިއެވެ. ދިފާޢުގައި ދެއްކޭނެ ވާހަކައެއް ނެތީމައެވެ. ޖިނާގެ ކަރު ކައިރިން މޭމަތީގައި ޖިނާ ފިރުމައިލިއެވެ. އެއީ ޒޫނާ އަންދާލި ތަނެވެ. ލަކުނު ލާފައި ހުރި ނަމަވެސް، އެ ހަނދާންތައް ޖިނާގެ ހިތުގައި ވަރަށް ތާޒާއެވެ. ޖެނީއަށް އެ ހުރިހައި ކަމެއް އެނގެއެވެ. ބައްޕައަށް ޓަކައި ޖެނީގެ ހިތް އޮތީ ހަމްދަރުދީން ފުރިފައެވެ. ބައްޕަ ދިން އޯގާތެރިކަމުގެ ބަދަލުގައި ބައްޕައަށް ލިބުނީ ފަޟީހަތާއި އަނިޔާއެވެ.

"އަހަރުމެން ހީކުރި ގޮތެއް ނުވިޔޭ ބައްޕާ!" ޖިނާއަށް ވިސްނައިދޭން ޖެނީ މަސައްކަތް ކުރިއެވެ. "މަންމަ ކިތަންމެ ގޯހަސް މަންމަ މަތިން އަހަންނަކަށް ހަނދާން ނައްތައެއް ނުލެވުނު. ނޭނގެ ކީއްވެގެން ކަމެއް. މިހާރު މަންމަޔާ ވަކިވިތާ ތިން އަހަރު މި ވީ. އެކަމަކު، ހުވަފެނުން މަންމަ ނުފެންނަ ހަމަ އެންމެ ރެޔެއް ވެސް ނުދޭ!"

"ހީކޮށްލާ މަންމަ ވެސް އެއީ އަހަރުމެން ދުށް ރީތި ހުވަފެނެކޭ." ޚިޔާލަކަށް ގެއްލިފައި ހުރި ޖިނާ ބުނެލިއެވެ.

"މަންމަ ގާތަށް ދާން އަހަރެން ބޭނުން ބައްޕާ!" އާދޭހާ އެކުގައި ޖެނީ އެދުނެވެ. "ޕްލީޒް!"

ޖިނާ ގާތަށް އަނެއްކާ ވެސް ރުޅިއައެވެ. ޒޫނާގެ ޚިޔާލުތައް ހިތުން ފުހެލައި ޙަޤީޤަތާ ކުރިމަތިލިއެވެ.

"ދާން ބޭނުމޭ ބައްޕަ ވެސް،" ޖިނާ ބުންޏެވެ. "އެކަމަކު މަންމަ ލޯބިވީ ޖެނީދެކެއެއް ނޫން. ސާޖިދު ކޮއްކޮ ދެކެ. ބައްޕަ ދެކެއެއް ނޫން. ސާޖިދުގެ ބައްޕަ ދެކެ. ކީއްކުރަން އާދޭސްކުރަން މަންމަ ގާތަށް އަނެއްކާ ދާންވީ؟ އަހަރުމެންނަށް މަންމަ ކަންތައް ކުރި ގޮތް ދަރިފުޅު ހަނދާން ނެތުނީތަ؟"

"އެ ދުވަސް މިހާރު މާޒީ ވެއްޖެއްނު ބައްޕާ!" ޖެނީ ވަރަށް މަޑުމައިތިރިކަމާ އެކުގައި ބުންޏެވެ. "ބޭބެ ވެސް، ސާޖިދު ކޮއްކޮ ވެސް މިހާރު މަރުވެއްޖެ!"

އެ ދެބަފައިން މަރުވި ހާދިސާ ޖިނާގެ ލޯކުރިމަތީގައި ވިދުވަރެއްހެން ފިޔަޖަހައިލިއެވެ. ސާޖިދު މަރުވީ އިހުސާން ހެދި ފަންޑިތައެއްގެ ސަބަބުންނެވެ. އިހުސާނަކީ ޒޫނާގެ ފިރިމީހާއެވެ. ޖެނީ އޭރު އުޅުނީ އިހުސާންގެ ގޭގައެވެ. ޖެނީއާ ދޭތެރޭގައި އިހުސާނަށް ޝައްކުވީއެވެ. ޖެނީއަކީ އަވަށްޓެހި ކުއްޖެއް ކަމަށް ހީވީއެވެ. އެހެންނަމަވެސް ނުބައިކޮށް ފަންޑިތަ ހެދުމުގެ ސަބަބުން ފަންޑިތައިގެ ސިކާރައަކަށް ވީ ސާޖިދެވެ. ޒޫނާއާއި އިހުސާންގެ ހަމައެކަނި ދަރިފުޅެވެ. ޒޫނާ ހީކުރީ ސާޖިދު މަރައިލީ ޖިނާ ކަމަށެވެ. ޖެނީގެ ހިތުގަޖެހޭ ކަހަލަ ކަންކަން ޒޫނާ ކުރާތީ އެ ކަމުގެ ބަދަލުހިފުމުގެ ގޮތުންނެވެ. އިހުސާން މަރުވީ ޒޫނާ ވިހޭ ދެވަނަ ދަރިފުޅުގެ އަތުންނެވެ. ޖެނީއާ ޚިލާފަށް ޖެނީގެ ކޮއްކޮއަކީ އަވަހަށް ބަދަލުހިފާ ކުއްޖެކެވެ.

"ބައްޕާ!" ވިސްނައިދޭ ކަހަލަ ރާގެއްގައި ޖެނީ ބުންޏެވެ. "މަންމައަށް މިހާރު އަދަބު ދެވިއްޖެ! ދެން ހިނގާ މަންމައަށް އެހީވަމާ! ހިނގާ މާފުކުރަމާ ބައްޕާ! މަންމަ ހާދަ މިސްވެޔޭ!"

"އަހަރެން ވަނީ ފޫހި!" ޖިނާ ރުޅިއައިސްފައި ބުންޏެވެ.

"އެހެންނުވާނެ،" ޖެނީއަކަށް ގަބޫލެއް ނުކުރެވުނެވެ. "ދޮގުނަހަދާ ބައްޕާ! މަންމަ ދެކެ ފޫހިވާ ނަމަ ބައްޕަ ތި ސިފަޔަކު ނޫން އަބަދު ހުންނާނީ. ތީ ބައްޕަގެ އަސްލު ސިފައެއް ނޫނެއްނު!"

"އާނ!" ޖިނާ ވެސް އެ ކަމާ އެއްބަސްވިއެވެ. "މީ މަންމައަށް ކަމުދިޔަ ސިފަ. ބައްޕަ ދެކެއެއް ނޫނޭ މަންމަ ލޯބިވީ. މަންމަ ލޯބިވީ އެ ރަށަށް އައިސް އުޅުނު ޓީޗަރެއް ދެކެ. ބުނެވިދާނެ މަންމައަށް ބައްޕަ އޮޅުވާލީއޭ ވެސް. ސިކުންތަކު ދެ ފަހަރު މަންމަ އެ ވާހަކަ ގޮވާލާނެ."

ކުއްލިއަކަށް ޖިނާ ސިފަ ބަދަލުކޮށްލިއެވެ. އިސްކޮޅުން ދިގު، ބިޔަ ޖިންނިއެއްގެ ސިފަޔަށެވެ. ޖިނާ ލައިގެން ހުރި އަންނައުނު ވައިތެރެއަށް ފޭދިގެން ގޮސް ގެއްލުނެވެ. މުޅި ގައިގަ ހުރީ ޒާތެއްގެ ދުއްޔެއް ކަހަލަ އެއްޗެއް ލެއްވިފައެވެ. އޭގެ މަތިން ތުނި ހުޅުނބުތަކެއް ކަހަލަ އެއްޗެއް ހުއްޓެވެ. އަތުގެ އިނގިލިތައް ހިމަވެފައި ދިގެވެ. ނިޔަފަތިތައް ތޫނެވެ. ނިތްކުރި ތަނަވަހެވެ. ދެ ލޯ ބޮޑެވެ. ކަންފަތުގެ ފޫޅާއި ދަތްތަކުގެ ކޮޅު ހިމައެވެ. ފައި ހުރީ އަހުގެ ފައި ހުންނަ ގޮތަށެވެ. އެ ސިފަޔަށް ބަދަލުވުމުން، ކުރިން ވާހަކަދެއްކިހެން ޖިނާ ވާހަކައެއް ނުދައްކައެވެ. އެކަމަކު ޖިނާގެ އަޑު ޖެނީއަށް އިވެއެވެ. ހީވަނީ އެއީ ޖެނީގެ ހިތަށްއަރާ އެއްޗެއް ހެންނެވެ. ބައްޕައަށް ޖެނީ ޖަވާބުދެނީ ވެސް ހިތުންނެވެ. ހަމަހިމޭން ބަހުރުވަޔަކުންނެވެ.

"ދަރިފުޅަށް ހީވޭތަ މިހެން ހުއްޓާ މަންމަ ލޯބިވާނެހެން؟" ހިތުގެ ބަހުރުވައިން ޖިނާ ބުންޏެވެ. "ނުވާނެ. އެކަމަކު މަންމައަކަށް މި ސިފައެއް ނުދައްކަމޭ! ދެން ކީއްވެހޭ މަންމަ އެހާ ރުޅިއަންނަނީ؟ ޖަވާބު ބުނަންތަ؟ އަހަރުމެން ދެކެ މިހާރު މަންމަ ފޫހިވަނީ. އަހަރުމެން ވެސް އޭނަ ދެކެ ފޫހިވާން ދަސްކުރަންވީ! ހިނގާ އޭނަ ހަނދާން ނައްތާލަމާ!"

"އެ ކަން ވާނެތަ؟" ޖެނީ ރައްދުކުރީ ސުވާލެކެވެ.

"އާނ އާނ!" ޖިނާގެ އަޑު ހީވީ ގުގުރިއެއް ހެންނެވެ. "ވާން ޖެހޭނީ!"

ކުއްލިއަކަށް ޖިނާ ވަރަށް ބާރަށް މައްޗަށް އަރައިގެން ދިޔައެވެ. ހީވަނީ ހަވަޔެއް ޖައްވަށް އަރައިގެން ދިޔަހެންނެވެ. ޖެނީ ހުރި ފިޔަވަޅު މަތީގައި ހުއްޓެވެ.

"ކޮންމެވެސް ދުވަހަކުން ބައްޕަ ޖެހޭނީ ތި ޚިޔާލު ބަދަލުކުރަން." ހިތާހިތުން ޖެނީ ބުނެލިއެވެ.

ޖިނާގެ އަލިގަނޑު މައްޗަށް އަރައިގެން ގޮސް އޮބައިލިއެވެ. އުސް އިމާރާތުގެ ހާމަފެންޑާގައި ހުރީ ޖެނީ އެކަންޏެވެ. ޖެހެމުންދިޔަ ފިނި ރޯޅީގެ ވަޔާ އެކުގައި ޖެނީގެ ފަން އިސްތަށިގަނޑު ވަޔާ ވިހުރިވިހުރި ހުއްޓެވެ.

ޙަޤީޤީ ޖިނާއަކީ ޚިޔާލީ ސިފައެއް ނޫނެވެ. ދިރިހުރި އިންސާނެކެވެ. ޖިނާ ދިރިއުޅެނީ މާލޭގައެވެ. އޭނައަކީ ފިރިއެކެވެ. ޒުވާން ތިން ކުދިންގެ ބައްޕައެކެވެ. ޖިނާގެ ތިން ދަރިންގެ ތެރެއިން ޝާޒްލީއަކީ ޖިނާގެ ހުރި ހަމައެކަނި އަންހެންދަރިފުޅެވެ. ޒަމާނީ ރަހަތަކާ ގަޔާވާ، އިނގެރޭސި ފިލްމު ބަލަން ޝައުޤުވެރިކަން ހުންނަ ކުއްޖެކެވެ. އާދައިގެމަތިން ޝާޒްލީ އިނީ ފިލްމު ބަލާށެވެ. ޝާޒްލީ ތަނެއްގައި އިށީނދެގެން އިނދެއްޖެއްޔާ ޝާޒްލީ ގެންގުޅޭ ބުޅާ އޮންނަނީ އުނގުގައެވެ. ކަންނެތްކަމާ އެކުގައި ލޯ ހުޅުވައިގެން އޮތް ބުޅަލުގެ ލޯ ހުޅުވައިގެން އޮތުމަކަށް ކުޅަދާނައެއް ނުވިއެވެ. އެންމެ ފަހުން ލޯމަރައިލިއެވެ. އުމުރުން ސަތާރަ އަހަރުގެ ޝާޒްލީ އިނީ ބުޅަލުގެ ބޮލުގައި ފިރުމާށެވެ. އޭރު ޓީވީން ފެންނަނީ، ފިލްމު ޓައިޓޭނިކުގައި އެންމެން ކަނޑުވެގެން އުޅޭ މަންޒަރެވެ. ޝާޒްލީގެ އަނެއް އަތް އޮތީ، ކައިރީގައި ހުރި ތެއްލި ބަނބުކެޔޮ ދަޅުގެ އެތެރޭގައެވެ.

ނުނިމޭ